Luthfee anburaa genaumuga gina gonjehun thah eba huri: Foreign Ministry
image
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު-- ފޮޓޯ: މޯލްޑިވްސް ޓައިމްސް
0 ކޮމެންޓް
 

ލުތުފީ އަނބުރާ ގެނައުމުގައި ގިނަ ގޮންޖެހުންތައް އެބަހުރި: ފޮރިން މިނިސްޓްރީ

ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އަބްދުﷲ ލުތުފީ ދިޔުމާއެކު ކަމާ ބެހޭ ފަރާތްތަކަށް އެކަން އެންގި ކަމަށާއި، ނަމަވެސް އޭނާ އަނބުރާ ރާއްޖެ ގެނައުމުގައި ގިނަ ގޮންޖެހުންތަކެއް ދިމާވަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ތިނެއް ނޮވެމްބަރު 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ ފަހަތުގައިވާ ލުތުފީ ދިވެހި އެމްބަސީގައި ހުރިކަން ހާމަވީ މިހަފްތާގަ އެވެ. އެކަމަކު ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައިވާ ގޮތުން މޭ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އޭނާ ހުރީ އެމްބަސީގަ އެވެ.

"...އަމިއްލަ އިހްތިޔާރުގައި ހާޒިރުވެ، ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް އެނބުރި ދިޔުމަށް އެދޭކަމުގެ މައުލޫމާތު މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމާއެކު މިކަން ދައުލަތުގެ ކަމާބެހޭ ވުޒާރާތަކާ ވާނީ ވަގުތުން ހިއްސާކުރެވިފަ،" އެ ބަޔާނުގައި ވެއެވެ.

"އެހިނދުން ފެށިގެން، ސްރީލަންކާ ސަރުކާރުގެ ވުޒާރާތަކުގެ ސަމާލުކަމަށް މިކަން ގެނެސް، ގާނޫނީ އިމުގެ ތެރެއިން ޢަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ވަނީ ފެށިފައެވެ. ނަމަވެސް މައްސަލައިގެ ބާވަތުން، ޢަބްދުﷲ ލުތުފީ އަނބުރާ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގައި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ،" ފޮރިން މިނިސްޓްރީން ބުންޏެވެ.

އެގޮތުން ލުތުފީ ހައްޔަރު ކުރަން އިންޓަޕޯލް ރެޑްނޯޓިސް ނެރެފައިވުމުން، ބައިނަލްއަގްވާމީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތަކެއް ހުރި ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އޭގެ އިތުރުން ލަންކާގެ ގާނޫނުތަކުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ މަރުހަލާތަކެއް ހުރި ކަމަށް ވެސް ބުނެފައި ވެއެވެ.

"ސްރީ ލަންކާގައި މީނާ ދިރިއުޅެމުން ދިޔައީ ސައްހަ ވިސާއަކާ ނުލައި، ފިލައިގެން ކަމުން، އިންސާނީ ހއްގުތަކުގެ މައްޗަށް ބިނާކޮށް އެގައުމުގެ ހިމާޔަތް ހޯދުމަށް މަސައްކަތްކޮށްފައިވުމުން، ލަންކާގެ ގާނޫނުތަކުގެ ދަށުން ފުރިހަމަކުރަން ޖެހޭ މަރުހަލާތަކެއް ހުއްޓެވެ،" މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ކޮމަންވެލުތުން ރާއްޖެ ވަކިކުރަން ނިންމުމުން، ރާއްޖެ އާއި ލަންކާ ސަރުކާރާ ދެމެދު ވެފައިވާ ކުށްވެރިން އަނބުރާ ފޮނުވާލުމުގެ އެއްބަސްވުމުގެ ސައްހަކަމާ މެދު ވެސް ސުވާލުތަކެއް އުފެދުނު ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ލުތުފީ އެމްބަސީ އަށް ދިޔެއީ ލަންކާގައި މިދިޔަ އޭޕްރިލް މަހު ދިން ހަމަލާތަކަށްފަހު ކަމުގައި ވުމުން ވެސް ގޮންޖެހުންތަކާ ދިމާވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެކަމަކު އޭނާ އެމްބަސީ އަށް އައުމާއެކު "އޭނާ ބެލެހެއްޓުމުގެ ކަންކަން ވާނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފައި" ކަމަށް މިނިސްޓްރީން ބުންޏެވެ.

"އާއްމު ފަރުދަކު އަމިއްލަ އިހްތިޔާރުގައި އެނބުރި ރާއްޖެ އައުމުގައި އާއްމު ގޮތެއްގައި އަމަލުކުރާ އުސޫލާއި ހިލާފަށް، އަބްދުﷲ ލުތުފީ އަނބުރާ ގެނައުމުގައި ގިނަގުނަ ގޮންޖެހުންތަކާއި ކުރިމަތިލާން" ޖެހުނު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"ވީ އެންމެ އަވަސް ފުރުސަތެއްގައި އޭނާ އަނބުރާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކެނޑިނޭޅި ކުރެވެމުންދާ ވާހަކަ މިފުރުސަތުގައި ތަކުރާރުކޮށް ފާހަގަކުރަމެވެ،" މިނިސްޓްރީން ބުނެފައި ވެއެވެ.

ލުތުފީ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ރާއްޖެ ގެނައުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ލަންކާގައި ލުތުފީގެ ކަންކަމުގައި ފުލުހުންގެ ހާއްސަ ޓީމެއް އުޅޭއިރު ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ނިމުމާއެކު ލުތުފީ ރާއްޖެ ގެންނާނެ ކަމަށާއި މަސައްކަތް ކުރަމުން ދަނީ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ލުތުފީ ގެނައުމަށް ކަމަށް ހަމީދު ވިދާޅުވި އެވެ.

ނަވާރަ ދިވެހިން ޝަހީދުކޮށްލި ނޮވެމްބަރު ތިނެއްގެ ހަމަލާގައި ބައިވެރިވި އަބްދުﷲ ލުތުފީ އުމުރަށް ޖަލަށް ލާފައިވަނިކޮށް ފިލާފައި ވަނީ، 16 ޖެނުއަރި 2010 ވަނަ ދުވަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުންނެވެ.
ހިޔާލު