Izzatherin Geyga, Rayithun Vaanuvaaga
image
ފޮޓޯ: ކާވިންޓިއޯ ބްލޮގް ސްޕޮޓް
3 ކޮމެންޓް
 

އިޒަތްތެރިން ގޭގައި، ރައްޔިތުން "ވާނުވާގައި"!!!

ބޭފުޅުންނާ، އާންމުންނާއި އަޅުންގެ ދަރަޖާގައި އިންސާނުން އުޅެން ޖެހޭނެކަމަށް މި ތަހުޒީބީ ދުނިޔޭގައި މިހާރު މީހުންނެއް ގަބޫލެއް ނުކުރެއެވެ. އެހެން ނަމަވެސް ދިވެހިރާއްޖޭގައި ބޭފުޅުންނާއި އާންމުންގެ ފަރަގު އަދިވެސް އެބައޮތެވެ. ޝައްކެއްވެސް ނެތެވެ. ޔަގީނެވެ.
ބޭފުޅުން ވީމާ ގެއަށް، ޖަލުގައި ހުންނަވާނަމަ ފެންވަރުގެ އެޕާޓުމަންޓެއް:

ދައްކަން މިއުޅޭ ވާހަކައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ގެއަށް ބަދަލުކުރި ވާހަކައެވެ. ފެބުރުއަރީ 18 ވަނަ ދުވަހު ޝަރީއަތް ނިމެންދެން ރައީސް އަބްދުﷲ ޔާމިން ހައްޔަރުކޮށްފައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ "އެމަނިކުފާނުގެ" މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ތުހުމަތުތަކާ ގުޅުގިންނެވެ. މަނީ ލޯންޑަރިންއަކީ ކަޅު ފައިސާ ދޮވުމަށް ކިޔާ ނަމެކެވެ. ނަމަވެސް ޔާމިންއަށް ވާނުވާ ޖެހުމުން އެންމެ ކަނބޮޑުވީ އެއް ބޭފުޅަކީ "ރައްޔިތުންގެ" މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމެވެ. ވާނުވާގައި ހުންނަވައިގެން ރައީސް ޔާމިންއަށް "ވާނުވާ ޖަހައިގެން" ބޮޑާހޭކީއެވެ. އޭރު "ވާނުވާ ޖަހައިގެން" ޖަލުގައި 100 އަށްވުރެ ގިނަ ރައްޔިތުން ޖަލުގައި ތިބި ކަމަށް ވެއެވެ. ނަމަވެސް ގާސިމަށް އެ ރައްޔިތު މީހުން ޖަލުގައި ވާނުވާގައި ތިބިތިބުން މާ ބޮޑުކަމަކަން ވެގެން އެ ވާހަކައެއް މީޑިއާއަށް ފެންމަތިކޮށްފައިނުވެއެވެ.

"ވާނުވާ" އަކީ މުއްދަތެއް ނެތް ގޮތަށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރުމުން ކިޔާއެއްޗެކެވެ. ގާސިމް ބޮޑާ ހޭކެއްވުމުން "ކަޅުފައިސާ ދޮވެ ސާފުކުރުމުގެ ތުހުމަތުގައި" "ޖަލުގައި" (އޭސީ، ދޮންނަމެޝިނު، މާ ބަގީޗާ ފަދަ ތަންތަން ހުރި އެޕާޓުމަންޓުގައި) އޮންނެވި ރައީސް ޔާމިން އެމަނިކުފާނުގެ އަމިއްލަ ގަނޑުވަރަށް ބަދަލުކުރާށެވެ.

ދެން އޮތީ ރައީސްޔާމީނު އޮންނެވި "ޖަލު ގޮޅީގެ" ވާހަކައެވެ. އިސްވެ ދެންނެވެނުހެން މި ގޮޅިއަކީ ފެންވަރުގެ އެޕާޓުމަންޓެކެވެ. އެ އެޕާޓުމަންޓަށްވުރެ ދަތި ހާލުގައި ދިރިއުޅޭ އާންމު ރައްޔިތުން އެބަތިއްބެވެ. ރައީސް ޔާމީނުގެ ބޭބޭފުޅު ރައީސް މައުމޫނުވެސް ގޮޅީގައި އޮންނަވާނަމަ އޮންނަނީ މި ދަންނަވާ އެޕާޓުމަންޓުގައެވެ. ރައީސް ނަޝީދުވެސް އޮންނަވީ އެޕާޓުމަންޓުގައެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމާއި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ކާނަލް މުހައްމަދު ނާޒިމް ވެސް އޮންނެވީ ފެންވަރުގެ އެޕާޓުމަންޓެއްގައެވެ. މިއީ ބޭފުޅުންގެ ފެންވަރެވެ.

އެތައް ސަތޭކަ ދިވެހިން ވާނުވާގަ މަޖިލިސް ރައީސް ކަންބޮޑު ނުވޭބާ؟

ޔާމީން ޖަލުގައި "ވާނުވާގައި" އޮންނެވި އިރު އެކަން ކުށްވެރިކުރަން ވީޓީވީގެ ފަސް މަންޒަރު ޕްރޮގްރާމެއްގައި "ވާނުވާ" އާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނަރަލްކަން ކުރައްވާފައިވާ މަޝްހޫރު ގާނޫނީ ވަކީލު ހުސައިން ޝަމީމް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. އެ ޕްރޮގްރާމު ބޭއްވުނު މޮޔަ ގާސިމް އިބްރާހިމް ހީވާނެ ކަހަލައެވެ. ޝަމީމް ވަނީ "ވާނުވާގައި" ތިބި ހުރިހާ ދިވެހިންގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ.

ޝަމީމް ވިދާޅުވާގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދުވަސްވަރުން ފެށިގެން "ވާނުވާ" ޖެހުމުގެ ސަގާފަތް ދިވެހި ދައުލަތުގައިއޮތެވެ. އެކަން ރައީސް މައުމޫނުން، ރައީސް ނަޝީދުން، ރައީސް މުހަމަދު ވަހީދު ހަސަން މަނިކުން، ރައީސް ޔާމީނުން ގޮސް ރައީސް ސާލިހަށްވެސް ވާރުތަވީއެވެ.

މިހާރުވެސް 100 އަށްވުރެ ގިނަ މީހުން "ވާނުވާގައި" ގޮޅީގައި އެބަތިއްބެވެ. އެމީހުންގެ ތެރެއިން ގިނަ މީހުންނަކީ ހެއްކަށް ނުފޫޒު ފޯރުވޭ ވަރުގެ ތަނަވަސްކަން އޮތް މީހުންނެއްވެސް ނޫނެވެ. އެހެން ނަމަވެސް އާދައިގެ ދެރަނިކަމެއްޗެއް ވީމާ ކޯޓުގައި ތިއްބަވާ ގާޒީން "ވާނުވާ" ޖެއްސެވީމާ ގޮޅީގައި އޮންނަޖެހެނީއެވެ. އެމީހުން ތިބީ އާދައިގެ ގޮޅިތަކެއްގައެވެ. ގޮޅިތަކުގެ ހާލަތުގެ ވާހަކަ އެހެން ފަހަރަކުން ދައްކާނަމެވެ.


ތަހުޒީބު މުޖުތަމައުތަކުގައި "ވާނުވާ" ޖަހާތަ؟

މީގެ ހަފްތާއެއް ކުރިން ނިއުޒިލޭންޑުގައި ދިން ޓެރަރިސްޓު ހަމަލާގައި ހައްޔަރުކުރި ޓެރަރިސްޓު މީހާވެސް އޮތީ ވާނުވާ ޖަހާފައި ހެއްޔެވެ؟ ނޫނެކެވެ. އޭނާ ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން އެންގީ އަންނަމަހު ފަސް ވަނަ ދުވަހު އެ ގައުމުގެ މަތީ ކޯޓަކަށް ގެންދަން އޭނާ ބަންދުގައި ބަހައްޓާށެވެ. އަދި އޭގެ ފަހުން އޭނާގެ ބަންދާމެދު ގޮތެއް ނިންމާނީ މަތީ ކޯޓުންނެވެ. ތަހުޒީބު މުޖުތަމައުތަކުގައި ކަންކަން ކުރާ ގޮތަކީ މިއީއެވެ. ނުބައި ނުލަފާ ޓެރަރިސްޓު މީހާއަށްވެސް އޭނާގެ ހައްގުތައް ކަށަވަރުކޮށްދެއެވެ. ޝަރީއަތް ނިމެންދެން ޖަލުގައި ބާއްވަން އަންގަނީއަކީ ނޫނެވެ. ރާއްޖޭގައި މިކަން ހިނގާގޮތުން އެންމެ ބޮޑު މައްސަލައަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކުރާއިރު ބައެއް މީހުންގެ ޝަރީއަތް ހަތް އަހަރާހަމައަށް ވެސް ދެމިގެން ދަނީއެވެ.

ތަހުޒީބު ވުމަކީ މޮޅު ފޯނާ، ބޫޓާ ގަމީހާ ޓައި އަޅައިގެން ދެއިރު ދެ ދަޅައަށް ބުރިޖުމަތިން މޮޅެތި ސައިކަލުތަކުގައި ޕެޓްރޯލް އަންދަމުން ދެކޮޅަށް ދެކޮޅަށް ދުއްވުމެއް ނޫނެެވެ. ތަހުޒީބުކުރަންވީ ވިސްނުމެވެ. އަމަލުތަކެވެ. ގާނޫނު އަސާސީގެ 17 ވަނަ މާއްދާއިން ބުނެ ދޭ ހަމަހަމަކަން ދިވެހިންގެ ތެރެގައި ގާއިމް ކުރެވޭނީ އޭރުންނެވެ. ނޫން ނަމަ ބޭފުޅުންނާއި އާންމުންގެ ފަރަގު ނައްތައެއް ނުލެވޭނެއެވެ. އަދި ގާނޫނު އަސާސީގެ 17 ވަނަ މާއްދާއިން ކަށަވަރުކޮށް ދީފައިވާ ހަމަހަމަކަމެއް ދިވެހިންނަށް ދުވަހަކު ވެސް ނުލިބޭނެ އެވެ.
ހިޔާލު

ގައުމު

މިއީ ވަރަށް ރަނގަޅު ލިޔުމެއް. ހަމަހަމަކަން ދޭން ޖެހޭނެ. އެ ގޮތުން ރައީސްކަން ކޮށްފައިވާ ކޮންމެ މީހަކަށް ޖަލުގައި ވީއައިޕީ ރޫމް ދޭ ނަމަ އެމަގުން ރައީސްކަން ކުރި އެންމެންނަށް ހިނގާފައި ގޮސް ވީއައިޕީ ރޫމް ލިބެންޖެހޭނެ. ހަމައެގޮަތަށް ނައިބު ރައީސްކަން ކުރި މީހަކު ހައްޔަރުކޮށް ޖަލަށް ލައިފިނަމަ އެ މަގާމުތައް ފުރި ކޮންމެ މީހަކަށް ވެސް އެއް ހަމައަކުން އަމަލު ކުރަންޖެހޭނެ. ނަމަވެސް މިއީ ބައެއް މީހުންނަށް ގަބޫލު ކުރަން ދަތިކަމެއް. ނަމަވެސް ދުނިޔެ ހިނގާ އުސޫލަށް ބަލާއިރު މި ކަހަލަ ގޮތަކަށް ކަންކަން ދޭ. ނަމަވެސް ސުވާލަކީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ބުނާ ހަމަހަމަ ކަމަކީ ކޮބައިތޯ އެވެ.

ހުސޭނު

ހަމަ ސުރުހީ އެއް ޖަހާފަ އާޓިކަލެއް ލިޔެލަނީ ދޯ؟

އަސަރުކުރިލިޔުންތެރިޔާ

ކަލޭމެންދެން ހަމަ އަސަރެއް ކުރާނީ. ތިކެނެރީގެ ނާޝީދު ތީ އެންމެބޮޑައް ބޭފުޅުންނައް ސަނާ ކިޔާމީހަކީ. އޭނަތާ ހަތް ކޮޅުނެގުމުގެ ކަންތައްގަޑު އަލުން ދިރުވައިގެން އަޅުން ތަކަކައް ހަދައިގެން މީހުން ފޭލި އަދުވައިގެން ގަޔައް އެއްޗެއް ނުލައްވުވާ ހަތްކޮޅުނެގުވިގެން އޭގެ ދަށުގަ ހިގާހަދަނީ. ތިވާހަކަ އެއްދައްކާނެކަމެއް ނެތް، ދިރުވަންވެސް އުޅެނީދޯ ބަޔަކު؟