Tharaaveeh namaadhuge maaikan
image
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ތަރާވީޙް ނަމާދުގެ މާތްކަން

ތަރާވީޙް ނަމާދަކީ ރަމަޟާން މަހަށް ހާއްސަވެފައިވާ ނަމާދެކެވެ.  އެމަހެއްގައި ޤުރުއާން ބާއްވާލެއްވި މައްސަރުގައި ޤުރުއާނާއި މެދު ވިސްނައި ފިކުރު ހިންގުމަށް އޮތް މޮޅު އިތުރުގޮތެކެވެ.
ތަރާވީޙް ނަމާދަކީ ސުންނަތް ނަމާދެކެވެ. އަދި ތަރާވީޙް ނަމާދު ކުރުމަށް ކީރިތި ރަސޫލާ ސ.އ.ވ. ވަރަށް ބޮޑަށް ބާރު އަޅުއްވައެވެ. އެކަލޭގެފާނު ހަދީޡްކުރެއްވިއެވެ.

(مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ) މާނައަކީ: “ދަރުމަ އާއި ޘަވާބަށް އެދިގެން ރަމަޟާންމަހު ރޭއަޅުކަން ކޮށްފި މީހެއްގެ އިސްވެދިޔަ ހުރިހާ ފާފަ ތަކެއް މާތް ﷲ ފުއްސަވައިދެއްވާނެއެވެ”.

މީގެ އިތުރުންވެސް އުއްމުލް މުއުމިނީން އާއިޝާ ރަޟިޔަﷲ އަންހާ ރިވާކުރައްވާފައިވެއެވެ. ރަސޫލާ ސ.އ.ވ. ހަދީޡް ކުރެއްވިއެވެ.

"ނަމާދުގެ ތެރޭގައި ޤްރުއާން ކިޔެވުން ނަމާދުގެ ބޭރުގައި ޤްރުއާން ކިޔެވުމަށްވުރެ ހެޔޮކަންބޮޑެވެ." (އަލްބައިހަޤީ: ޖިލްދު: 2)

މަތީގައި ވާރިދުވެފައިވާ ހަދީޡް ބަސްފުޅުތަކުން ތަރާވީޙް ނަމާދުގެ މުހިންމުކަން އެނގިގެންދެއެވެ. އަދި ތަރާވީހް ނަމާދުގައި ޤުރުއާން ކިޔެވުމާއި ޤްރުއާން އަޑުއެހުމުގެ މުހިންމުކަންވެސް ހާމަވެގެން ދެއެވެ.

ރަސޫލާ ސ.އ.ވ.ގެ ހަޔާތްޕުޅުގައި ތަރާވީޙް ނަމާދު ޖަމާއަތުގައި ކުރުން އާއްމުވެފައެއްނުވެއެވެ. އެހެންނަމަވެސް އެކަލޭގެފާނުގެ މިސްކިތްކޮޅުގައި އެކަލޭގެފާނު ޖަމާއަތް ހައްދަވައިގެން ތަރާވީޙް ނަމާދު ދުވަސްކޮޅެއްވަންދެން ކުރެއްވިކަމަށް ވެއެވެ. އެހެންނަމަވެސް ފަހުން ޖަމާއަތުގައި ތަރާވީޙް ނަމާދު ކުރެއްވުން ދޫކޮށްލެއްވީއެވެ. ސަބަބަކީ ކޮބައިތޯއެވެ؟ އިލްމުވެރިން ވިދާޅުވާ ގޮތުގައި އެކަލޭގެފާނު ޖަމާއަތުގައި ތަރާވީޙް ނަމާދު ކުރެއްވުން ދޫކޮށްލެއްވީ މީސްތަކުންގެ މައްޗަށް އެނަމާދު ފަރުޟު ވެދާނޭތީއެވެ.
 
އެހެންނަމަވެސް، ރަސޫލާ ސ.އ.ވ ސުވަރުގެ ވަޑައިގަތުމަށްފަހު، މިހާރު މިކުރެވޭގޮތަށް ތަރާވީޙް ނަމާދު ކުރުން އާއްމުކުރެއްވީ މުސްލިމުންގެ ދެވަނަ ޚަލީފާ އަމީރުލް މުއުމިނީން އުމަރުބުނުލް ޚައްތާބު ރަޟިޔަﷲ އަންހުގެ އިސްނެންގެވުމަކަށެވެ. އެކަލޭގެފާނު މީސްތަކުން އެއްކުރައްވާ ޖަމާއަތުގައި ތަރާވީޙް ނަމާދު ކުރެއްވިއެވެ. އަދި އެކަލޭގެފާނަށްފަހު މުސްލިމުންގެ ތިންވަނަ ޚަލީފާ އަމީރުލް މުއުމިނީން ޢުޡްމާންބިން ޢައްފާން ރަޟިޔަﷲ ޢަންހު އާއި، ހަތަރުވަނަ ޚަލީފާ އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހު ވެސް އެކަން ތަޞްދީޤު ކުރައްވައި ދެމެހެއްޓެވިއެވެ. އެގޮތުން ޖަމާޢަތުގައި ކުރެވޭ ތަރާވީޙު ނަމާދަކީ އަލްޚުލަފާއުއް ރާޝިދޫންގެ ސުންނަތަކަށްވިއެވެ. އަދި އިޝާ ނަމާދަށްފަހު ޖަމާއަތުގައި ތަރާވީޙް ނަމާދުކުރުން މުޅި އިސްލާމީ އުންމަތުގައި އާދަޔަކަށްވިއެވެ.
 
ތަރާވީޙް ނަމާދު މިގޮތަށް ޖަމާއަތުގައި ކުރުން އާއްމުވުމުގެ ސަބަބުތަކުގެ ތެރޭގައި ކީރިތި ޤުރުއާން ރައްކާތެރި ކުރެއްވުމުގެ ހިކުމަތް އެކުލެވިގެންވާކަމަށް އިލްމުވުރިން ވިދާޅުވެއެވެ. އެހެނީ، ތަރާވީސް ކުރުމަށްޓަކައިވެސް ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ ރޫހު އުންމަތުގައި އާއްމުވެގެންދިޔައެވެ.

މީގެއިތުރުން ތަރާވީޙް ނަމާދަކީ އުންމަތުގެ ތެރޭގައި ޤުރުއާނީ ފިކުރު ހޭލައްވައިލުމުގެ އިންޤިލާބީ ޒަރީއާއެއްކަމަށް ބައެއް އިލްމުވެރިން ވިދާޅުވެއެވެ. އެހެނީ އާއްމުކޮށް ތަރާވީޙް ނަމާދު ކުރެވެނީ ކީރިތި ޤުރުއާނުގެ ހާފިޒަކު އިމާމުވެ ހުރެއެވެ. އޭނާ މައުމޫމުންނަށް އަޑުއިވޭވަރަށް ބާރަށް ޤުރުއާން ކިޔަވައެވެ. އަދި ޤުރުއާން ކިޔަވަމުން އަޑުއަހަމުންދާއިރު މީސްތަކުންގެ ވިސްނުން ފިތުރީގޮތުން ޤުރުއާންގެ މާނައާދިމާއަށް ދެއެވެ.

ތަރާވީޙް ނަމާދަކީ އެ އަޅުކަމުގައި ޤާއިމުވާ މީހާއަށް އޮތް މަތިވެރި އަޅުކަމެކެވެ. ރަސޫލާ ސ.އ.ވ. ހަދީޡްފުޅު ކުރެއްވިއެވެ.

"مَنْ قَامَ مَعَ الْإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ" މާނައީ: "މީހަކު ރޭ އަޅުކަމުގައި އިމާމާގެ ފަހަތުގައި ފެށީއްސުރެ ނިމެންދެން ޤާއިމްވެއްޖެ ނަމަ، އެ މީހަކަށް މުޅި ރޭ އަޅުކަން ކުރެވުނު ކަމުގައި ލިޔެވިދެ އެވެ."

މި ބޮޑުވެގެންވާ ނިޢުމަތް މުއުމިން އަޅާ ދޫކޮށްލަން ހެޔޮނުވާނެ އެވެ.
ހިޔާލު