Roadha mahu mudhaa ufuleyne gadithah kanda alhaifi
image
ބަޔަކު މުދާ އުފުލަނީ---ފޮޓޯ:މިހާރު
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ރޯދަމަހު މުދާ އުފުލޭނެ ގަޑިތައް ކަނޑައަޅައިފި

ކުރިއަށް މިއޮތް ރޯދަމަހު މާލޭގައި ވިޔަފާރި މުދާ އުފުލޭނެ ވަގުތުތައް ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި އެމިނިސްޓްރީން ބުނީ ކުރިއަށް މިއޮތް ރަމަޟާން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތް ވަނަ ދުވަހުގެ ގެ ނިޔަލަށް މާލޭގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލުމުގެ ގަޑިއަށް ބަދަލު އައިސްފައިވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފައިވާ އުސޫލުގެ ދަށުން، މުދާ އުފުލޭނެ ވަގުތުތަކަކީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 15:00 އަށެވެ. އަދި ރޭގަނޑު 21:00 އިން ފެށިގެން ހެނދުނު 6:00 އެވެ. މިވަގުތުތަކުގައި ހުރިހާ ބާވަތެއްގެ މުދަލާއި ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި އުފުލޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ނަމަވެސް، 9:00 އިން ފެށިގެން 15:00 އަށް ފެނާއި ކައްކާ ގޭސް ގެންދާނަމަ، 350 ކިލޯގުރާމަށްވުރެ ލުއި މުދާ އުފުލުމަށް ހުއްދަކުރާ އެއްގަމު އުޅަނދެއްގައި މުދާ އުފުލޭނެ ކަމަށާއި ހަވީރު 15:00 އިން ފެށިގެން 21:00 އާއިދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް، އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުސޫލުން އުފުލުމަކީ މަނާކަމެއް ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ހެނދުނު 9:00 އިން ފެށިގެން ހަވީރު 15:00 އަށް އަދި ދަންވަރު 1:00 އިން ހެނދުނު 6:00 އަށް ބުރިޖުން ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި މުދާ އުފުލޭނެ އެވެ.

އެ ވަގުތުގައި އުޅަނދުތައް ބުރިޖަށް އަރަންވާނީ މާލެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވާއިރު ބުރިޖުމަތީގައި އެއްވެސް ބާވަތެއްގެ ހެވީ ވެހިކަލްއެއް އެއްވެސް ގަޑިއެއްގައި ދުއްވުމަކީ މަނާކަމެއް ކަމަށް ވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.
ހިޔާލު