Shimaa gehlunuthaa 2 mas, fuluhun miadhu mauloomaathu haamakuranee!
image
ގެއްލިފައިވާ އައިމިނަތު ޝީމާ ނާފިޒު.
1 ކޮމެންޓް
 

ޝިމާ ގެއްލުނުތާ ދެ މަސް، ފުލުހުން މިއަދު މައުލޫމާތު ހާމަކުރަނީ!

ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ، ލ. ކައްދޫން މާމެންދޫ އަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލިކަމަށް ބުނާ ޑިންގީން ގެއްލުނު އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒުގެ ހަބަރެއް ނުވާތާ މިއަދަށް ވަނީ ދެ މަސް ވެފަ އެވެ. ފުލުހުންނާއި ސިފައިން އަދި އާންމު ރައްޔިތުން ވެސް އެތައް ގޮތަކަށް ޝިމާ ހޯދުމަށް މަސައްކަތް ކުރި އެވެ. ކަނޑުގެ ބޮޑު ބަޔަކާއި، އެ ސަރަހައްދުގެ ފަޅުރައްތައް ވެސް ބެލި އެވެ.
ޑިންގީ ބަންޑުން ޖަހާލި ސަރަހައްދަށް ޑައިވް ކޮށްގެން ވެސް ބެލި އެވެ. އަދި އެ ސަރަހައްދު އިތުރަށް ބެލުމަށް ސިފައިން ވަނީ ޑައިވް ރޮބަޓް ވެސް ބޭނުންކޮށްފަ އެވެ. ނަމަވެސް އެ އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވެ އެވެ. މިހާތަނަށް ޝިމާ ފެނިފައިނުވާއިރު، ބަންޑުންޖަހާލި ކަމަށް ބުނާ ޑިންގީގެ ހިލަމެއް ވެސް ނެތެވެ.

ތަފާތު އެކި ގޮތްގޮތަށް ޝިމާ ގެއްލުނު ހާދިސާގެ ވާހަކަތައް ވަނީ އާންމުވެފަ އެވެ. ޝިމާ ގެއްލުނު އިރު ޑިންގީގައި އިނީ އޭނާގެ އިތުރުން، އިބްރާހީމް ފަޒީލެވެ. ފަޒީލް މިހާތަނަށް ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ބޮޑެތި ސުވާލުތަކެއް، އެ ހާދިސާ އާ ގުޅޭގޮތުން ވަނީ އުފެދިފަ އެވެ. ނަމަވެސް އެއީ ތަހުގީގު ކުރެވެމުން އަންނަ މައްސަލައެއް ކަމުން މިހާތަނަށް، އެކަމާ ގުޅޭގޮތުން ފުލުހުން މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.

އެ ހާދިސާ ހިނގިތާ މިއަދަށް ދެ މަސް ދުވަސް ވެފައިވާއިރު، އެކަމާ ގުޅޭގޮތުން މައުލޫމާތު ހާމަ ކުރުމަށް ފުލުހުން މިހާރު ވަނީ ތައްޔާރުވެފަ އެވެ. އެގޮތުން ފުލުހުން މީޑިއާ ތަކަށް ވަނީ އެ މައްސަލަ އާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަކަށް ދައުވަތު ފޮނުވާފަ އެވެ.

ޝިމާ ގެއްލުނު ހާދިސާގެ މައުލޫމާތު ހާމަކުރަން ޚާއްސަކޮށްގެން މިއަދު އިސްކަންދަރު ކޮށީގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ 14:30ގަ އެވެ. އަދި އެ މައްސަލަ އާ ގުޅޭގޮތުން މީޑިއާ ތަކަށް މައުލުމާތު ހިއްސާކޮށްދެއްވާނީ ފުލުހުންގެ ޑިވިޝަނަލް ކޮމާންޑްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނާ އަބްދުﷲ ފައިރޫޝް އެވެ.

ފުލުހުން މިއަދު އެ މައްސަލާގެ މައުލޫމާތު ހާމަކުރާއިރު، ޝިމާ އަށް ވީގޮތެއް ނޭގޭތީ އެތައް ބަޔަކު ތިބީ ކަންބޮޑުވެފަ އެވެ. ނަމަވެސް މިއަދު ފުލުހުން ހާމަކުރާ މައުލޫމާތުތަކާ އެކު އެ ފަރާތްތަކަށް ކުޑަ ވެސް ހަމަޖެހުމެއް ލިބުމަކީ އެންމެންގެ ވެސް އެދުމެވެ.
ހިޔާލު

ބަރަބޯ

ޢިރާދަކުރެއްވިއްޔާ ޝިމާ އަށް ވީގޮތް އެގިގެންދާނެ😭