JSC gai innavaa Lawyer gulheygothun committee gai mashvaraa koffi
image
ބާ ކައުންސިލްގެ މެމްބަރުން ޖުޑީޝަރީ ކޮމެޓީގައި--
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

ޖޭއެސްސީގައި އިންނަވާ ގާނޫނީ ވަކީލާ ގުޅޭގޮތުން ކޮމެޓީގައި މަޝްރާކޮށްފި

ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އިންތިހާބު ކުރެވޭ ގާނޫނީ ވަކީލުގެ ޝަރުތުތަކާމެދު ބާ ކައުންސިލާއިއެކު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓިގައި މަޝްވަރާ ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން އިއްޔެ ބޭއްވި ބައްދަލުވުމަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ހިމެނޭ ހުރިހާ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެޓީގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަސްވަރާ ކުރައްވާފައިވަނީ ގާނޫނީ ވަކީލުގެ ތެރެއިން ޖޭއެސްސީއަށް އިންތިހާބު ކުރާ ގާނޫނީ ވަކީލުގެ އުމުރާ ގޮތުންނާއި ކޯޓުތަކުގައި ވަކާލާތު ކުރުމާއި ގުޅޭ ގޮތުން ނެވެ.

ޖުޑީޝަރީ ކޮމެޓީން މިހާރު ދިރާސާ ކުރަމުންދާ ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، އިތުރަށް ދިރާސާ ކުރުމަށް ހޮވާފައިވާ ކުޑަ ކޮމެޓީން މިވަގުތު ނިންމާފައިވަނީ، ޖޭއެސްސީއަށް އިންތިހާބު ކުރާ ގާނޫނީ ވަކީލަކީ އުމުރުން 40 އަހަރު ވެފައިވާ މީހެއް ކަމުގައި ވުމާއި، އަދި ޖޭއެސްސީއަށް އިންތިހާބު ކުރެވޭ ގާނޫނީ ވަކީލަށް ކޯޓުތަކުގައި ވަކާލާތު ނުކުރެވޭނެ ކަމަށް ނިންމާފައިވާ ނިންމުމެވެ. ނަމަވެސް އެ ނިންމުންތަކަކީ އަދިވެސް މަޝްވަރާ ކުރެވެމުންދާ ކަންކަންކަމަށްވާތީ، އެ ނިންމުންތަކަކީ ބަދަލު ކުރެވިދާނެ ނިންމުންތަކެއް ކަމަށް އެ ކޮމެޓީގެ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރަކަށް ވުމަށް 40 އަހަރު ކަނޑައެޅުމުން އެކަމާއި ބާ ކައުންސިލްގެ މެމްބަރުންގެ ހިޔާލު ވަނީ ތަފާތު ވެފައެވެ. ޖޭއެސްސީގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން އުމުރުން 25 އަހަރުން މަތީގެ މީހުންނަށް މެމްބަރަކަށް ވެއެވެ.

ޖޭއެސްސީގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު މޫސާ ސިރާޖު އެވެ.

ބާ ކައުންސިލްގެ ގިނަ މެމްބަރުން ވިދާޅުވީ އެމަގާމަކީ ގާނޫނީ ވަކީލުންގެ މެދުގައި އިންތިހާބެއް ބާއްވައިގެން އިންތިހާބު ކުރެވޭ މަގާމެއް ވުމުން ކޮންމެހެން ވަކި އުމުރެއް ކަނޑައެޅިގެން އޮތުން މުހިއްމު ނޫން ކަމަށެވެ. އަދި ޖޭއެސްސީއަށް އިންތިހާބު ކުރާ ވަކީލުގެ އިންޓެގްރިޓީ ޔަގީން ކުރަން އުމުރަށްވުރެ މުހިއްމު ކަންކަން އެބަހުރި ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ. ވަކި އުމުރެއް އޮތުމަށްވުރެން، އެ މެންބަރުގެ ގާނޫނީ ދާއިރާގެ ތަޖުރިބާއާއި ހިދުމަތް ކުރި މުއްދަތުގެ މުހިއްމުކަން ބޮޑުކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.

ކޯޓުތަކުގައި ގާނޫނީ ވަކީލުކަން ނުކުރެވޭނެ ކަމަށް ބަޔާން ކޮށްފައިވާ މާއްދާއާ ގުޅިގެން ޖުޑީޝަރީ ކޮމެޓީގެ މެމްބަރުން ވިދާޅުވީ މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ދައުލަތުގެ ބަންޑާރަ ނައިބު ފިޔަވައި ޖޭއެސްސީގެ އެއްވެސް މެމްބަރަކަށް ކޯޓުތަކުން ވަކާލާތު ނުކުރެވޭގޮތް ހެދުމަކީ ރަނގަޅު ކަމެއް ކަމަށް ފެންނަ ކަމަށެވެ.

އެ އިސްލާހަށް ބާކައުންސިލްގެ ބައެއް މެމްބަރުންގެ ވާހަކަ ދެއްކެވި ނަމަވެސް އެއިސްލާހު އެގޮތަށް ބޭއްވުމާމެދު މާބޮޑު މައްސަލައެއް ފާހަގަ ކުރައްވާފައެއް ނުވެއެވެ.

ބާ ކައުންސިލުންނާއި ޖުޑީޝަރީ ކޮމެޓީގެ މައިގަނޑު އަމާޒަކީ އަދި ވާހަކަތައް ބައްޓަން ކުރައްވާފައި ވަނީވެސް، ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުން މިނިވަންކަމާއެކު އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ހުށަހެޅޭ މައްސަލަތަކަށް ގޮތް ނިންމޭނެ ފަނޑިޔާރުގެއެއް ހޯދުމާއި ޖުޑީޝަރީގައި ހުރި މައްސަލަތަކަށް އަވަސް ހައްލެއް ލިބި ރައްޔިތުންނަށް އަދުލްއިންސާފު ގާއިމު ކޮށްދިނުމެވެ.
ހިޔާލު