Baeh ehbbasvun thah uvaalaafai vanee zaathee vegen: Ali waheedh
image
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު -- ފޮޓޯ / މަޖިލިސް
0 ކޮމެންޓް
 

ޒާތީ ގޮތުން ކުންފުނިތަކާއި ޖައްސާލައިގެން އެއްބަސްވުންތައް އުވާލި: އަލީ ވަހީދު

ޒާތީ ގޮތުން ބައެއް ކުންފުނިތަކާއި ޖައްސަލާ އެ ކުންފުނިތަކަށް "އަނިޔާ" ދިނުމުގެ ނިޔަތުގައިވެސް ބައެއް އެއްބަސްވުންތައް ކުރީގެ ސަރުކާރުން އުވާލާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ދައުލަތުން ބަދަލު ދޭނެ އުސޫލުތަކެއް ކަނޑައެޅުމާ ގުޅޭ ގޮތުގެ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެ ބައްދަލުވުމަށް ކޮމެޓީން ވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް ހާޒިރު ކުރައްވާ ބަދަލު ދިނުމާއި ގުޅޭ ގޮތުން މެންބަރުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން ސުވާލު ކުރައްވާފައެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހާޒިރު ކުރެއްވީ އެންމެ ގިނައިން ބަދަލު ހޯދުމަށް އާބިޓްރޭޝަން ކޯޓުތަކާއި ރާއްޖޭގެ ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކުގެ އެއްބަސްވުން އުވާލުމުގެ ކަންކަން ހިމެނޭތީއެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ދައުލަތުން އެހާ ބޮޑެތި އަދަދުތަކުން ބަދަލު ދޭންޖެހޭ މައިގަނޑު ސަބަބު ހާމަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެކަން ކުރަންޖެހެނީ ކުރީ ސަރުކާރުގެ އަމަލުތައް ބައްޓަން ކޮށްފައި ހުރި ގޮތުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެއްބަސްވުންތައް އުވާލާފައި ވަނީ ހަމައެކަނި އެ މަޝްރޫއުތައް ހަވާލު ކޮށްފައިވާ ކުންފުނިތަކުން މަސައްކަތް ނުކުރާތީ ނޫން ކަމަށާއި ޒާތީ ގޮތުން ކުންފުނިތަކާއި ސަރުކާރާއި މެދު އޮންނަ ނަފްރަތު ކަމުގެ މައްޗަށް ބަލާފައިވެސް އެއްބަސްވުންތައް އުވާލާފައި އެބަހުރި ކަމަށެވެ. ނަމަވެސް އެކަންކަމުގެ ތަފްސީލެއް މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެއްބަސްވުންތައް ބާތިލް ކުރުމުގައި ބަންޑާރަ ނާއިބުގެ ލަފަޔަކީ މުހިއްމު އެއްޗެއް ކަމަށާއި ނަމަވެސް ކުރީގެ ސަރުކާރުން އެކަންވެސް ކުރީ ދިމާ އިދިކޮޅަށް ކަމަށެވެ. އެގޮތުން އެއްބަސްވުންތައް އުވާލުމުގައި ބަންޑާރަ ނާއިބުގެ ލަފާ އަހާފައި ނުވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން އެއްބަސްވުމެއް އުވާލާއިރު ނުވަތަ ބާތިލް ކުރާއިރު ގާނޫނާއި ގަވާއިދަށް އުވާނުލާނެކަން ހާމަ ކުރައްވާ މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ސަރުކާރުން ހަންކެޑެ މައްސަލައިގެ އެއްބަސްވުން އުވާލީ ބަންޑާރަ ނާއިބުގެ ލަފަޔާ އެކުގައި ކަމަށެވެ. އަދި އެ މައްސަލާގައި ކަން ހިނގާދިޔަ ގޮތުން ސަރުކާރުން އަމަލު ކޮށްފައިވަނީ ރަނގަޅަށްކަން ހާމަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހިޔާލު