Azima ge shareeai buraasfathi dhuvahu fashanee
image
ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

އާޒިމާގެ ޝަރީއަތް ބުރާސްފަތި ދުވަހު ފަށަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ލީގަލް އެފެއާޒު މިނިސްޓަރުކަން ކުރެއްވި އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލުކޮށްފި އެވެ.
އާޒީމާގެ މައްޗަށް ކުރަނީ ރައީސް ޔާމީނާ ގުޅުން ހުރި މައްސަލައެއްގައި ކަމާ ބެހޭ ފަރާތްތަކަށް ދޮގު މައުލޫމާތު ދެއްވި ކަމަށާއި، މަނީ ލޯންޑާ ކުރަން އެހީވެ ދެއްވި ކަމުގެ ދައުވާ އެވެ.

އެ މައްސަލާގައި އާޒިމާ އަށް ޗިޓް ހަވާލުކުރަން މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް އާޒިމާ ރާއްޖޭން ބޭރުގައި އުޅުއްވާތީ އެކަން ވަނީ ނުވެފަ އެވެ. އާޒިމާ އެނބުރި ރާއްޖެ އައުމުން ވަނީ ޗިޓު ހަވާލުކޮށް، މިދިޔަ ބުރާސްފަތި ދުވަހު މައްސަލައިގެ ލިޔުންތައް ހަވާލުކޮށްފަ އެވެ.

ކްރިމިނަލް ކޯޓަށް ވަޑައިގެން ލިޔެކިޔުންތަކާ ހަވާލުވެވަޑައިގެންނެވީ އާޒިމާގެ ބޭބެ އަލީ އާމިރު އެވެ. އެ ދައުވާއާ ގުޅިގެން އާޒިމާ ވިދާޅުވެފައި ވަނީ އެއީ އޭނާގެ ސިޔާސީ ހަޔާތް ދުއްވާލާ، އަބުރާ އިއްޒަތް ނަގާލުމަށް ހުށަހަޅާފައިވާ ދައުވާއެއް ކަމަށެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާ ލިބުނު އެސްއޯއެފްގެ ކުންފުނިން ކުރީގެ ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު އޭސީސީއާ ހަވާލުކުރުމަށް އެންގުމުން ފައިިސާ ހަވާލު ނުކޮށް ފައިސާއިން މަންފާ ލިބޭ ގޮތަށް އެކްސްކްރޯ އެކައުންޓެއް ހުޅުވާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެކަމުގައި އޭސީސީގެ ރައީސް ހަސަން ލުތުފީގެ އެހީތެރިކަމެއް އޮތް ކަމުގެ ތުހުމަތު ކުރެވޭއިރު އެ ކޮމިޝަނާ އެކު އެއްބަސްވެވަޑައިގެންނެވި ގޮތަށް ފައިސާ ޖަމާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުގެ އޭރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ވަނީ ލިޔުމުން އޭސީސީ އަށް އަންގަވާފަ އެވެ. ނަމަވެސް އެކަމުގައި އޮޅުވާލުންތަކެއް އުޅޭކަން ފަހުން ފަޅާއެރުމުން އޭސީސީން ފުލުހުންގެ ކިބައިން އެ މައްސަލަ ބަލައިދޭން އެދި ހުށަހެޅި އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.
ހިޔާލު