Noosverikamuge dhuniyeyge haalathun fennany raajjeyge ves haalathu, 12 aharu fahathah!
image
0 ކޮމެންޓް
 

ނޫސްވެރިކަމުގައި ރާއްޖެއެކޭ ބޭރެކޭ ތަފާތެއް ނެތް، 12 އަހަރު ފަހަތަށް!

މިނިވަން ނޫސްވެރިކަމުގެ އަސާސްތައް ގާއިމްކުރިތާ މިއަދަށް 25 އަހަރު ފުރުނީ އެވެ. އެކަމަކު ނޫސްވެރިކަމުގެ މިނިވަންކަން ފާއިތުވި 12 އަހަރުގެ ތެރޭގައި ދަށަށް ނުދާހާ މިންވަރަށް މިދިޔަ 2015 ވަނަ އަހަރު ވަނީ ގޮސްފަ އެވެ.
ފްރީޑަމް ހައުސްގެ މިދިޔަ އަހަރުގެ ޕްރެސް ފްރީޑަމް ރިޕޯޓުގައިވާ ގޮތުން 2015 ވަނަ އަހަރު ނޫސްވެރިންގެ އަޑު ކަނޑުވާލުމަށް ސިޔާސީ ފަރާތްތަކާއި، ކުށްވެރިންނާއި، ޓެރަރިސްޓުން ދަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންނެވެ.


ދުނިޔޭގެ ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ދައްކުވައިދޭ ޗާޓު---

ދުނިޔޭގެ އާބާދީގެ ތެރެއިން ފުރިހަމަ މިނިވަން ނޫސްވެރިކަމެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިފައި ވަނީ އެންމެ 13 އިންސައްތަ މީހުންނަށެވެ. އެ 13 އިންސައްތަ މީހުން ދިރިއުޅޭ ސަރަހައްދުތަކަކީ ސިޔާސީ ފަރާތްތަކަށް ފާޑުކިޔާ ރިޕޯޓުތައް ލިޔުމުގެ މިނިވަންކަމާއި، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުވުމާއި، ދައުލަތުން ނުފޫޒުފޯރުވުން ނެތުމާއި، ގާނޫނީ އަދި އިގްތިސާދީ ފިއްތުންތަކަށް ކުރިމަތިލާން ނުޖެހޭ ސަރަހައްދުތަކެވެ.

ދުނިޔޭގެ އާބާދީގެ 41 އިންސައްތަ މީހުންނަށް ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް ލިބިފައިވާ ނޫސްވެރިކަމެއް ތަޖުރިބާ ކުރެވެ އެވެ. ބާކީ 46 އިންސައްތަ މީހުންނަކީ މިނިވަން ނޫސްވެރިކަމެއް ދެކިފައިވާ ބައެއް ނޫނެވެ.


ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފަހަތަށް ގޮސްފައިވާ ގައުމުތައް---

ފާއިތުވި އަހަރު ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ބޮޑަށް ފަހަތަށް ޖެހުނު ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް އޮތީ ހިމެނިފަ އެވެ. އެހެންކަމުން ވަކިވަކި ގައުމުތަކުގައި ނޫސްވެރިކަމުގެ ހާލަތު އޮތް ގޮތް ބަލައިލުން މުހިއްމެވެ.

ފްރާންސް

ޔޫރަޕްގެ ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ދާއިރާ އަކަށް ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ފެށިގެން ދިޔެއީ ފްރާންސްގެ ޝާލީ އިބްޑޫ މަޖައްލާގެ އޮފީހަށް ދިން ހަމަލާއާއެކު އެވެ. އެ ހަމަލާގައި އަށް ނޫސްވެރިން މަރުވި އެވެ. އެއާއެކު ހަމަނުޖެހުމާއި، ބިރުވެރިކަމާއި، ޓެރަރިޒަމް މަނާ ކުރާ ގާނޫނާއި، ސިޔާސީ އަދި ސަރުކާރުގެ ފިއްތުންތަކުގެ ސަބަބުން ފްރާންސްގެ މީޑިއާގެ މިނިވަންކަން ވަނީ ވަރަށް ބޮޑަށް ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ.މިސްރު

ސަރުކާރަށް ވަފާތެރި ބަޔެއްގެ ގޮތުގައި ދެމި ތިބުމަށް މިސްރުގެ ނޫސްވެރިންނަށް ދަނީ ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ. ދައުލަތުން ކޮންޓްރޯލް ކުރާ މީޑިއާތަކުން ސަރުކާރާ އެއްކޮޅު ހަބަރުތައް ފެތުރުމަށް މަޖުބޫރު ވެއެވެ. ރައީސް އަބްދުލް ފައްތާހް އަލް ސިސީ ވަނީ ނޫސްތަކުގެ އެޑިޓަރުންނާއި، ޓީވީ ޕްރެޒެންޓަރުންނާއި ވަކިން ބައްދަލުކުރައްވާ ސަރުކާރުން ބޭނުންވާ ކަންކަން ހިއްސާ ކުރައްވާފަ އެވެ. އިއްޔެ ވެސް ވަނީ ސަރުކާރަށް ފާޑުކީ ދެ ނޫސްވެރިން ހައްޔަރުކޮށްފަ އެވެ.


މިސްރުގައި ހައްޔަރު ކުރި އަލްޖަޒީރާގެ ތިން ނޫސްވެރިން---

ސީރިއާ

ދުނިޔޭގެ މިހާރު ނޫސްވެރިންނަށް އެންމެ ނުރައްކާތެރި ގައުމަކީ ސީރިއާ އެވެ. އެތަނުގައި މިދިޔަ އަހަރު އެކަނިވެސް 14 ނޫސްވެރިން މަރުވި އެވެ. އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ތުރުކީގައި ތިބި ސީރިއާގެ ތިން ނޫސްވެރިއަކު ވެސް މަރާލާފަ އެވެ.


ތުރުކީގައި މަރާލި ސީރިއާގެ ނޫސްވެރިޔާ---

ތުރުކީ

ތުރުކީ ގައި ރައީސް ތައްޔިބު އުރުދުގާން އަށް ވަފާތެރި ފުލުހުން ދަނީ ސަރުކާރަށް ފާޑުކިޔާ ނޫސްތައް ބަންދުކޮށް، އެތަންތަނަކީ ސަރުކާރަށް ސަނާކިޔާ ތަންތަނަށް ބަދަލު ކުރަމުންނެވެ. އެގޮތުން އޮކްޓޯބަރ 2015 ގައި ދެ ޓީވީ ޗެނަލަކާއި ދެ ނޫހެއް ދައުލަތުގެ އޮފިޝަލުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. މާޗް 2016 ގައި ތުރުކީގެ އެންމެ ބޮޑު ނޫސް "ޒަމާން" ވެސް ދައުލަތުގެ ދަށަށް ގެންދިޔަ އެވެ. އޭގެ އިތުރުން ރައީސްގެ އަބުރުފުޅާ ބެހުނު ކަމުގެ ތުުހުމަތުގައި ނޫސްވެރިންނަށް ދެކޮޅަށް 2،000 އަށް ވުރެ ގިނަ މައްސަލަ ދަނީ ބަލަމުންނެވެ.ރާއްޖެ

ފްރާންސާއި ސީރިއާގައި ނޫސްވެރިންތަކެއް މަރުވެފައިވާ ފަދައިން ރާއްޖޭގެ ނޫސްވެރިއަކު މަރެއް ނުވެ އެވެ. ނަމަވެސް އެންމެ 380،000 މީހުން ދިރިއުޅޭ ގައުމަކުން ނޫސްވެރިއަކު ގެއްލިގެން 600 އަށް ވުރެ ގިނަ ދުވަސްވުމަކީ ކުޑަ ކަމެއް ނޫނެވެ. މިސްރުގައިވާ ފަދައިން ސަރުކާރަށް ވަފާތެރި، ސަނާ ކިޔާ ބައެއްގެ ގޮތުގައި ނޫސްވެރިން ތިބުމަށް ފިއްތުންތައް ދަނީ އަންނަމުންނެވެ. ގާނޫނީ ގޮތުންނާއި އިގްތިސާދީ ގޮތުންނެވެ.

ހަމަ އެފަދައިން ހައްގުތައް ހޯދުމަށް އަޑުއުފުލުމުން ރާއްޖޭގައި ވެސް އެއް ފަހަރާ 16 ނޫސްވެރިން ހައްޔަރުކޮށްފި އެވެ. ދައުލަތުގެ ދަށަށް މީޑިއާ ސްޓޭޝަނެއް ގެންދިޔަ މަންޒަރު އަދި ފެނިފައެއް ނެތެވެ. ނަމަވެސް ޔަގީނުން ވެސް އެކަން ކުރުމަށް މަސައްކަތް ކުރާކަން އެނގެ އެވެ. ކޯޓު މެދުވެރިކޮށް ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު ބަންދުކޮށްފި އެވެ. ތުރުކީގެ "ޒަމާން" ނޫސް ބަންދުކުރުމާ މިކަމާ އޮތީ ކޮން ތަފާތެއް ހެއްޔެވެ؟އަބުރާ ބެހުމުގެ ތުހުމަތުގައި ނޫސްވެރިންނަށް ކުރިމަތިވާ ދަތި އުނދަގޫތައް ދަނީ ފެންނަމުންނެވެ. ރާއްޖޭގެ ނޫސްވެރިކަމުގެ ކުރިމަގު ވެސް ތަސައްވަރު ކުރެވެނީ ހަމަ ތުރުކީ ފަދައިންނެވެ. އަބުރުގެ ބިލް އަދި ކުރިއަށް އޮތީ އެވެ. އެ ބިލް ފާސްވެއްޖެ ނަމަ ނޫސްވެރިކަމަށް އޮތީ ކަޅު އަނދިރި ދުވަސްތަކެވެ.މިއަދު ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ދުނިޔޭގެ ގައުމުތަކުގައި ހިނގަމުންދާ ކަންކަމުން އިބުރަތް ލިބިގަނެ، ރާއްޖޭގެ ހާލަތު ރަނގަޅު ކުރަން މަސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާ އެކެވެ. ސަރުކާރަށް ބިނާ ކުރުވަނިވި ފާޑުކިޔަން ތިބޭނީ ނޫސްވެރިންނެވެ. ނޫސްވެރިން ނެތް ނަމަ ރައްޔިތުންނަށް ބޭނުންވާ ފުރިހަމަ މައުލޫމާތެއް، ކަމުގެ ދެ ފުށެއް ހާމައެއް ނުކޮށްދެވޭނެ އެވެ. ނޫސްވެރިން މިނިވަން ވުމަކީ ރައްޔިތުން މިނިވަން ވުމެވެ. ގައުމު މިނިވަން ވުމެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ނޫސްވެރިކަން ރާއްޖެ
ހިޔާލު