އިންޑިއާ އިން ރާއްޖެ އަށް ދެމުން އަންނަ މާލީ އެހީތެރިކަން ހަތަރު ގުނަ އިތުރު ކުރަން އެ ގައުމުގެ ބަޖެޓުގައި ހިމަނައިފި އެވެ.
ހުކުރު ދުވަހު އިންޑިއާގެ އެކްޓިން ފިނޭންސް މިނިސްޓަރު ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައި މި އަހަރާއި އަންނަ އަހަރާ ދެމެދު ރާއްޖެ އަށް އެހީގެ ގޮތުގައި ދިނުމަށް 5.6 ބިލިޔަން ރުޕީސް (80.8 މިލިޔަން ޑޮލަރު) ހިމަނާފައި ވެއެވެ.
އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން ހީނަރުވެގެން ދިޔައިރު، އެ ގައުމުން ރާއްޖެ އަށް ދޭން ނިންމި 1.3 ބިލިޔަން ރުޕީސް (18.2 މިލިޔަން ޑޮލަރު) އަށް ވުރެ 460 ޕަސެންޓް އިތުރު އަދަދެކެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުން އެ ގައުމުން އުންމީދުކުރަނީ ރާއްޖޭގައި މިހާރު ފަށާފައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އެހީތެރިވުމަށެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހައުސިން އަދި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކާއި ރަށްރަށުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމަށް އިންޑިއާގެ އެހީތެރިކަމަށް އެދިފައި ކަމަށް ވެސް ބައެއް ނޫސްތަކުން ބުނެ އެވެ.
އިންޑިއާ އިން ރާއްޖެ އަށް ދޭ އެހީތައް ހަތަރު ގުނަ އިތުރުކުރަން ބަޖެޓްކޮށްފައިވާއިރު، ރައީސް ސޯލިހު މިދިޔަ ޑިސެންބަރު މަހު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ އިން ވަނީ ރާއްޖެ އަށް 1.4 ބިލިޔަން ޑޮލަރުގެ ކްރެޑިޓް ފެސިލީޓީ އެއް ވެސް ދީފަ އެވެ.
ބޭރު ގައުމުތަކަށް ދޭ އެހީތަކުގެ ތެރެއިން އެންމެ ބޮޑު އެހީތެރިކަމެއް އިންޑިއާ އިން ފޯރުކޮށްދެނީ ބޫޓާނަށެވެ. އެގޮތުން އިންޑިއާގެ ޚާރިޖީ އެހީގެ 40 ޕަސެންޓް ކަމަށްވާ 26.2 ބިލިޔަން އިންޑިއާ ރުޕީސްގެ އެހީ މި އަހަރު އެ ގައުމަށް ފޯރުކޮށްދޭން ބަޖެޓުގައި ހިމަނާފައި ވެއެވެ.