10 Minute, Yumna Maumoon aa eku
image
ޔުމްނާ މައުމޫން.
0 ކޮމެންޓް
 

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫނާއެކު 10 މިނެޓު

މިއީ "ސީއެންއެމް" އިން 1440 ވަނަ އަހަރު ގެނެސްދޭ "10 މިނެޓު" ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑެވެ. 



1: ރޯދަ މަހުގެ އެންމެ ދުރު ހަނދާނަކީ ކޮބާތޯ؟ 

"އަޅުގަނޑުގެ ކުޑައިރުގެ އެންމެ ދުރު ހަނދާނަކަށް ހުންނަނީ ރޯދަ މަހަށް ހަނދު ފެނުނީމަ ރޯދަވިލޭރޭ ގޭގަ ވެލިލާ ހަނދާންވޭ. އޭރު އަޅުގަނޑުމެން އުޅޭނީ އެންދެރިމާގޭގައި، އޭރު ގޯތިތެރޭގަ އޮންނާނެ ވަރަށް ޖާގަ، ހަމަ ދޮންވެލި ގެނެސްގެން ގޭގެ ހުރިހާ ކުޑަކުދިން އެއްވެގެން ގޯތި ތެރޭގަ ވެލިލާ ހަނދާން އަޅުގަނޑު ވަރަށް ވޭ. ދެން ރޯދަ މަހަކީ ވަރަށް އުފާވެރި ދުވަސްތަކެއްހެން ހަނދާން ހުންނަނީ. އެއީ ރޯދަމަހަށް ހަނދު ބެލީމަ ގޭގެ އެންމެން އެއްވެ ހުރިހާ ކުޑަކުދިން އެއްތަނަކަށް އައިސް މިދެންނެވިހެން ވަރަށް އުފާވެރި މަޖާ ހަނދާންތަކެއް ހުންނަނީ. ހާއްސަކޮށް މި ހުރިހާ ކުދިން ބައިވެރިވެގެން ވެލިލުމުގެ ކަންކަން ކުރިއަށް ގެންދަނީ."

2: ރޯދަ މަހުގެ އެއް ދުވަސް ހޭދަކުރައްވާ ގޮތް ކިޔާ ދެވިދާނެތޯ؟

"މިހާރު ދެން ރޯދަ މަސް މިދާ ގޮތަކީ ހެނދުނު ތެދުވެގެން ދަރިފުޅު ސްކޫލަށް ލާން ދަނީ. އަޅުގަނޑުގެ ފިރިމީހާ، ދަރިފުޅުގެ ބައްޕަ، ދަރިފުޅު ރީތިކޮށްފަ ހުރީމަ ސްކޫލަށް ގެންދާނީ ފިރިމީހާ. ދެން އަޅުގަނޑު އަންނަނީ އޮފީހަށް. އައިސްފަ އޮފީހުގެ މަސައްކަތްތަކަށް ފަހު ގެއަށް ގޮސްފަ އަރާމުކޮށްލަން ވަގުތުކޮޅެއް ހޭދަކޮށްފަ ދެން ދަރިފުޅާއެކު ކޮންމެވެސް ވަރަކަށް ބަދިގޭގެ މަސައްކަތްތައް ކުރެވޭތޯ ބަލަން، ބައެއް އެއްޗެހި ހަދާ، ދަރިފުޅާއެކީގަ ރޯދަ ވިއްލަން ކޮންމެވެސް އެއްޗެއް ތައްޔާރު ކުރެވޭތޯ ބަލަން.

އޮފީހުގެ މަސައްކަތް ވެސް ރަސްމީ ގަޑި ނިމުނަސް ހަގީގަތުގައި އަޅުގަނޑުމެންނަކަށް މަސައްކަތެއް ނުނިމޭ. އެހެންވީމަ ފޯނުން ނަމަވެސް މީހުންނަށް ގުޅައިގެން ވެސް ހަމަ މަސައްކަތްތަކުގައި ވަގުތު ހޭދަކުރަން ޖެހޭ. ދެން ރޭގަނޑު ރޯދަ ވިއްލުމަށް ފަހު ރޯދަ ވިއްލުން ގިނަ ދުވަސްތަކުގަ އޮަންނަނީ އަޅުގަނޑުގެ މަންމައާ ބައްޕައާއެކީގަ، ރޯދަ ވިއްލާނިމިގެން ދެ ނަމާދު ދޭތެރޭގަ އަޅުގަނޑުމެން ދަރިފުޅާއެކު ނަމާދުކޮށް ހަދައިގެން ދަރިފުޅު ގުރުއާން ކިޔަވަ އަޑުއަހާ ކޮންމެސް ވަރަކަށް ގުރުއާން ކިޔަވަން ވަގުތު ކޮޅެއް ހޭދަކޮށް ދަރިފުޅާއެކު މަދަހަ އެއްޗެހި އަޑުއަހާ ކަންކަން ކުރެވޭތޯ ބަލަން.

ރޭގަނޑުވެސް ގިނަ ފަހަރު ކޮންމެވެސް ކަހަލަ ޕްރޮގްރާމެއް އެބަ އޮވޭ އިހްޔާ ކުރުމުގެ ޕްރޮގްރާމު ނޫނިއްޔާ ބޭރަށްދާން މި އޮންނަ ކޮންމެސް ކަހަލަ ތަރާވީހެއް. ނޫނިއްޔާ އޮފީހުގެ ކަމެއް އޮތިއްޔާ ތަރާވީސް ނަމާދަށް ފަހު ބައެއް މަސައްކަތްތަކަށް ވަގުތު ހޭދަކުރަން. ދެން ތަންކޮޅެއް ލަހުން ކާރުކައިގެން އެކައްޗަކަށް އަޅުގަނޑުމެން ނިދަނީ. އެކަހަލަ ގޮތަކަށް އަޅުގަނޑުގެ ދުވަސް ދާނީ." 

3: ވަޒީރުކަމުގެ ހުވަފެން ކުރިން ދެކެވަޑައިގަތިން ތޯ؟

"ނޫން އެއްގޮތަކަށް ވެސް ކޮންމެހެނުން ވަޒީރަކަށް ވުމުގެ އުއްމީދެއް ނޫނީ ހުވަފެނެއް އަޅުގަނޑު ނުކުރަން. ނޫނީ ސިޔާސީ ގޮތުން ވަކި ކުރިއަށްދާން ވިސްނައިގެންނެއް ނޫން. އެހެންނަމަވެސް ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެވުނީ. ޕާޓީތައް އުފެދިގެން އައިއްސުރެ ފުރަތަމަ ޑީއާރުޕީގަ އަޅުގަނޑު މަސައްކަތް ކުރިން އަޅުގަނޑު ބައްޕަ އަރިހުގަ.  ފަހުން ޕީޕީއެމް އުފެދިގެން އައި އިރުވެސް ވަރަށް ބޮޑަށް ބައްޕަ އަރިހުގަ އަދި އާއިލާގެ އެހެން މެމްބަރުންނާއެކު ވެސް މަސައްކަތް ކުރަމުން މިއައީ. ކޮންމެހެނުން ވަކި މަގާމަކަށް ދާން އުންމީދު ކޮއްގެންނެއް ނޫން. ދެން އެހެނަސް އަޅުގަނޑު އަބަދުވެސް ޝައުގުވެރިކަން ހުންނަ ދާއިރާއެއް މިއީ، ބަހުގެ ދާއިރާ، ތާރީހުގެ ދާއިރާ. 

ކުރިން މަސައްކަތް ކުރީ ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގަ. މަސައްކަތް ކުރިއިރުއްސުރެ ޝައުގުވެރިކަން އުފެދިއްޖެ. އަދި އަޅުގަނޑު ކިޔެވި ދާއިރާއަކީ ވެސް ލިންގުއިސްޓިކް ކަމަށްވާތީ، ދެން ބަހާއި ސަގާފަތާއި މިކަހަލަ ކަންކަމަށް ގުޅުން ހުރި ދާއިރާތަކަށް އަބަދުވެސް ޝައުގުވެރިކަން ހުރޭ، ވަރަށް އުފާ ކުރަން މިކަހަލަ މަގާމަކަށް އާދެވުނީތީ. ހަގީގަތުގަ އަޅުގަނޑު މަސައްކަތް ކުރާ ހިތްވާ ދާއިރާއަކުން ސިޔާސީ މަގާމެއް ވިޔަސް ކޮންމެސް ވަރަކަށް މައުލޫމާތު އެނގޭ ދާއިރާއަކަށް އާދެވުނީތީ. އެކަމަކުވެސް އަޅުގަނޑު ދަންނަވާނީ ކުރިން އެއްވެސް ވަރަކަށް އުއްމީދުކުރި ދާއިރާއެއް ނޫނޭ މި މަގާމަށް އަންނަން މަސައްކަތް ކުރި މަގާމެއް ވެސް ނޫނޭ. ދެން ﷲ އިރާދަފުޅާއެކު އަޅުގަނޑު ހިތްހަމަ ޖެހޭ މަގާމަކަށް އާދެވުނީތީ. ހަމަ ﷲ އަށް ޝުކުރުކުރަން، ވަރަށް އުފާކުރަން މިކަމަށް."

4: އެންމެ މީރުކޮށް ކައްކަން އެނގިވަޑައިގަންނަވަނީ ކޯއްޗެއްތޯ؟

"އަޅުގަނޑު ރޯދަ މަހުގެ ޕްރޮގްރާމަކަށް އަރަން ޖެހިލުންވެފަ ހުރީ މި ސުވާލު އަންނާނެކަން އެނގޭ. އަންހެނަކަށް ވެއްޖެއްޔާ މިސުވާލު ކުރައްވާނެ. އަޅުގަނޑު ހުށަހަޅަން ހަމަ ތިބޭފުޅުން މި ސުވާލު ފިރިހެން ބޭފުޅުންނަށް ވެސް ކުރައްވަން. ހަގީގަތުގަ އަޅުގަނޑަކީ ކައްކަން މާ މޮޅަށް ދަންނަ މީހެއް ނޫން. އެހެންނަމަވެސް މި ދެންނެވިހެން ދަރިފުޅާއެކީ ކޮންމެސް ވަރަކަށް އެއްވެހި ހެދޭތޯ ބަލަން. ދެން އަޅުގަނޑު ހަދާ ރޯސް ޗިކަން ދަރިފުޅަށް ވަރަށް މީރޭ ބުނޭ، ދެން މާގިނަ އެއްޗެހިތަކެއް ހަދަން އެނގެނީކީ ނޫން، ކުކުޅު ރިހަ މަސް ރިހަ މިކަހަލަ ބައެއް އެއްޗެހި ހަދަން އެނގޭ، އެކަމަކު ހަމަ ދަންނަވާނީ ކައްކަން މާމޮޅު މީހެއް ނޫނޭ އަޅުގަނޑަކީ." 

5: ކުރިއަށް އޮތް ފަސް އަހަރުގެ ތަސައްވަރަކީ ކޮބައިތޯ؟

"އަޅުގަނޑު އުއްމީދުކުރަނީ ހަމަ މި މިނިސްޓްރީއަކީ ހަމަ ވަރަށް ރަނގަޅު ހަރުދަނާ މިނިސްޓްރީއަކަށް ސެޓަޕްކުރުން، އެއީ އެންމެ ފުރަތަމަ ބޭނުމަކީ. މިއީ އާ މިނިސްޓްރީއަކަށް ވީމަ އަދި މިޖެހެނީ ހަމަ މުޅިން އަލުން ބަލުން ފަށައިގަންނަން. އެހެންނަމަވެސް މިނިސްޓްރީގެ ދަށުގަ މިހިރަ ޑިޕާޓްމަންޓްތަކަކީ، ހެރިޓޭޓް، ދިވެހި ބަހުގެ އެކަޑަމީ، އާކައިވްސް، އެންސީއޭ މިޑިޕާޓްމަންޓްތަކަކީ ހަގީގަތުގަ އެންމެ ރަނގަޅަކަށް ނޫން އެކަމަކު ކޮންމެސް ވަރަކަށް ސެޓަޕްވެފަ ހުރި ހަރުދަނާ ބޭފުޅުން އުޅޭ ޑިޕާޓްމަންޓްތަކެއް. އެހެންވީމަ އެބޭފުޅުންގެ އެހީތެރިކަމާއެކީގަ ހަގީގަތުގަ މިނިސްޓްރީ މިހާތަނަށް ހިނގަމުން މިއައީ. ދެން އެންމެ ބޮޑަށް ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ވެރިންނާނައި މުވައްޒަފުން މިނިސްޓްރީގެ މަސައްކަތްތައް ވެސް އިތުރު ވަގުތާއެކީ ކޮށްދެއްވަމުން އެގެންދަވަނީ،. އެކަން ފާހަގަކޮށް ވަރަށް ޝުކުރުވެރިވަން.

އަޅުގަނޑު އުއްމީދަކީ މިނިސްޓްރީގެ ހިމެނޭ ދާއިރާތައް ފުރަތަމަ އާޓްސް ދާއިރާއަށް ބަލާމާ ހިނގާ، އާޓްސް ދާއިރާއަކީ މީހުން ހޭލުންތެރިވެ އާޓިސްޓުންނަށް ފަންނުވެރިންނަށް ފުރުސަތުތަކެއް ލިބިގެންދާ ދާއިރާއަކަށް ހެދުން އަޅުގަނޑުގެ އުއްމީދުތަކަކީ. އަދި އެދާއިރާގަ މިސާލަކަށް ދަންނަވާނަމަ އާޓްގެލަރީއާއި އޮލިމްޕަހާއި މިތަންތަނަކީ ވެސް ރަނގަޅު ގޮތުގަ ހިންގާ އޭގެ ތެރޭގަ ފަންނުވެރިންނަށް ފުރުސަތުތަކެއް ހުޅުވިގެންދާ ތަންތަނަކަށް ހެދުން އަޅުގަނޑުގެ އުއްމީދަކީ އާޓްސް ދާއިރާއިން އަދި އާޓްސް ދާއިރާއަށް އެންމެ ކުޑައިރު ޝައުގުވެރިވާ ކުދިންނަށް ހަމަ ފުރުސަތުތަކެއް ސްކޫލުތެރެއިން ލިބި އަދި ފަންނީ ދާއިރާގަ މިއުޅޭ ޒުވާނުންނަށް ވެސް ފުރުސަތުތަކެއް ލިބި އަދި މިދާއިރާއިން ކުރިއަށް ދެވޭނެ މަގުތައް ހުޅުވާލެވޭނެ ދާއިރާއަކަށް ވުން މި މިނިސްޓްރީގެ މަސައްކަތުގެ ތެރެއިން އަޅުގަނޑު އުއްމީދަކީ.

ދެން މި ދާއިރާއަށް މީހުން ހޭލުންތެރިވެ އަޅުގަނޑުމެންގެ ތާރީހާއި ބަހާއި އަދި ތަރިކައަކީ ކިހާ މުހިއްމު އެއްޗެއްކަން މީހުންނަށް އެނގި މި ތަރިކަ ރައްކާތެރިވެ އަދި ބަސް ވެސް އަޅުގަނޑުމެންގެ ސަގާފަތްވެސް ރައްކާތެރިކޮށް ދިރުވާ އާލާކުރެވޭނެ ނިޒާމުތަކެއް މިނިސްޓްރީގެ މަސައްކަތުން އުފެދިގެން ދިއުން. އޭގެ ތެެރޭގަ ގާނޫނީ އޮނިގަނޑެއް ތައްޔާރުކުރުމަކީ ވަރަށް މުހިއްމު ކަމެއް. އެގޮތުން މިހާރު ވެސް އަޅުގަނޑުމެންވާނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ވެސް ހުށަހަޅާފަ ތަރިކަ ރައްކާތެރިކުރުމުގެ. ދެން ހަމައެކަނި ގާނޫނަކުން މިކަން ކަމެއް ނުވާނެ. މިކަން ހަގީގަތުގަ ވާނީ ރައްޔިތުން ހޭލުންތެރިވެ މީގަ ކައުންސިލުންނާއި ރައްޔިތުންނާއި ރަށްރަށުގެ ކައުންސިލުތައް ބައިވެރިވެގެން ތަންތަން ރައްކާތެރިކުރުމަށް މަސައްކަތްކޮށްގެން. އަދި ހަރުދަނާ މެނޭޖްމަންޓް ޕްލޭނެއް އެތަންތަން ރައްކާތެރިކުރާނެ މެނޭޖްމަންޓް ސިސްޓަމެއްގެ ދަށުން.

އަޅުގަނޑުގެ އުއްމީދަކީ މިކަން ފަތުރުވެރިކަމާއި ވެސް ގުޅުވާލައިގެން ސަގާފީ ފަތުރުވެރިކަމެއްގެ ތެރެއިން މިކަހަލަ ސަގާފީ އާސާރީ ތަންތަނަކީ ރައްކާތެރިކުރެވި ދިވެހިންނަށް ޒިޔާރާތްކުރެވޭ އަދި ފަތުރުވެރިންނަށް ވެސް ޒިޔާރާތްކުރެވޭ އާމްދަނީ ލިބޭނެ ތަންތަނަށް ވެގެން ދިއުން. މިގޮތުން މުޅި ދިވެހި ސަގާފަތާއި ތަރިކައާއި ބަހަށް ދިރުމެއް ލިބި ޒުވާނުންނާއި އަދި އާންމުން އެންމެން ޝައުގުވެރިވާ ދާއިރާއަކަށްވެ މިދާއިރާއިން ވެސް އާމްދަނީ ލިބޭނެ ފުރުސަތުތަކެއް އަދި މިދާއިރާއިން ކިޔަވައިގެން އަންނަ ތައުލީމީ ޖީލެއް ބިނާކުރެވޭނެ ފުރުސަތުތަކެއް ހުޅުވާލެވުން. މިއީ އަޅުގަނޑު މިނިސްޓްރީއާ މެދު ކުރާ ވަރަށް ބޮޑު އުއްމީދެއް މަސައްކަތުގެ ތެރެއިން. އެހެންނަމަވެސް ދަންނަވާލަން ވަރަށް ފަސޭހަ ބޮޑެތި މަސައްކަތްތަކެއް. ކުރިން ވެސް މިފާހަގަކުރެވުނު ފަދައިން އާ މިނިސްޓްރީއަކަށް ވެފައި ގިނަ ގޮންޖެހުންތަކެއް އެބަހުރި. އުއްމީދަކީ ފަސް އަހަރު ތެރޭގަ ރަނގަޅު މިނިސްޓްރީއެއް އުފެދި ރަނގަޅު ނިޒާމުތަކެއް ގާއިމުކުރެވިގެން ދިއުން."
ހިޔާލު