Lanka ge tourism dhashah, Raajje ah othee kon gotheh?
image
ފަތުރުވެރިންތަކެއް ރާއްޖޭގައި.-- ފޮޓޯ: އެމްބީއާރް
0 ކޮމެންޓް
 

ލަންކާގެ ޓޫރިޒަމް ދަށަށް، ރާއްޖެ އަށް އޮތީ ކޮން ގޮތެއް؟

އަވައްޓެރި ސްރީ ލަންކާ އަށް މި މަހުގެ 21 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން އެ ގައުމުގެ ޓޫރިޒަމް އިންޑަސްޓްރީ ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން، އެ ގައުމަށް އަންނަ މީހުންގެ 30 ޕަސެންޓް މަދުވެ، 1.5 ބިލިޔަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިވާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.
ލަންކާގެ ވެރިރަށް ކޮލަމްބޯގެ މަތީފެންވަރުގެ ތިން ހޮޓަލަކާއި، ތިން ފައްޅިއަކަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާތަކާއި އެކު މުޅި ސައުތު އޭޝިޔާ ސަރަހައްދު މި ވަނީ އެލާޓް ވެފަ އެވެ. އޭގެ ސަބަބުން ލަންކާގެ އިތުރުން މި ސަރަހައްދުގެ ގައުމުތަކަށް ވެސް ތަފާތު ގޮންޖެހުންތައް ކުރިމަތިވާނެ އެވެ.

އެގޮތުން ރާއްޖެ އަށް އެކަމުން ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ، އިގްތިސާދުގެ ބޮޑު ބައެއް ހިއްސާކުރާ ޓޫރިޒަމް އިންޑަސްޓްރީ އަށް ކޮށްފާނެ ނުރަނގަޅު އަސަރެކެވެ. ނަމަވެސް ލަންކާ ހަމަލާ އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ކުރިމަތިވާނީ ކިހާވަރެއްގެ ގެއްލުމަކަށް ކަމެއް ބުނަން އަދި މާ އަވަހެވެ.

އިނަ މޯލްޑިވްސްގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ، ލަންކާ ހަމަލާގެ ސަބަބުން ރާއްޖޭގެ ޓުރިޒަމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އެކަމަކު، ސީދާ ރާއްޖެ އަށް ޒިޔާރަތްކުރާ ގެސްޓުންނަށް، އެކަމުގެ ސަބަބުން އެހާ ބޮޑު ބަދަލެއް އަންނާނެ ކަމަށް ދެކިނުލައްވާ ކަމަށް ފިރާގު ވިދާޅުވި އެވެ.

"ކޮންމެ ގޮތެއް ވިޔަސް މުޅި މި ރީޖަން މިހާރު މިއޮތީ އެލާޓް ވެފައި. އެހެންވީމާ އޭގެ އަސަރު ކުރާނެ... ބައެއް ގެސްޓުންނަކީ ރާއްޖެ އާއި ލަންކާ އަށް ކޮމްބައިން ކޮށް ބުކިން ހަދައިގެން އަންނަ މީހުން. މިހާރު ވެސް ފާހަގަކޮށްލެވޭ ވަރަށް [ކޮންބައިން] ބުކިންތައް އެބަ ކެންސަލްވޭ،" ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ ވަގުތުތަކުގައި ރިސޯޓްތަކުގެ ސެކިއުރިޓީ ވަރުގަދަކުރަން ޖެހޭ ކަމަށެވެ. އަދި ރިސޯޓްތަކަކީ ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އެޅިފައިފާ ތަންތަނުގެ ގޮތުގައި ފެނިގެން ދިއުމުން، ލަންކާ ހަމަލާގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ކުޑަ ކުރެވޭނެ ކަމަށް ފިރާގު ވިދާޅުވި އެވެ.

"މިސާލަކަށް ކޮންމެ ކޮންމެ ވަގުތަކު މީހުންނަށް ނޭރޭ ގޮތަށް ސެކިއުރިޓީ ވަރުގަދަކޮށް، ރިސޯޓްތަކަކީ ސޭފް ތަންތަނުގެ ގޮތުގައި އިންޑަސްޓްރީން އެބަޖެހޭ އެފަދަ އެޝުއަރެންސެއް [ގެސްޓުންނަށް] ދޭން،" ފިރާގު ވިދާޅުވި އެވެ.

ފިރާގުގެ އިތުރުން ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގުރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވެސް ވަނީ ލަންކާގެ ހަމަލާ އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ފިރާގު ފާހަގަ ކުރެއްވި ގޮތަށް، ސީދާ ރާއްޖެ އަންނަ ގެސްޓުންގެ އަދަދު އެހާ ބޮޑަށް މަދުނުވާނެ ކަމަށް ގައިސަރު ވެސް ލަފާކުރެ އެވެ.

އެގޮތުން ގައިސަރު ވެސް ވިދާޅުވީ ރާއްޖެ އާއި ލަންކާ އަށް އެއްކޮށް ބުކިން ހަދައިގެން ފަތުރުވެރިން ޒިޔާރަތް ކުރާއިރު، ލަންކާގެ ހަމަލާ އާ ގުޅިގެން އެފަދަ ބުކިންތަކަށް އަސަރު ކުރާނެ ކަމަށެވެ. އެކަމަކު މިހާތަނަށް އެހާ ބޮޑަށް އޭގެ އަސަރު ފާހަގަ ކުރެވިފައި ނުވާ ކަމަށް ގައިސަރު ވިދާޅުވި އެވެ.

ގައިސަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ކޮށްފާނެ ނޭދެވޭ އަސަރު ކުޑަ ކުރުމަށް އިތުރަށް މާކެޓް ކުރަން ޖެހޭ ކަމަށެވެ. ފިރާގު ވެސް ވަނީ އެކަން ފާހަގަކޮށް، އިތުރަށް ރާއްޖެ މާކެޓް ކޮށްގެން ޓޫރިޒަމް ކުރިއަރުވަން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖޭގެ އިތުރުން އަވައްޓެރި އިންޑިއާގެ ޓޫރިޒަމަށް ވެސް ލަންކާގެ ޓެރަރިސްޓް ހަމަލާގެ ސަބަބުން ނޭދެވޭ އަސަރުތަކާ ކުރިމަތިވާނެ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ. އަދި އެފަދަ ކަންކަން ކުޑަކުރުމަށް އެ ގައުމުން ވެސް މާކެޓިން ވަރުގަދަ ކުރަމުން އަންނަ ކަމަށް، މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ހިޔާލު