Thibaa enme iskandhey kamakee aahirai kamugai hadhaasheve
image
ދުއާކުރުން--
0 ކޮމެންޓް
 

ތިބާ އެންމެ އިސްކަންދޭ ކަމަކީ އާޚިރަތް ކަމުގައި ހަދާށެވެ.

މިއަދު ބައެއް މީހުންގެ ޙާލަށް ނަޒަރު ހިންގާލުމުން ފެންނަނީ މިދުނިޔޭގައި ދެމިތިބުމަށް ގަދައަޅާ މަސައްކަތްކުރާ ތަނެވެ. އެބައިމީހުން ޙާޞިލުކުރުމަށް އެދޭ އެދުންތަކުގައްޔާއި ދިރިއުޅުމުގައި ކުރިއަށް ދިޔުމުގައި އެބައިމީހުން އިސްކުރަނީ އެބައިމީހުންގެ ހަވާނަފްސެވެ. މިދުނިޔޭގެ ދިރިއުޅުން ނޫންކަމެއް އެބައިމީހުންގެ ވިސްނުމުގައި ނުވެއެވެ. އެބައިމީހުން އެކުވެރިވެ، ރުޅިވެރިވަނީވެސް އެކަމުގައެވެ. އަދި ރުހި، ނުރުހުންތެރި ވަނީވެ ސް އެކަމުގައެވެ.
ދުނިޔެއަށްވުރެ އާޚިރަތް އިސްކުރާ މުއުމިނަކާމެދު ދަންނައެވެ. އޭނާގެ ވެރިއިލާހު އޭނާއަށްޓަކައި މިންވަރު ކުރައްވާފައިވާ ކަންކަމުގެ އަލީގައި، އޭނާގެ ޙަޔާތް ފަސޭހަވެގެންދެއެވެ. ﷲ ތަޢާލާ ވާޙީކުރެއްވިއެވެ. ﴿وَابْتَغِ فِيمَا آتَاكَ اللَّهُ الدَّارَ الْآخِرَةَ وَلَا تَنْسَ نَصِيبَكَ مِنَ الدُّنْيَا وَأَحْسِنْ كَمَا أَحْسَنَ اللَّهُ إِلَيْكَ﴾ [القصص: 77] މާނައީ: “އަދި ތިބާއަށް ﷲ ދެއްވި ތަކެތިން (ހެޔޮގޮތުގައި ހޭދަކުރުމުން) އާޚިރަތުގެ ގޮވައްޗަށް އެދޭށެވެ! (އެބަހީ: އާޚިރަތުގެ ދިންނެވުމާއި، ރަޙްމަތާއި، ޘަވާބަށް އެދޭށެވެ!) އަދި ދުނިޔެއިން ތިބާޔަށް ލިބެންވީބައި ހަނދާން ނައްތައިނުލާށެވެ! އަދި ﷲ ތިބާޔަށް އިޙްސާންތެރިވެވޮޑިގަތް ފަދައިން، ތިބާވެސް އިޙްސާންތެރިވާށެވެ!”

ފަހެ، މުއުމިނުން ސަބަބުތަކުގައި ހިފައެވެ. އަދި ޙަލާލު ރިޒުޤު ހޯދުމަށް ތަނަވަސްވެފައިވާ މަގުތަކުން އެކަމަށް މަސައްކަތް ކުރެއެވެ. އަދި ﷲ ރުހިވޮޑިގަންނަވާ ގޮތުގެ މަތިން ބިން އާރާސްތުކުރެއެވެ. އަދި އޭނާގެ ދީނާއި އާޚިރަތަށް ގެއްލުން ނުވާނެ ފަދައިން، އޭނާގެ ދުނިޔޭގެ ޙަޔާތުން އުފާ ޙާޞިލުކުރެއެވެ. އިސްވެދިޔަ އާޔަތުގައިވާ ﴿وَلَا تَنْسَ نَصِيبَكَ مِنَ الدُّنْيَا﴾ [މާނައީ: “އަދި ދުނިޔެއިން ތިބާޔަށް ލިބެންވީބައި ހަނދާން ނައްތައިނުލާށެވެ!”]، ޢިލްމުވެރިން ވަނީ މިފަދައިން ތަފްސީރުކުރައްވާފައެވެ.

ﷲ ތަޢާލާ ވާޙީކުރެއްވިއެވެ. ﴿رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ﴾ [البقرة: 201] މާނައީ: “އަޅަމެންގެ ވެރިރައްބެވެ! ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ.”

އިބްނު ކަޘީރު رحمه الله ވިދާޅުވިއެވެ. “ފަހެ، މިދުޢާގައި ދުނިޔޭގެ ހުރިހާ ހެވެއް ޖަމާކުރެވިފައިވެއެވެ. އަދި ހުރިހާ ނުބައެއް ދުރުކޮށްފައިވެއެވެ. ފަހެ، ހަމަކަށަވަރުން ދުނިޔޭގެ ހެޔޮކަމުގައި ފުރިހަމަ ޞިއްޙަތާއި، ތަނަވަސް ގެއަކާއި، ހެޔޮ އަނތްބަކާއި، ރިޒުޤު ތަނަވަސްވުމާއި، ފައިދާކުރަނިވި ޢިލްމާއި، ހެޔޮ ޢަމަލާއި، ރަނގަޅު ސަވާރީއަކާ އަދި ރިވެތި ސަނާފަދަ ދުނިޔަވީ ހުރިހާކަމެއް ޝާމިލުވެއެވެ.”

އެމީހެއް އެންމެ އިސްކަންދެނީ އާޚިރަތްކަމުގައި ހަދާ، އެކަމަށް ޢަމަލުކޮށްފިމީހާ ދަންނައެވެ. އޭނާގެ ދުނިޔެވީ ކަންބޮޑުވުންތައް، ﷲ ފުއްދަވައިދެއްވާނެއެވެ. އަދި އޭނާގެ ހިތުގައި ދުނިޔޭގެ އެދުންތައް އިސްކޮށް، އޭނާ އެންމެ އިސްކަންދޭކަމަކީ އެއީ ކަމުގައި ހަދައިފިމީހާ ދަންނައެވެ. އޭނާ ދިރިއުޅޭހުށީ ދުނިޔެއަށް އަޅުވެތިވެފައިވާ މީހެއްފަދައިންނެވެ. އިސްކަންދޭނެކަމެއް ނޭނގިއެވެ. އަދި އެމީހެއްގެ ކަންތައްތައް ވިއްސިވިހާލެވިގެންވާ މީހެއްފަދައިންނެވެ. ކިތަންމެ ގިނައިން ލިބުނަސް ހިތްނުފުރޭނެއެވެ. އަދި މަދުން ލިބުނަސް ބާއްޖަވެރިނުވާނެއެވެ.

މިދުނިޔޭގެ ދިރިއުޅުމުގައި މުސްލިމެއްގެ ޝިޢާރުކަމުގައި ހަދަންވާނީ ﷲ جلَّ وعلا ގެ އަންނަނިވި ބަސްފުޅެވެ.

﴿قُلْ مَتَاعُ الدُّنْيَا قَلِيلٌ﴾ [النساء: 77] މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ދުނިޔޭގެ އުފަލަކީ ކުޑަވަގުތުކޮޅެއްގެ ކަމެކެވެ.”

ފަހެ، އޭރުން އޭނާގެ ޙަޔާތަކީ އާޚިރަތަށްޓަކައި ގޮވާންކުރާ ދަނޑަކަށް ހަދާނެއެވެ. އަދި އޭގެ މައްޗަށް ދުނިޔެ އިސްނުކުރާނެއެވެ. އަދި އޭގެ މައްޗަށް ޝަހުވަތާއި ހަވާނަފްސުވެސް އިސްނުކުރާނެއެވެ. އެއީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅަށް އިޖާބަދިނުމުގެ ގޮތުންނެވެ ﴿قُلْ مَتَاعُ الدُّنْيَا قَلِيلٌ وَالْآخِرَةُ خَيْرٌ لِمَنِ اتَّقَى وَلَا تُظْلَمُونَ فَتِيلًا﴾ [النساء: 77] މާނައީ: “ދުނިޔޭގެ އުފަލަކީ ކުޑަވަގުތުކޮޅެއްގެ ކަމެކެވެ. އަދި ތަޤުވާވެރިވި މީހަކަށް އާޚިރަތް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުންނަށް ކިތަންމެ ކުޑަމިންވަރަކުންވެސް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.” ﴿وَإِنْ كُلُّ ذَلِكَ لَمَّا مَتَاعُ الْحَيَاةِ الدُّنْيَا وَالْآخِرَةُ عِنْدَ رَبِّكَ لِلْمُتَّقِينَ﴾ [الزخرف: 35] މާނައީ: “އެހުރިހާ ތަކެއްޗަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އަރާމެއްކަމުގައިނޫނީ ނުވެތެވެ. އަދި ކަލޭގެފާނުގެ ވެރިރައްބުގެ ޙަޟްރަތުގައި ތަޤުވާވެރިންނަށް އާޚިރަތުގެ ނިޢުމަތް ހުށްޓެވެ.”

އޭ މުސްލިމުންނޭވެ. ފަހެ، މިދުނިޔެވީ ޙަޔާތް ތިބާ ހެއްލުންތެރިކުރިޔަ ނުދޭށެވެ. އަދި ޣާފިލުކަމާއި ޝަހުވަތާ އަދި ހަވާނަފްސާމެދު ރައްކާތެރިވާށެވެ. ﷲ جلَّ وعلا ވަޙީކުރެއްވިއެވެ. ﴿يَا أَيُّهَا النَّاسُ إِنَّ وَعْدَ اللَّهِ حَقٌّ فَلَا تَغُرَّنَّكُمُ الْحَيَاةُ الدُّنْيَا وَلَا يَغُرَّنَّكُمْ بِاللَّهِ الْغَرُورُ﴾ [فاطر: 5] މާނައީ: “އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ﷲ ގެ ވަޢުދުފުޅަކީ ޙައްޤު ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި ﷲ އާމެދު ޝައިޠާނާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ!” ﴿وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ﴾ [آل عمران: 185] މާނައީ: “ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.”

އޭނާގެ އާޚިރަތަށްވުރެ ދުނިޔެ އިސްކޮށް، އޭނާގެ ވެރިރައްބު ޝަރުޢުކުރައްވާފައިވާ ކަންކަމާ ޚިލާފުވެ، އަދި އޭނާގެ ޝަހުވަތަށް ތަބާވެއްޖެމީހާ ދަންނައެވެ. ބޮޑުވެގެންވާ ގެއްލެނިވުމަކުން އޭނާ ގެއްލި ހަލާކުވެއްޖެއެވެ. އަދި ބޮޑުވެގެންވާ އަބާއްޖަވެރިކަމަކުން އޭނާ އަބާއްޖަވެރިވެއްޖެއެވެ. ﷲ جلَّ وعلا ވަޙީކުރެއްވިއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا لَا تُلْهِكُمْ أَمْوَالُكُمْ وَلَا أَوْلَادُكُمْ عَنْ ذِكْرِ اللَّهِ وَمَنْ يَفْعَلْ ذَلِكَ فَأُولَئِكَ هُمُ الْخَاسِرُونَ﴾ [المنافقون: 9] މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މުދަލާއި، ތިޔަބައިމީހުންގެ ދަރިންތައް ﷲ ހަނދުމަކުރުމުން ތިޔަބައިމީހުން މަޝްޣޫލުކޮށް ދުރުކުރިޔަ ނުދޭހުށިކަމެވެ! އަދި އެކަންތައްކުރާ މީހާ (ދަންނާށެވެ!) ފަހެ، ގެއްލެނިވެގެންވާ މީހުންނީ، ހަމަ އެއުރެންނެވެ.”

އަދި އެއިލާހު ވަޙީކުރެއްވިއެވެ. ﴿فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيًّا [59] إِلَّا مَنْ تَابَ وَآمَنَ وَعَمِلَ صَالِحًا فَأُولَئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ شَيْئًا [60]﴾ [مريم: 59، 60] މާނައީ: “ފަހެ، އެބޭކަލުންނަށްފަހު، އެހެންބަޔަކު އައެވެ. އެބައިމީހުން ނަމާދު ދޫކޮށްލިއެވެ. އަދި ހަވާނަފްސުގެ އެދުންތަކަށް ތަބާވިއެވެ. ފަހެ، ނިކަންހުރެ އެބައިމީހުން ހަލާކާ ކުރިމަތިލާހުށްޓެވެ! [59] ތައުބާވެ، އަދި އީމާންވެ، އަދި ޞާލިޙު ޢަމަލުކުރި މީހުން މެނުވީއެވެ. ފަހެ، އެބައިމީހުން ސުވަރުގެއަށް ވަންނާނެއެވެ. އަދި އެބައިމީހުންނަށް އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. [60]”

އޭ ﷲގެ އަޅުތަކުންނޭވެ! ﷲއަށް ތަޤުވާވެރިވާށެވެ. ތިޔަބައިމީހުންގެ ވެރިރައްބު جلَّ وعلا ރުހިވޮޑިނުގަންނަވާ ކޮންމެ ކަމަކުން ދުރުހެލިވާށެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ﴿بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا [16] وَالْآخِرَةُ خَيْرٌ وَأَبْقَى [17]﴾ [الأعلى: 16، 17] މާނައީ: “އަދި ކިއެއް ހެއްޔެވެ! އާޚިރަތުގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވާ ޙާލުވެސް، ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ.”

މިޒަމާނުގައި ވަރަށް ގިނަ މީހުންގެ ހިތްތަކުގައި ދުނިޔަވީ އެދުންތައްވަނީ ބިންވަޅު ނަގާފައެވެ. އަދި މުސްލިމުންގެ ތެރެއިން ބައެއްގެ ކަނދުރާތައްވެސް އަނބުރާލެވިގެންވަނީ ދުނިޔަވީ ލައްޒަތްތަކާއި ޝައުވަތްތަކާ ދިމާލަށެވެ. ފަހެ، އެބައިމީހުންގެ ނަފްސުތައް ޙިސާބުކޮށް، އެބައިމީހުން އެދޭއެދުންތަކުގެ ޙަޤީޤަތާ އަދި ނަތީޖާއާމެދު ވިސްނާ ފިކުރުކުރުން މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވެއެވެ.

﴿الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِنْدَ رَبِّكَ ثَوَابًا وَخَيْرٌ أَمَلًا﴾ [الكهف: 46] މާނައީ: “މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ. އަދި ދެމިހުންނަނިވި ޞާލިޙު ޢަމަލުތައް، ކަލޭގެފާނުގެ ވެރިރައްބުގެ ޙަޟްރަތުގައި ޘަވާބުގެގޮތުން މާހެޔޮކަން ބޮޑެވެ. އަދި އެދޭ އެދުމެއްގެ ގޮތުން މާހެޔޮކަން ބޮޑުމެއެވެ.”

އަދި އަންނަނިވި ނަބަވީ ވަޞިއްޔަތް ކަނުލާ އަޑުއަހާށެވެ. އަދި އެޤަބޫލުކޮށް އެއަށް ޢަމަލުކުރާށެވެ.

عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: أَخَذَ رَسُولُ اللَّهِ صلى الله عليه وسلم بِمَنْكِبِي، فَقَالَ: «كُنْ فِي الدُّنْيَا كَأَنَّكَ غَرِيبٌ، أَوْ عَابِرُ سَبِيلٍ»

وَكَانَ ابْنُ عُمَرَ يَقُولُ: “إِذَا أَمْسَيْتَ، فَلَا تَنْتَظِرِ الصَّبَاحَ. وَإِذَا أَصْبَحْتَ، فَلَا تَنْتَظِرِ الْمَسَاءَ. وَخُذْ مِنْ صِحَّتِكَ لِمَرَضِكَ، وَمِنْ حَيَاتِكَ لِمَوْتِكَ.” [رواه البخاري]

މާނައީ: އިބްނު ޢުމަރު رضي اللّه عنهما ރިވާކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ ކޮނޑުގައި ހިއްޕަވާ، ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ބީރައްޓެއްސެއް ނުވަތަ ދަތުރުވެރިއެއް ފަދައިން މިދުނިޔެމަތީގައި ތިބާ އުޅޭށެވެ.”

އަދި އިބްނު ޢުމަރު رضي اللّه عنهما ވިދާޅުވެއެވެ. “ހަވީރު ވެއްޖެނަމަ، ފަހެ ހެނދުނަށް އިންތިޒާރު ނުކުރާށެވެ. އަދި ހެނދުނު ވެއްޖެނަމަ، ފަހެ ހަވީރަށް އިންތިޒާރު ނުކުރާށެވެ. އަދި ބަލިވުމުގެ ކުރިން ޞިއްޙަތުގެ ފައިދާ ލިބިގަންނާށެވެ. އަދި މަރުވުމުގެ ކުރިން ޙަޔާތުގެ ފައިދާ ލިބިގަންނާށެވެ.”

ނޯޓް: މިއީ 30 ޖުމާދަލްއޫލާ 1439 ވީ ހުކުރު ދުވަހު މަސްޖިދުއް ނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާއެވެ.
ހިޔާލު