BML inn Hulhumale ga dollaru ATM eh hulhuvaifi
image
އޭޓީއެމް ހުޅުވުމުގެ ތެރެއިން-- ފޮޓޯ: ބީއެމްއެލް
ފާތުމަތު ނަޒުފާ އިރުޝާދު
1 ކޮމެންޓް
 

ބީއެމްއެލް އިން ހުޅުމާލޭގައި ޑޮލަރު އޭޓީއެމް އެއް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭގެ ރެނާޓަސް އިތާމުތް ބިލްޑިން ގައި ޔޫއެސް ޑޮލަރަށް ހާއްސަ އޭޓީއެމް އެއް ހުޅުވައިފި އެވެ.
އޭޓީއެމް ރަސްމީކޮން އިފްތިތާހުކޮށް ދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ އެވެ.

މިއީ ބީއެމްއެލްގެ ހިދުމަތްތައް ހުޅުމާލެއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުވުނު އޭޓީއެމް އެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ހުޅުމާލޭގައި ހުޅުވިގެން ދިޔަ އެ އޭޓީއެމް އިން ކަސްޓަމަރުންނަށް ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމާއި ޓްރާންސްފާގެ ހިދުމަތް ވެސް ހޯދޭނެ އެވެ.

ހިދުމަތާ ގުޅޭ ގޮތުން ވާހަކަދައްކަމުން ޓިމް ވިދާޅުވީ އެ މަސައްކަތަކީ ކަސްޓަމަރުންނަށް ބޭންކިން ހިދުމަތް ލުއި ފަސޭހަކޮށްދިނުމަށް ކުރެވުނު މަސައްކަތެއް ކަމަށާއި ޑޮލަރުގެ ހިދުމަތް ތައާރަފް ކުރެވުމާއެކު އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށެވެ.

އޭގެ އިތުރުން އަހަރެއްހާ ދުވަސް ތެރޭގައި ޔޫއެސް ޑޮލަރު އޭޓީއެމްތަކުން 800،000 އަށް ވުރެ ގިނަ މުއާމަލާތް ކޮށްފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މިއީ ބީއެމްއެލްގެ ކަސްޓަމަރުންނަށް ބޭންކިން ޚިދުމަތްތައް ފަސޭހަ ކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް. ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތަޢާރަފްކުރި ދުވަހުން ފެށިގެން މި ޚިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުން. މިދިޔަ އަހަރެއްހާ ދުވަސްތެރޭ ޔޫއެސް ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 800,000 އަށްވުރެ ގިނަ މުއާމަލާތް ކޮށްފައިވޭ. އަދި ހަމަ މި މުއްދަތުގައި ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 490 މިލިއަން ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ ނަގާފައިވޭ. މި ތަފާސް ހިސާބުތަކަށް ބަލާއިރުވެސް ކަސްޓަމަރުން ބޭނުންވާ މިންވަރަށް އޭޓީއެމް މެދުވެރިކޮށް ޚިދުމަތް ދެވެމުންދާކަން ފާހަގަކޮށްލަން" ޓިމް ވިދާޅުވި އެވެ.

މި އޭޓީއެމް އާއެކު ބީއެމްއެލްގެ ހަތް އޭޓީއެމް ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ހުންނާނެ އެވެ.

ރާއްޖޭގެ 20 އަތޮޅުގައި މިހާރު ބީއެމްއެލްގެ 37 ބްރާންޗާއި 47 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 110 އޭޓިމް ހުރެއެވެ.
ހިޔާލު

މެސީ

ކޮބާ ނެއްތަ އައްޑޫ އައް