Nukulhedhun therikan huri meehaku jalah laafa!
image
މާފުށީ ޖަލު--
މާއިދާ މުހައްމަދު ރަޝާދު
3 ކޮމެންޓް
 

ނަފްސާނީ ނުކުޅެދުންތެރިކަން ހުރި މީހަކު ޖަލަށް ލާފައިވާ މައްސަލައެއް ފެންމަތިވެއްޖެ!

ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ އަދި ރަނގަޅަށް ވާހަކަ ނުދެއްކޭ މީހަކު ޖަލަށްލާ ޖަލުގެ ތެރޭގައި އޭނާއަށް އަނިޔާކުރާ ކަމަށް އާއިލާއިން ތުހުމަތުކޮށްފި އެވެ.
އެމީހާގެ ބައްޕަ ސީއެންއެމް އަށް މައުލޫމާތު ދިން ގޮތުގައި އޭނާ ޖަލަށް ލާފައި ވަނީ މަސްތުވާތަކެތި ބޭނުންކުރާ ބަޔަކާއެކު ހުރި މައްސަލައަކާ ގުޅިގެންނެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހިނގި އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ތިން އަހަރުގެ ހުކުމެއް އައިސްފައި ވާއިރު، އޭނާ ޖަލުގައި ހުންނަތާ މިހާރު އެގާރަ މަސް ވަނީ ވެފަ އެވެ.

"އޭނާއަކީ ކުޑައިރުއްސުރެ މޮޔަ ކުއްޖެއް. ސްކޫލު ތެރޭގައި ބުލީ ކުރާތީ ގްރޭޑު ހަތަރަކާ ހަމައަށް އޭނާ ސްކޫލަށް ދިޔައީ ވެސް. ފަހުން ނުދިޔަ ސްކޫލަކަށް ވެސް. މާލޭގެ މަގުތަކުގައި އުޅޭނެ އޭނާ އަބަދުވެސް ވިހި ރުފިޔާ ދޭށޭ ކިޔާނީ. ހަމައެއް ނުވާނެ،" އޭނާގެ ބައްޕަ ބުންޏެވެ.

އޭނާއަކީ ނަފްސާނީ ނުކުޅެދުންތެރިކަން ހުރުމުގެ އިތުރަށް ވާހަކަ ވެސް ނުދެއްކޭ މީހެއްކަމުން އެކަމުގެ ތަހުގީގުކުރުމަށް އޭނާއާ ސުވާލުކުރެވުނު ގޮތަކާއި ޝަރީއަތް ހިންގުނު ގޮތާ މެދު ސުވާލު އުފެދޭ ކަމަށް އޭނާގެ ބައްޕަ ބުންޏެވެ.

އޭނާގެ ދަރިފުޅަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ކަރެކްޝަނުގައި ބުނެފައި ވާތީ އެކަމުގެ ރިޕޯޓުތައް ގެންނަން ކަރެކްޝަނުން އަންގާފައިވާ ކަމަށް އެމީހާ ބުންޏެވެ.

"މި މީހުން މި ބުނަނީ ރިޕޯޓުތައް ދައްކާށޭ. އޭނަ މިހުންނަނީ އެމީހުންގެ ބެލުމުގެ ދަށުގައި. އާއިލާގެ ބެލުމުގެ ދަށަކު ނޫން މިހުރީކީ. އެމީހުން ޖަލަށް ނަފްސާނީ ޑޮކްޓަރަކު ގެންގޮސްގެންވެސް އެބަ ޖެހޭދޯ މި ޓެސްޓުތައް ހަދަން މީހަކު މިވަރަށް ކިޔާއިރު،" އެމީހާ ބުންޏެވެ.

އެމީހާ ބުނީ އޭނާގެ ދަރިފުޅުގެ މަންމައަކީ ވެސް ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމުން އެ އަންހެން މީހާ މިހާރު ހުރީ ގުރައިދޫ މަރުކަޒުގައި ކަމަށެވެ.

އޭނާ އިތުރަށް ބުނީ ޖަލުގައި އޭނާގެ ދަރިފުޅަށް އަނިޔާ ކުރާ ކަމަށެވެ. އެގޮތުން ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ވެސް ގޮޅީގެ ތެރޭގައި ބަޔަކު އަނިޔާ ކުރުމުން އޭނާގެ ނިތްކުރި މަތި ދުޅަވެފައިވާ ކަމަށެވެ.

"ގޮޅިތަކުގައި އުޅޭ މީހުން ވެސް އެބަ ގުޅައޭ އަހަރެމެންނަށް. އޭނާއަށް ރޭގައި ވެސް އަނިޔާކޮށްގެން ނިތްކުރި މަތި ދުޅަވެފަ އޮތް ވާހަކަ ބުނި. އެތާ ތެރޭގައި ވެސް އޭނާ ހުންނަ ގޮތުން އެމީހުން ބުލީކުރޭ،" އެމީހާ ކިޔައިދިނެވެ.

"ޖަލުގައި އަނިޔާ ކުރުމަށް ވުރެ އަހަންނަށް ރަނގަޅު އޭނާ އަހަންނާ ހަވާލުކުރިޔަސް. ނޫނީ ގުރައިދޫ މަރުކަޒަށް ލިޔަސް،" އޭނާ އިތުރަށް ފާހަގަކުރި އެވެ.

އެކަމަކު ކަރެކްޝަނުން ވަނީ އާއިލާގެ ތުހުމަތު ދޮގުކޮށްފަ އެވެ. އެތަނުގެ މީޑިއާ އޮފިޝަލް ސީއެންއެމް އަށް ވިދާޅުވީ އެއީ ނުކުޅެދޭ މީހެއް ނޫން ކަމަށާއި އޭނާއަށް އަނިޔާވެސް ކޮށްފައި ނުވާ ކަމަށެވެ.

އޭގެ އިތުރުން އެ ގައިދީއަށް ރައްކާތެރިކަން ދޭން ޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ކަރެކްޝަނުގެ އޮފިޝަލް ވިދާޅުވި އެވެ.

"ހާއްސަ އެހީއަށް ބޭނުންވާ މީހެއް ނޫން. މިކޮޅުގައި އުޅޭ ނަފްސާނީ ބަލިތަކަށް ބޭސްކުރާ މީހުން ވެސް،" އޮފިޝަލް ވިދާޅުވި އެވެ. އެ ގައިދީއަކީ ވާހަކަ ދެއްކޭ މީހެއްތޯ އާއި ނަފްސާނީ ބައްޔެއް ހުންނަ މީހެއްތޯ ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވީ އެކަހަލަ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށެވެ.

ޖަލުގައި ހުރި މީހާގެ ބައްޕަ ސީއެންއެމް އަށް ކިޔައިދިން ގޮތުގައި އެ މައްސަލަ ވާނީ ކަމާ ބެހޭ އިދާރާތަކަށް ވެސް ހުށަހަޅާފަ އެވެ.

"މިދިޔަ ހައެއްކަ މަސް ދުވަހު ހިސާން [ޑިސްއެބިލިޓީ އެމްބެސެޑާ] އާއެކީގައި މިއުޅެނީ މިކަމެއްގައި. މިހާ ވަރަށް ތަންތަނަށް ގޮސް މިކަމުގެ ޝަކުވާ ކުރާއިރު ގައިމު ރަނގަޅެއްނު އެއީ ތެދެއްތޯ ބަލާލަން މި މީހުން ވެސް އުޅުނިއްޔާ،" އޭނާ އިތުރަށް ބުންޏެވެ.

ހިސާންގެ ފަރާތުން އެކަމަށް އެއްބާރުލުން ލިބޭކަން ފާހަގަކުރަމުން އެމީހާ ބުނީ، ބައެއް މިނިސްޓްރީތަކުން "މޮޔައިންގެ ކަންކަމުގައި އުޅެމުން ހިސާން ވެސް މޮޔަވެފައިވާ ކަމަށް" ބުނެ ޖޯކުވެސް ޖަހާފައިވާ ކަމަށެވެ.

އެ މައްސަލައާ ބެހޭ ގޮތުން ޖެންޑާ މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނީ އެފަދަ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

އެމީހާ ޖަލަށްލި މައްސަލައާ ގުޅިގެން ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރުމަށް ރައީސް އޮފީހުން އެޕޮއިންޓްމަންޓެއް ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ވެއެވެ.
ހިޔާލު

ނިޔާމަ

ތި ބައްޕަގެ ނުކުޅެދުންތެރިކަން މާބޮޑުކަމަށް އަޅުގަނޑަށް ޤަބޫލުކުވެނީ.

އާންމުން

ވާނެ ހައެތިވީމަ ކުއްޖާ މޮޔަ، ދައުލަތުންގެ ޒިންމާއެއް ކުއްޖާބެލުމަކީ. ފަރުދީ ޒިންމާ އެއީ އޮންނަ އެއްޗެއް ނޫން

ހާބުރި

ތި ވާނީ ހާބުރި ދަރި ރިފޫއަށް