Bridge in Jinni fenun: baarah dhuhvumah fahu uzurakah dhahkaa bahanaaeh!
image
ހައިވޭގައި ފުރޮޅާލި ކާރު: އެ ކާރު ފުރޮޅާލީ މި މަހުގެ ހަތަރު ވަނަ ދުވަހު ހެނދުނު.-- ފޮޓޯ: ސޯޝަލް މީޑިއާ
7 ކޮމެންޓް
 

ބުރިޖުން ޖިންނި ފެނުން: ބާރަށް ދުއްވުމަށް ފަހު އުޒުރަކަށް ދައްކާ ބަހަނާއެއް!

މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެންމެ ބާރަށް ދިވެހިންގެ ތެރޭގައި ފެތުރުނު ވާހަކަ އަކީ ބުރިޖު މަތިން ދުއްވާފައިދާ މީހުންނަށް ޖިންނި ފެންނަ ވާހަކަ އެވެ. ނަމަވެސް މިއީ ހަގީގަތެއް ބާއްވަ އެވެ؟ ނުވަތަ ނުގަވާއިދުން، ބާރަށް ދުއްވުމަށް ފަހު ކަމެއް ވުމުން ޒިންމާ ނުނެގުމަށް އުޒުރެއްގެ ގޮތުގައި ދައްކާ ބަހަނާއެއް ހެއްޔެވެ.
ބުރިޖުމަތިން ޖިންނި ފެންނަ ކަމަށް ބުނާ ވާހަކަ ކޮންމެ ވެސް ވަރަކަށް ދެކެވެމުން ދަނިކޮށް، އެ ވާހަކަތައް ދިވެހި ވެބްސައިޓެއްގައި ޖެހުމުން ބާރު ސްޕީޑުގައި ފެތުރިގަތީ އެވެ. ނަމަވެސް އެ ލިޔުމުގައި އެ ވަނީ ހަމަ ހަގީގަތެއް ހެއްޔެވެ؟

އެ ލިޔުން ކިޔާލުމުން އެ ވާހަކަ މައިގަނޑު ގޮތެއްގައި ބިނާކޮށްފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު ބްރިޖް ހައިވޭ މަތިން ފުރޮޅާލި ކާރުގެ ޑްރައިވަރުގެ އިންޓަވިއު އަކަށް ކަމަށް ބުނެފައި ވެއެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ އަށް ފަރުހަކި ވަސް ދޮވުމަށް ފަހު ކާރު ކުރިމަތިން އަންހެނަކާއި ކުޑަ ކުއްޖަކު ފެނުނު ކަމަށް އެ ލިޔުމުގައި ބުނެ އެވެ.

"ލިބުނު ސިހުމާއެކު ފަހަތު ބުރަތްކާއި ހޭންޑް ބުރަކި އެއްފަހަރާ ޖައްސާ ހުންގާނު އަނބުރާލި އެވެ. ހަމައެއާއެކު ކާރު ފުރޮޅިގެންދިޔަ އެވެ. އޭގެ ފަހުން ވީގޮތެއް ކިޔައިދޭން ނޭންގޭކަމަށް އޭނާ ބުންޔެވެ." ކާރު ފުރޮޅާލީ ޖިންނި ފެނިގެން ކަމަށް ބުނެ އެ ވާހަކަތައް ލިޔުނު، ބުކްގޭޓްސް.ކޮމްގައި ބުނެފައި ވެއެވެ.

ނަމަވެސް އެއީ އެކަން ހިނގާދިޔަ ގޮތެއް ނޫނެވެ؛ އެއީ ސީދާ "ފޭކު ނިއުސް" އެއް ކަން ޔަގީނެވެ. އެ ލިޔުމުގައި އެކަން ހިނގީ ދަންވަރު 2:00 ހާއިރު މިހަކު ކާރުގައި ގޮސް، ބުރިޖުން ފޭބުމަށް ފަހު ހައިވޭ އަށް އަރަނިކޮށް ކަމަށް އެ ވެބްސައިޓުގައި ބުނެފައި ވެއެވެ. ނަމަވެސް ކަން ހިނގީ ދިމާ އިދިކޮޅަށެވެ.

ކާރު ފުރޮޅާލިތާ އިރުކޮޅެއްގެ ތެރޭގައި ނަގާފައިވާ ފޮޓޯތަކުން އެކަން ސާފެވެ. އެކަން ހިނގީ އެ ދުވަހު ހެނދުނު ވަގުތެއްގަ އެވެ. ދަންވަރަކު ނޫނެވެ. ދެން އޮތީ، ކާރު ދަތުރު ކުރި މަގެވެ. ކާރު އައީ ހުޅުމާލޭން ނައްޓާލައިގެން ބުރިޖަށް އަރާށެވެ؛ ބްރިޖް ހުރަސްކޮށްފައި ހައިވޭ އަށް އަރާކަށް ނޫނެވެ.

ދެން އެންމެ ގަދަޔަށް ދެކެވުނީ ފުލުހެއްގެ ސައިކަލު ފަހަތަށް ޖިންނިއެއް އެރި ވާހަކަ އެވެ. އެކަމަކު އެކަން ވެސް ކަށަވަރެއް ނުވެ އެވެ. ފުލުހުން ބުނީ ބުރިޖުމަތިން ޖިންނި ފެންނަ ކަމަށް ބުނާ މައްސަލާގެ އެއްވެސް ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

އާންމުކޮށް މީގެ ކުރިން ސައިކަލު ފަހަތައް ޖިންނި އަރާ ކަމަށް ބުނެ، ވާހަކަތައް ދެކެވެނީ އައްޑޫ ލިންކްރޯޑާ ގުޅުވައިގެންނެވެ. އެ މަގުގައި އެކްސިޑެންޓުތައް ގިނަވަނީ އެހެން ވެގެން ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ.

ބެލެވޭގޮތުގައި ބާރު ސްޕީޑުގައި ގަވާއިދާ ހިލާފަށް ދުއްވާ މީހުން ގިނަވެ، ބްރިޖާއި ހައިވޭ މަތީގައި އެކްސިޑެންޓުތައް ގިނަވުމުން، ބައެއް މީހުން ވަނީ ޒަމާނުއްސުރެ އައްޑޫ ލިންކްރޯޑާ ގުޅުވައިގެން ދެކެވޭ އެފަދަ ވާހަކަތައް "ބްރިޖާއި ހައިވޭ އަށް ފިޓް ކޮށްލާފަ" އެވެ.

ދެން އޮތީ އެ މަގުން ދާއިރު ފަރުހަކި ވަސް ދުވުމެވެ. އެކަމަކީ އެ މަގުން ދަތުރުކުރާ އެކަކަށް ވެސް އާ ކަމެއް ނޫނެވެ. ފަރާ އިންވެގެން ހިއްކާފައިވާ އެ މަގުން، ފަރު ހިކިފައި އޮންނަ ވަގުތުތަކުގައި ދަތުރު ކުރާއިރު އެ ވަސް ދުވަ އެވެ.

"ސީއެންއެމް" އިން ކުރި މަސައްކަތުން ބުރިޖު މަގުން ޖިންނީގެ އުނދަގޫވާ ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ އެއްވެސް ވާހަކައެއް މީހަކު ކިޔާދީފައެއް ނުވެ އެވެ. އެ މަގުން ދަންވަރު ދަތުރުކުރާ ގިނަ އަދަދެއްގެ ބަޔަކަށް ސުވާލު ކުރުމުން ވެސް އެފަދަ ކަމެއް މިހާތަނަށް ބުރިޖާއި ހައިވޭ މަތިން ތަޖުރިބާކުރި އެކަކާ ވެސް ދިމައެއް ނުވި އެވެ.

ޖިންނި ފެންނަ ކަމަށް ބުނާ ވާހަކަތަކުން ފައިދާ ނަގައިގެން ގަވާއިދާ ހިލާފަށް ދުއްވުމަށް ފަހު، ޒިންމާ ނުނަގަން އެކަން އުޒުރަކަށް ދައްކާ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހެ އެވެ. އަދި ބުރިޖާއި ހައިވޭން ޖިންނި ފެންނަ ކަމަށް ބުނާ ވާހަކަ އަކީ، ގަވާއިދާ ހިލާފުވުމަށް ފަހު ފިޔަވަޅުން ސަލާމަތް ވުމަށް ހުޅުވޭ ދޮރަކަށް ވެގެން ނުވާނެ އެވެ.

ނަމަވެސް މި ވާހަކަތައް އާންމުކޮށް ދައްކަން ފެށުމުން އެތައް ބައެއްގެ ހިތުގައި ވަނީ ބިރުވެރިކަން އުފެދިފަ އެވެ. އަދި އެފަދަ ބިރުވެރިކަމެއް އެ މަގުން ދާއިރު ހިތަށް ވަދެ، ބޮޑު ކަމެއް ހިނގާފާނެ ކަމަށް ބައެއް މީހުން ބުނެ އެވެ. އެހެންކަމުން އެ ފަދަ "ފޭކް ނިއުސް" ފަތުރައިގެން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފައްދާ ފަރާތްތައް ހޯދައި، ގާނޫނީ ހަރުކަށި ފިޔަވަޅު އަޅަން ޖެހެއެވެ.
ހިޔާލު

އަދަބު

އޭތި މީތި ބޮއިގެން ހަމައިންނެއްޓިގެން ތިބެ ދުއްވާމީހުން ވެސް އެގޮތަކުން މިގޮތަކުން ގިނަފަހަރަށް ސަލާމަތްވޭ. ސަލާމަތް ނުވާމީހާ ކަނޑު ދާއްބަ އާއި އިންޑިއާގެ ފްލޯކު ވާހަކަތަކުގެ މައްޗަށް ކުޅެފަ ހުންނަފިލްމުތަގުން ދައްކާ ވައްތަރު ވައްތަރު ގެ ހަނޑިތަކާ، ރަތްލިބާސް ލައިގެން ތިބޭ އަންހެނުންނާ އަދި ކަޅު ކުޑަ ފިރިހެން ކުދިންނާ ފެންނަވާހަކަ ބުނާނެ.

އިއްސެ

ހަމަ ސީދާ ޓެކްސީ ޑުރައިވަރުންގެ ކަމެއް

ހުސްދޮގު

ކާރު ފޮރޮޅާލީ ބާރަށް ދުއްވާފަގޮސް ސްނެޕް ކުރަން އުޅެނިކޮށް

ޖިންނި ކުއްޖާ

ޖިންނި ވެސް ޒަމާނާ އެއްވަރަށް ތަރައްޤީ ވެގެން ފަސޭހަކަމާއެކު އަވަހަށް ތަންތަނަށް ދާން ސައިކަލު ފަހަތަށް އަރަނީއޭ. ބާރަށް ދާ މީހެއްގެ ފަހަތަށް އެެރީމައެއް ނުން އަވަހަށް ދެވޭނީ އެހެންވެ އެކަހަލަ މީހުން ފަހަތަށް އެކަނި އަރަނީ.

ޢަލިކާ

ކާރު އެތެރޭގައި އިން މީހަކައް ބޭރުން ވަސް ދުވާފާނެ ބާ؟

އައްލާބެއްޔާ

ރަށުން ފުންމާލާގޮތައް ބުރިޖް އަލަށް ފެނުނީމަ ޖިންނި މޮޔަވަނީ!

ހަމްޕު

ޖިންނި ޝައިތާނުންނަކީ އުޅޭ އެއްޗެއް އެކަމަކު ތަންތަނަށް ދާން މީށްމީހުންގެ ފަހަތުން ސައިކަލް ކާރުތަކުގައި ދާކަމެއް އެނގިފައެއް ނެތް