Suoodh ge thuhumathuthah balaa committee ge Raees akah AG Rifath
image
ސުއޫދުގެ ތުހުމަތުތައް ބަލާ ކޮމެޓީގެ ރައީސް އަދި އޭޖީ ރިފްއަތު.-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ސުއޫދުގެ ތުހުމަތުތައް ބަލާ ކޮމެޓީގެ ރައީސަކަށް އޭޖީ ރިފްއަތު

ޝަރުއީ ދާއިރާ އާއި ހާއްސަކޮށް ކްރިމިނަލް ކޯޓާއި، އެ ކޯޓުގެ ފަނޑިޔާރުންނަށް ތުހުމަތުކޮށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައްބަލާ ކޮމިޝަނުގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދޫ ދެއްކެވި ވާހަކަތަކުގެ ހަގީގަތް ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) އެކުލަވާލި ކޮމެޓީގެ ރައީސަކަށް އެ ކޮމިޝަނުގެ މެމްބަރު އަދި އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު މިއަދު އައްޔަން ކޮށްފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ޚަބަރެއްގައި ވަނީ، އެ ތުހުމަތުތައް ބެލުމަށް އެ ކޮމެޓީގެ ބައްދަލުވުމެއް މިއަދު ބޭއްވި ކަމަށެވެ. އެގޮތުން އެ ބައްދަލުވުމުގައި ސުއޫދު ފާހަގަ ކުރައްވާފައިވާ ކަންކަމުގެ ހަގީގަތް ހޯދައި، ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އެ ކަންކަމުގެ މައުލޫމާތާއި، ގުޅުންހުރި ހެކިތަކުގެ މައުލޫމާތު ހޯދަން ކޮމެޓީން ނިންމި ކަމަށް ޖޭއެސްސީން ބުނެ އެވެ.

އޭގެ އިތުރުން ސުއޫދުގެ ފަރާތުން ފޯރުކޮށްދެވެން ހުރި މައުލޫމާތާއި ހެކި ހިއްސާކޮށްދިނުމަށް އެދުމަށް އެ ކޮމެޓީން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެ އެވެ. އަދި ދައުލަތުގެ ތަހުގީގީ އިދާރާތަކާއި އެހެނިހެން ފަރާތްތަކުން ވެސް މައުލޫމާތު ހޯދަން އެ ކޮމެޓީން މިއަދު ވަނީ ނިންމާފަ އެވެ.

ފަނޑިޔާރުންނާ މެދު ކުރެވޭ ތުހުމަތުތަކަކީ ރައްޔިތުންގެ ނުހަނު ކަންބޮޑުވުން އެކަމުގައި ޝާމިލުވާ ކަމަކަށްވާތީ އާއި އެކަމުގެ ހަގީގަތް ހޯދުމަކީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ކަށަވަރުކޮށް، ޖުޑިޝަރީއާ މެދު އޮންނަ އިތުބާރު ދެމެހެއްޓުމަށް މުހިންމު ކަމެއް ކަމަށް ވާތީ އެ ކޮމެޓީގެ މަސައްކަތްތައް ހަލުވިކަމާ އެކު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެ އެވެ. އަދި އެ ކޮމެޓީގެ މަސައްކަތްތައް ކުރިއަށްދާގޮތް އާންމުކޮށް ހިއްސާ ކުރަން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.

އުއްތަމަ ފަނޑިޔާރާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވާ އެހެން ފަނޑިޔާރުން އައްޔަން ކުރުމާއި، ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތައް ބަލައި، އެ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ގާނޫނުން މަތިކޮށްފައި އޮންނަނީ ޖޭއެސްސީ އަށެވެ. އޭގެ އިތުރުން، މަގާމުން ވަކި ކުރަން ޖެހޭ ފަރާތްތައް މަގާމުން ވަކި ކުރުމަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުމަކީ ވެސް ޖޭއެސްސީގެ ޒިންމާއެކެވެ.

މަރުތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުއޫދު ވަނީ ފަނޑިޔާރުންނާ ގޭންގުތަކާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކޮށްފަ އެވެ. އަދި ގޭންގުތަކުގެ ނުފޫޒުގައި ޔަނޑިޔާރުން ކޯޓުތަކަށް އައްޔަން ކޮށްފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ސުއޫދުގެ ވާހަކަތަކާއި ގުޅޭގޮތުން ސްޕްރީމް ކޯޓުން ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ސުއޫދުގެ ވާހަކަތަކުގެ ހެކި އެކޯޓަށް ހުށަހެޅުމަށް މަރުތައް ބަލާ ކޮމިޝަނުގައި އެދިފައިވާ ކަމަށެވެ. އޭގެ އިތުރުން ސުއޫދުގެ ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް ކްރިމިނަލް ކޯޓުން ބުނެފައި ވެއެވެ.
ހިޔާލު