Vaahaka: Hus Hiyy
image
ވާހަކަ: ހުސް ހިތް-
ފަތުހުﷲ އަހުމަދު
0 ކޮމެންޓް
 

ވާހަކަ: ހުސް ހިތް

"ދެން މަންމައަށް ގޮވަނީ ކީއްކުރަން؟" މުނާ ހިތްހަމަ ނުޖެހުނެވެ. އޭރު ވެސް އޭނާގެ ކެއްސުމަށް ބަދަލެއް ނާދެއެވެ.
"މަށަށް އެނގޭ ދެންވާނެ ގޮތް. އަހަންނަށް ވާން އުޅޭ ގޮތުގެ ކުލަވަރު އެބަ ފެނޭ." މާނާ އޯގާތެރިކަމާއެކު މުނާގެ ބޮލުގައި ފިރުމައިލަމުން ބައްދައިލިއެވެ.

"ކިހިނެއްވީ ދަރިފުޅާ؟ އަނެއްކާ ކަމެއް ގޯސްވީތަ؟،" މާނާގެ މަންމަ، މުނީޒާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. "މަންމައަށް އިވުނީ ތަންކޮޅެއް ލަހުން."
"ދޮންތަ ކެއްސުން އަރައިގެން ކޮންޓްރޯލް ނުވެގެން." މާނާ ބަލައިލީ މުނީޒާގެ މޫނަށެވެ.
މުނާ އޭރު ވެސް ކެއްސަމުން ދިޔައެވެ. ކުރިއަށް ވުރެ މަދުންނެވެ.

"ކީއްވެ ކެއްސުން އެރީ؟" މުނީޒާ މުނާގެ ބޮލުގައި ފިރުމައިލަމުން ގަޔާ ގާތްކޮށްލިއެވެ.
"ސަކަރާތް ޖެހުނީ މާބޮޑަށް." މާނާ އަމިއްލަ އަތުގެ އިނގިލިތަކާ ކުޅެމުން އިސްޖަހައިލިއެވެ.
"ދައްކަބަލަ ބަލައިލަން." މުނީޒާ މުނާގެ މޫނަށް ފުންނަޒަރަކުން ބަލައިލިއެވެ.
މުނާ އިނީ އޭނާގެ ކެއްސުންގަނޑު އެތެރެއަށް ހިފަހައްޓައިލައިގެންނެވެ.

"އިރާދަކުރެއްވިއްޔާ ގޯހެއް ނޫން،" މުނީޒާ މުނާގެ ކޯތާފަތުގައި އަތް ޖައްސައިލިއެވެ. "މާ ބޮޑަށް ފިކުރު ނުކުރޭ."
"އަލްހަމްދުﷲ!،" މާނާ މޫނަށް ދެއަތް ކައިރިކޮށްލިއެވެ. "ނަސީބެއް އަހަރުމެންގެ އާއިލީ ނަރުހެއް ލިބުނުކަން."
"ހޫމް ދެން މަންމައަށް ދިމާކުރާނެ ކަމެއް ނެތް،" މުނީޒާ އެނދުން ތެދުވެލަމުން ހިނގައިގަތެވެ. "މާނާ ވާނެ ދޮންތަ ތަނަކަށް ދަންޏާ ދޮންތައާއެކު ދާން. ދޮންތަ އެކަނި ކޮށް ނުލައިތި!"

"ލައްބަ މަންމާ!" މާނާ ހިނިތުންވެލިއެވެ.
"މަންމަ މިދަނީ ޑިއުޓީއަށް. ކަމެއް ދަމެއް ގޯސްވަންޏާ މަންމައަށް ގުޅާތި! ބޭރަށް ދަންޏާ ތަޅުލައިފަ ދާތި!" މުނީޒާ ބަލައިލީ މާނާއަށެވެ.

"އޯކޭ. އަހަރުމެން މިދަނީ ހުޅުމާލެއަށް. އިރާކޮޅު އަންނަ ގޮތަށް. މައީދު ވެސް ދާނެ." މާނާ ބަލައިލީ މުނާގެ މޫނަށެވެ.
"އޯކޭ ދޮންތައަށް ބަލައިގެން އުޅޭތި. ޓެކްސީގަ ދާންވާނީ." މުނީޒާ މުނާގެ މޫނަށް ބަލައިލިއެވެ.

"މަންމަ ހާދަ ބިރެއް ގަނެޔޭ ދޯ. މަންމާ އެ މީހުން ނުބަލަ ދުއްވާ ވަރުން ވާގޮތެއް އެއީ." މާނާ ހޭން ފެށިއެވެ.
"ދަރިފުޅާ! ބުރިޖުމަތިންނާ ހައިވޭގަ ވެފަ ހުރި އެކްސިޑެންޓްތައް ވެފަ އެ ހުރީ ބާރަށް ދުއްވައިގެން އެކަންޏެއް ނޫން. އަދި އެކްސިޑެންޓްވެ އަނިޔާވެ ނުކުޅެދޭ މީހުންނަށް ވެފަ އެތިބަ ގިނަ މީހުންނަކީ އެމީހުންގެ އެއްވެސް ކުށެއް ނެތި، ގަވާއިދާ އެއްގޮތަށް ދުއްވަނިކޮށް، އެހެން މީހެއްގެ ސަބަބުން އަނިޔާވެ އެކްސިޑެންޓް ވެފަ ތިބި މީހުން." މުނީޒާ މާނާއަށް ވިސްނައިދެވޭތޯ ބެލިއެވެ.
"އަހަރެން ތި ނޫނެކޭ ނުބުނަމޭ." މާނާ ތުންފަތުގައި ދަތް ޖައްސައިލިއެވެ.

"އަހަންނަށް ފެންނަނީ ކޮއްކޮ ޓްރާންސްޕޯޓް މިނިސްޓަރުކަމަށް ކުރިމަތިލާން." ބަލި ރާގެއްގައި މުނާ ބުނެލިއެވެ.
"ދެން މަންމަ ދިޔައީ!" މުނީޒާ ހިނިތުންވެލަމުން ކޮޓަރިން ނުކުތެވެ.

ހިތްފަހި އަމާން މާހައުލެކެވެ. ފެހިކަން ގަދަ މާހައުލެކެވެ. އިރުގެ ދޯދިތަކުގެ މައްޗަށް ކަނު އަނދިރިކަން އަތް ގަދަކުރަމުން ދިޔައެވެ. އަނދިރިކަމުގެ މައްޗަށް ހުޅުމާލޭ ސެންޓަރަލް ޕާކުގައި ދިއްލާފައިވާ މަސްނޫޢީ ބޮކިތަކުގެ ވެރިވަމުން ދިޔައެވެ. މުޅި މާހައުލުގައި ރަސްކަން ކުރަމުން ދިޔައީ ހިމޭންކަމެވެ. އަމާންކަމެވެ.

މުނާއާއި މައީދު ތިބީ ޕާކުގައި އޮތް ފެންގަނޑުގެ ކައިރީގައެވެ. ދެމީހުން ފިތިބާރު ވެގެންނެވެ. ނަފުސީ ނެމުގުގައެވެ. އެކި ގޮތްގޮތަށް ހުއްޓި ތިބެގެންނެވެ. ތަންކޮޅެއް ދުރުގައި މަންޒަރު ބަލަން މާނާ އިނެވެ. ވިސްނުމެއް ފިކުރެއް ނެތިއެވެ. ކުއްލިއަކަށް މާނާއަށް ސަމާލުވެވުނީ މުނާގެ ހަރަކާތްތަކަށެވެ.

މުނާގެ އަމިއްލަ ބޮލުގައި ދެ ފަހަރަކު އަތްޖައްސައިލިއެވެ. އެއްފަހަރު ނިންމަތީގައެވެ. އަނެއް ފަހަރު ފުއްކިބައިގައެވެ. އޭރު މައީދު ހުރީ މުނާއަށް ފުރަގަސްދީގެންނެވެ. މުނާ މަޑުމަޑުން މައީދުގެ ފުރަގަހުން މައީދުގެ ގަމީހުގައި ހިފައިލިއެވެ. އެއްލެމުން އެއްލެމުން ކަހަލަ ގޮތަކަށެވެ. އަނެއް ފަހަރު މައީދުގެ ބުރަކަށީގައި މޫނުގެ އަރިމަތި ޖައްސައިލިއެވެ. މައީދު ހީކުރީ މުނާ އޭނާގެ ގައިގައި ބައްދަލައިލަނީ ކަމަށެވެ.

ދުރުގައި ބަލަން އިން މާނާއަށް މުނާގެ ހަރަކާތްތައް ތަކުން ކަމެއް ދޭހަވިއެވެ. މާނާގެ ހިތުގެ ވިންދު އަވަސްވިއެވެ. އިންޒާރުގެ ސިގުނަލްތަކުން މާނާގެ ހިތް ފުރުނެވެ. މާނާ ދުއްވާގަތެވެ. މުނާއަށް ގޮވައިލަމުންނެވެ. މައީދަށް އެ އަޑު އިވުނެވެ. ސިހިފައި އޭނާ އެނބުރިއެވެ. އޭރު މުނާ ބިންމައްޗަށް ވެއްޓެނީއެވެ.

މައީދަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާގެ ދެ ލޯ ބޮޑުކޮށްލެވުނެވެ. ނޭފަތާއި އަނގަ ކައިރިއަށް ސަމާލުކަން ދެވުނެވެ. ރަތްކުލަ ފާހަގަ ވުމުންނެވެ. މުނާގެ އަތްތިލައަށް ބަލައިލެވުނެވެ. އަތްތިލައިގައި ވެސް ވަނީ އެ ކުލައެވެ. އޭނާއަށް ޔަގީންކުރެވުނެވެ. އެއީ ލޭ ކަމެވެ. އަވަސް ހަރަކާތްތަކަކާއެކު މައީދު މުނާ ކައިރީގައި އިށީނެވެ.

"މުނާ! މުނާ ކިހިނެއްވީ؟ އޭ މުނާ." މައީދު މުނާގެ ބޯ ނަގައި އުނގަށް ލަމުން ގޮވައިލިއެވެ.
މުނާ ދެ ފަރާތަށް ކަޅި ހިންގައިލިއެވެ. އޭރު އޭނާގެ ދެ ލޯ މެރެނީއެވެ. ލޮލުގެ ކަޅި ފެންނަ ވަރެއް ނުވެއެވެ.
މާނާއަށް އެހައި ހިސާބަށް އާދެވުނީ އޭރުއެވެ. މާނާގެ ހަރަކާތްތައް އަވަސްވެފައި ފަރިތައެވެ. އަތް ދަބަހުގައި އޮތް ޓިޝޫ ބޮނޑި ނަގަމުން މައީދަށް ދިއްކޮށްލިއެވެ. އެއާއެކު އަތްދަބަހުން ކުޑަކުޑަ ފުޅިއެއް ނެގުމަށްފަހު މުނާގެ ނޭފަތާއި އަނގަޔަށް ސްޕްރޭ ކޮށްލިއެވެ.

މައީދަށް އިނދެވުނީ މަންޒަރު ބަލާށެވެ. މާނާގެ ހަރަކާތްތަކުގެ ސަބަބުންނެވެ. އޭނާ ހުޝިޔާރުކަމުންނެވެ.
"މަންމާ ދޮންތަ... އަވަހަށް އާދޭ! މި ދަނީ ޓްރީޓޮޕަށް. ހަމަ އެގޮތަށް ދިމާވެއްޖެ!" މާނާ ފޯނު ކަންފަތާއި ކޮނޑާ ދެމެދަށް ލައިގެން ދެ އަތުން މުނާއަށް ހޭހަން ކޮށްދެމުން ވާހަކަދެއްކީ އޭނާގެ މަންމައާއެވެ.

މާނާގެ އިރުޝާދުގެ ދަށުން މައީދުގެ ހަރަކާތްތައް ވެސް ރުކުރުވާލިއެވެ. އެންބިއުލަންސަށް ގުޅުމާއި މުނާގެ ބައްޕައަށް ވާނުވާ އެންގުމުގައި އޭނާގެ ހަރަކާތްތައް އަވަސްވިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުނާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވުނެވެ. މާނާ ކޯލަކަށް ފަހު ކޯލަކަށް ޖަވާބު ދެމުން ދިޔައެވެ. އާއިލާގެ އެކި މީހުންނަށެވެ.

"މަންމަމެން އެބައާދޭ. ކުޑަބެމެން ވެސް އެބަ އާދޭ! ދޮންތައަށް ވެސް ގުޅައިފިން،" މާނާ ހާސްވެފައިވާ ރާގެއްގައި ވާހަކަދެއްކިއެވެ. "އެންމެންނަށް އަންގަން ޖެހޭނެ. އެންމެ ވެސް އޮތީ ބުނެފަ. އަހަރެންގެ ހިތް އެބަ ތެޅޭ. މޭ ވެސް ހީވަނީ ބޭރަށް ނުކުމެދާނެހެން. އަޅެ ބަލައިބަ އެތެރެއަށް ވަދެވޭތޯ. އަހަރެން ބޭނުން ދޮންތަ ގާތުގައި ހުންނަ. ދޮންތަ ވެސް ބޭނުންވާނެ އޭނާ ގާތު އަހަރެން ހުންނަން. މި ވަރަށް މުހިއްމު ދަނޑިވަޅެއް. އަހަރެން ކެތްކުރާނަމޭ. ނުރޯ ނަމޭ. މައީދު ޕްލީޒް. އަޅެ އަހަރެން އެތެރެއަށް..."
މާނާ މައީދުގެ ކޮނޑުގައި ބޯ އަޅައިލިއެވެ. އޭނާ ކޮންޓްރޯލުން ނެއްޓެމުން ދިޔައެވެ. މަޑުމަޑު ގިސްލުމަކާ އެކު މާނާގެ ހަށިގަނޑުގައި ލުއި ތުރުތުރެއް ދައުރުވަމުން ދިޔައެވެ. ގިސްލުން އިތުރުވަމުން ދިޔައެވެ.

"ހަމަ ޖެހިބަލަ. އަދި ރޯކަށް ނުވެޔޭ! އަދި ވީ ގޮތެއް ވެސް ނޭނގެއެއްނު." މާނާއަށް ހިތްވަރު ދޭ ރާގުގައި މައީދު ވާހަކަ ދެއްކިއެވެ.

"އެހެންތަ؟" ސުވާލުގެ ނަޒަރުން މާނާ ބަލައިލީ މައީދުގެ މޫނަށެވެ.
"ޑޮކުޓަރުން ނިކުތީމަތާ އެނގޭނީ ވެސް. އެހެން ނޫނަސް މި ގަޑީ އެކަކު ވެސް ނުވައްދާނެ. ހަމައަކަށްއެޅުމުން ކޮންމެ ވެސް އެކަކަށް ވަދެވޭނެ."

"މައީދަށް އަދި ވެގެން އުޅޭ ގޮތް ނޭނގެނީ. މި ވަރަށް ނާޒުކު ދަނޑިވަޅެއް. މި ޑޮކުޓަރުން ބުނެފަ އޮތް ދަނޑިވަޅު. މި އެ ގަޑި." މާނާ ނޭފަތް އެތެރެއަށް ދަމައިލަމުން ދެ ލޮލުން ކަރުނަތައް ފޮހެލިއެވެ.

"މުނާ އެބަ ގޮވާލައްވާ މައީދާއި މާނާއަށް،" ނަރުސްކުއްޖާގެ ނިޔަނެތި އަޑު އިވުނެވެ. "އެތެރެއަށް ދުރުވޭ."
މަޑުމަޑުން މާނާއާއި މައީދު އެތެރެއަށް ވަނެވެ. މައީދުގެ ހިތް ނަގައި ޖެހެމުން ދިޔައެވެ. ވެގެން އުޅެނީ ކީއްކަމެއް އޭނާއަކަށް ސާފެއް ނުވެއެވެ. އޭނާ ހުރީ ވާނުވާ ނޭގިފައެވެ. ނަމަވެސް، މާނާއަށް ދެން ވާނެ ގޮތް އެނގެއެވެ. އޭނާގެ ހިތުގައި ބިރުވެރިކަން އުފެދި އެއިން ކޯދުލަމުން ދިޔައެވެ. މުޅި މީހާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްދަތިކަމުގެ އަސަރުތަކެވެ. މާޔޫސްކަމެވެ. ބޮޑު ކަމެއް ކުރިމަތިވާން އުޅޭ ކަމުގެ އިހުސާސްތަކެވެ. މާނާގެ ހިތުގައި އަޒުމު ކަނޑައެޅިއެވެ. މުނާގެ ކުރިމަތީގައި ކެތްކުރާށެވެ. ހިތްވަރުކުރާށެވެ.

މައީދުގެ ކަނާއަތުގެ މުލައްދަނޑީގައި މާނާ އެއް އަތުން ހިފައިލިއެވެ. އަނެއް އަތުން ކަރުނަތައް ފޮހެލަމުންނެވެ. މުނާ އޮތް އެނދު ކައިރިއަށް ދެވުމާއެކު ދެމީހުންގެ ލޮލުން ވެސް ކަރުނަތައް ފޭދިގަތެވެ. މުނާގެ ގައިގެ އެތަން މިތަނުގައި އެކި ގޮތްގޮތަށް ގުޅާފައި ހުރި ހޮޅިތަކާއި އައިވީތައް ފެނުމުން މައީދުގެ ހިތް ކުދިކުދިވާ ވަރުވިއެވެ.

މުނާގެ ނޭފަތަށް ވެސް ވަނީ ހޮޅި ގުޅައިގައެވެ. ނޭވާ ލާން ފަސޭހަ ކޮށްދިނުމަށެވެ. ކުޑައިރުކޮޅެއް ކުރީން ސާފުކޮށް ފެނުނު މުނާގެ ރީތި ދެ ލޯ ވަނީ ރަތްވެފައެވެ. މުނާއަށް ކިރިޔާ ދެ ލޯ ހުޅުވާލެވެނީއެވެ. މާނާއާއި މައީދު ފެނުމުން ގަދަކަމުން މުނާ ހިނިތުންވެލިއެވެ. ބަލިގޮތަކަށެވެ. މުނާ ހީވަނީ އެތައް ޒަމާނެއް ވަންދެން ބަލިވެ އޮތް މީހެއް ހެންނެވެ. މުޅި މޫނުމަތިވަނީ މިލައި މޯޅިވެފައެވެ.

"އަހަރެން... އެންމެ ކަމެއް... އެންމެ ވާހަކައެއް..." މުނާ ހުއްޓަމުން ހުއްޓަމުން ކަހަލަ ގޮތަކަށް ބުނެލިއެވެ.
މުނާގެ ނޭވާގެ އަޑު ގަދަވަމުން ދިޔައެވެ. މާނާ އިޚުތިޔާރުން ބޭރުގައި މުނާއާ ދިމާއަށް ދިޔައެވެ. އަނެއް ފަރާތުން މައީދު ވެސް މުނާގެ ކައިރިއަށް ލެފިލިއެވެ.

"އަހަންނަށް ދެ ކުދިން ވެސް ކަމެއް ކޮށްދީބަލަ!" ދަތި އުނދަގޫ ގޮތަކަށް މުނާ ވާހަކަދެއްކިއެވެ. ހުއްޓަމުން ހުއްޓަމުންނެވެ.
"އަވަހަށް ބުނޭ،" މާނާ، މުނާގެ އަތުގައި ހިފައިލިއެވެ. "ހިތުން ރުހުމުން ކޮށްދޭނަން."
"އަހަރެންގެ އަތުގައި ދެ ކުދިން ހިފައިލަދީބަލަ." މުނާ ނޭވާ އަވަސް ވަމުން ދިޔައެވެ.

މައީދު އަވަސް އަވަހަށް މުނާގެ އަތުގައި ހިފައިލިއެވެ. މާނާ ވެސް އަނެއް އަތުގައި ހިފައިލިއެވެ.
"އަހަރެން ބޭނުންވަނީ އެންމެ ފަހު ނޭވާ ދޫކޮށްލުމުގެ ކުރިން އަޑުއަހައިލަން." މުނާ އަޑު ދިޔައީ މަޑުވަމުންނެވެ.
"މައީދު އަހަރެން މި ދަނީ މި ދުނިޔެއިން. އަހަރެންގެ މަގާމު ކޮއްކޮއަށް ދީ. އަހަރެން ނެތް ދުނިޔެއެއްގައި ކޮއްކޮ ދޫކޮށް ނުލާނެ ކަމަށް ވައުދުވެ ދީ،" މާނާ ގަދަކަމުން ހިންދިރުވަމުން ފުރިހަމަކޮށްލިއެވެ. "ކޮއްކޯ! ދޮންތަ ނެތް ދުނިޔެއެއްގައި މައީދު ބަލައިދީ ކޮއްކޮގެ އަލަތު ފިރިމީހާގެ ޝަރަފު އޭނާއަށް ދޭން ވައުދުވެދީ."

މައީދަށް ބަލައިލެވުނީ މާނާގެ މޫނަށެވެ. މާނާ ވެސް ބަލައިލީ މައީދުގެ މޫނަށެވެ.
"އަހަންނަށް މިކަން ކޮށްދީ! މީ ދޮންތަ އެދޭނެ ހަމައެކަނި ކަމަކީ." މުނާ އަނެއްކާ ވެސް ބުނެލިއެވެ.
"އާން ދޮންތާ. ދޮންތަ މައީދު ދެކެ ވީ ލޯބީގެ ހައްގުގައި އަހަރެން މައީދުއާ އިންނަން ތައްޔާރު. އަހަރެންގެ ހިތަކީ ހުސްކޮށް އޮތް ހިތެއް ނަމަވެސް، ދޮންތައަށް ޓަކައި އަހަރެންގެ ހުސް ހިތް ފުރައިލާދޭނަން." މައީދުގެ މޫނަށް ބަލައިގެން ހުރެ ބުނެލިއެވެ.
"މައީދޫ؟" މުނާ މައީދުގެ އަތުގައި ހިފައި ތަޅުވާލިއެވެ.

"މުނާ ތި އެދުނު އެދުން އެންމެ ފުރިހަމައަށް އަދާކޮށްދޭނަން!" މައީދު މުނާއާ ދިމާއަށް ގުދުވެލިއެވެ.
އޭރު މުނާގެ ނޭވާ އަވަސްވަމުން ދިޔައެވެ. އޭނާގެ ނޭވާ އުފުރެމުން އުފުރެމުންދާ ކަމަށް ފާހަގަކުރެވެމުން ދިޔައެވެ.
"ވަރަށް އުފާވެއްޖެ. ދެން ދޮންތަގެ ގާތުގައި ދެ ކުދީން އިށީނދެލާ. ދޮންތަގެ ދެ އަތުގައި ދެ ކުދީން ހިފައިލާ. ދޮންތައަށް ޝަހާދަތް ލައިދީ" މުނާއަށް ނޭވާލާން އުނދަގޫވުމުން ހުއްޓައިލިއެވެ.

މާނާގެ ނޭވާ އުފުރެމުން ދިޔައެވެ. މީހާގެ ދެ ލޯ ބޮޑުވަމުން ދިޔައެވެ. ލޮލުގެ ދެ ފަރާތުން ކަރުނަތައް އޮހެމުން ދިޔައެވެ.
މާނާއާއި މައީދު، މުނާގެ އަތްތިލައަށް އެމީހުން އަތްލައި ގަތައިލަމުން މުނާގެ ބޯ ކައިރީގައި އިށީނެވެ. މަޑުމަޑުން މުނާ ޝަހާދަތް ކިޔަން ފެށިއެވެ. ކިރިޔާ އިވޭ ނީވޭ ވަރަށެވެ. މައީދު މުނާއަށް ޝަހާދަތް ލައިދިނެވެ.
މުނާގެ މެދު ހަށި މައްޗަށް ހިއްލުނެވެ. ނޭވާ ލާން އުނދަގޫ ވެގެންނެވެ. މުނާގެ ދެ ލޯ ވަނީ އާހަށް އަރައިފައެވެ. މުނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ދިގު ނޭވާއެކެވެ. އެއާއެކު މުޅި މީހާ ހިނދިގެން ދިޔައެވެ. މުނާ ހުއްޓުނެވެ. މެޝިންތަކުން ކުރެހެމުން ދިޔަ ރޮނގުތައް ތެދުވެ ހިންދެމިލިއެވެ.

މައީދުގެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. މަޑުމަޑުން ގޮނޑީގެ ދެ ފަރާތުގައިވާ ދަގަނޑުގައި އަތް ބާއްވާލިއެވެ. ތުރުތުރު އަޅަމުން ދިޔަ ދެ އަތަށް ބާރުކޮށްލިއެވެ. އަނެއްކާ ވެސް މުނާގެ ފޮޓޯއަށް ބަލައިލިއެވެ. މައީދުގެ ހިތު ވިންދުވަނީ އަވަސް ވެފައެވެ. ހަށިގަނޑުގައި އުފެދިފައިވާ ތުރުތުރު އިހުނަށް ވުރެ އިތުރުވެފައެވެ. މައީދު ފުން ނޭވާއެއް ދޫކޮށްލިއެވެ.
"މާނާ! މުނާ" މައީދަށް ބުނެލުނެވެ.

މާނާ ބަލައިލީ ފަހަތަށެވެ. މައީދުގެ މޫނަށެވެ. މައީދުގެ ދެ ލޮލުން ކަރުނަތައް ހިލެމުން ދިޔައެވެ.
"ކީއްވެ މުނާގެ ބަލީގެ ވާހަކަ އެ ދުވަހު ނުބުނީ؟" މައީދުގެ އަޑުގައި ތުރުތުރެއް އުފެދިފައި ހުއްޓެވެ.
"ދޮންތަ ބޭނުން ނުވީ އެ ގޮތް. ޑޮކުޓަރު ދީފައި އޮތީ ވިއްސަކަށް ދުވަސް. ދޮންތަ ބޭނުންވީ އެ ވިހި ދުވަސް އުފަލުގައި ހޭދަކުރަން. ރާއްޖޭން ބޭރަށް ދިޔަޔަސް ވާނެ އެއްވެސް ފައިދާއެއް ނެތްކަމަށް ޑޮކުޓަރު ބުނީ. ދެން ދޮންތަގެ ބަލީގެ ވާހަކަ މައީދަށް ސިއްރުކުރީ ދޮންތައާ މައީދު ވަކިވެ ދާނެތީ. ދޮންތަ އޮތީ މާ ކުރިން ވެސް ޕްލޭން ކޮށްފަ. އޭނާގެ ފަހު ވަގުތުކޮޅު އަހަންނަށް އެ ވަސިއްޔަތް ކުރަން." މާނާ ތެދުވެލަމުން ކިޔައިދިނެވެ.

"އެހެންވެތަ ދޮންތަގެ ހިޔަނިހެން މާނާ އުޅުނީ؟" ލަސްލަހުން މައީދު އަހައިލިއެވެ.
"އާން! ދޮންތަގެ ރައްކާތެރިކަމަށް ޓަކައި މަންމަ އޮންނަނީ ދޮންތައާއެކު އުޅެން މަޖުބޫރުކޮށްފަ،" މާނާ އޮޅުން ފިލުވައިދިނެވެ. "އެއްވެސް ވަރަކަށް ނޭނގޭ ދޮންތައަށް ކެންސަރު ޖެހިފަ ވާކަމެއް. އަބަދު ވެސް ދޮންތަ އުޅޭނީ ބަލިކޮށް. ދޭތެރެ ދޭތެރެއިން ބަލިވާނެ. ފަހުން ފަހުން މާ ބޮޑަށް ބަލިވާން ފެށީ. ބަލިކޮށް އުޅޭތީ ދެއްކީމަ ބުނީ އެންމެ ފަހު ސްޓޭޖްގައޭ. ހަށިގަނޑު ވަރަށް ވީކޭ. ކުޑަ ދުވަސްކޮޅެކޭ ލިބޭނީ."

"މައީދު ދެކެ އެންމެ ފުރަތަމަ ލޯބި ވެވުނީ އަހަންނަށް. އަހަންނަކަށް ނޭނގެ ދޮންތަ މައީދު ދެކެ ލޯބިވާ ކަމެއް. ދޮންތަގެ ބަލީގެ ޚަބަރު ލިބުމުން އަހަރެން ބޭނުންވީ ދޮންތައަށް ދޫކޮށްލަން. ދޮންތަގެ އުފަލަށް ޓަކައި އަހަރެންގެ އުފާތައް ގުރުބާން ކުރަން. ދޮންތައަށް ވެސް މިކަން އެނގުނީ ވަރަށް ފަހުން. އެއްކަލަ ދުވަހު ބީޗުގަ އޮތް ޕާޓީ ނިންމާފައި ދަނިކޮށް."

"ދެން އެވާހަކަ ނުދައްކަމާ. ކޮން އިރަކުންތަ އަހަރުމެން ދަރިފުޅު، މުނިޔާމެން އަންނާނީ؟ ލޮލަކަސް ބޮލަކަސް ހުރީ ކާފަ ނެތުނީމަ މުޅި ގޭތެރެ މި އޮންނަނީ ފަޅުވެފަ. މި ހިޔާލުތަކަށް މި ގެނބެވެނީ ވެސް އެހެންވީމަ. އެ ވެރިން ޢީދު ބަންދަން ރަށުން ބޭރަށް ދިޔަ ފަހުން ކޮންމެ ދުވަހަކު މި އާ ކުރެވެނީ މި ހަނދާންތައް. މާނާގެ ހުސް ހިތް ފުރުނު ހަނދާންތައް. އެ ޒިކުރާތައް. އެ އިހުސާސްތައް. މިއަދު އަހަންނަށް ވިސްނުނީ ހިތަކީ އަބަދުވެސް ހުސް އެއްޗެއް ކަން." މައީދު މާނާގެ އަތުގައި ހިފައިލިއެވެ.
މާނާ ވެސް މައީދުގެ އަތުގައި ހިފައިލިއެވެ. ހުދުކުލައިގެ އިސްތަށި ތަކުން ފުރިފައިވާ މައީދުގެ ބޮލުގައި ފިރުމައިލިއެވެ.

"އެކަމަކު މީހުން ކިޔަނީ ހިތް ފުރޭ ވާހަކަ. އެ ހަމަ ކުށް ހީއެއްދޯ" މާނާ މައީދު އިން ފުރޮޅުލީ ގޮނޑި ދުއްވާލިއެވެ. މާޒީގެ ހަނދާންތަކުން ފެންވެރުމަށްފަހު ފެން ހިއްކަމުންނެވެ. ހުސްކޮށް އޮތް ހިތް ފުރަމުންނެވެ.

-ނިމުނީ-
ހިޔާލު