Raees Yameen ah heki hushahelhuvvumah 5 dhuvas dhevvaifi
image
ރައީސް ޔާމީން--
މުހައްމަދު ފަތުހުﷲ
1 ކޮމެންޓް
 

ރައީސް ޔާމީން ހެކި ހުށަހެޅުއްވުމަށް ފަސް ދުވަސް ދެއްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަކުރުމުގެ ދައުވާގެ އިބްތުދާއީ އަޑުއެހުންތައް ނިންމާލައި، ޝަރީއަތުގެ އަޑުއެހުންތައް ފަށައި، ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ހެކީން ހުށަހަހަޅައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށްބުނެ، ފަސް ކަމެއް ޝަރީއަތަށް ހުށަހަޅާފަ އެވެ. ޔާމީންގެ ގާނޫނީ ވަކީލުން މަގައިގަނޑު ގޮތެއްގައި ފަހަގަކުރައްވާފައިވަނީ، ދައުވާގެ ސީޣާގައި ޔާމީން ކުރީ ކޮން ކުށެއްކަން ސީދާކޮށް ބަޔާން ކޮށްފައިނުވާކަމަށާއި، ދައުވާ ކުރާ ކުށަަކީ ކޮން ވަގުތެއްގައި ކޮށްފައިވާ ކަމެއްކަން ސާފެއްނުވާ ކަމާއި، ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ގާނޫނުއަސާސީގައި ބުނާ ހަމަހަމަކަމާ ހިލާފަށް ކޮށްފައިވާ ދައުވާއެއްކަމާއި، މަނީ ލޯންޑްރިން ގާނޫނު ބުނާ ގޮތުގައި މިފަދަ މައްސަލަތައް ކުރިއަށް ގެންދެވޭނީ އެމްއެމްއޭގެ އެފްއައިޔޫގެ ލިޔުމެއް ލިބިގެން ކަމަށް ބުނާއއިރު އެފަދަ ކިޔުމެއް ނެތްކަމަށް ޔާމީންގެ ގާނޫނީ ވަކީލުން ވިދާޅުވިއިރު ފަސް ވަނަ ކަމަކަށް ފާހަގަކޮށްފައިވަނީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާިއ އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ޒިޔަތު ހެކީގެ ގޮތުގައި ހުށައެޅުމުން އެކަމުގައި އަދާވާތްތެރިކަން އޮންނާނެތީ ކަމަށްބުނެ ފާހަގަކުރި ކުރުމެވެ.

ޔާމީންގެ ފަރާތުން ފާހަގަ ކުރެއްވި ފަސް ނުތާއަށްވެސް ދެފަރާތުން ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމަށްފަހު، އެ ނުކުތާތަކާއި ގުޅިގެން ދައުލަތުން ފާހަގަކުރި ކަންކަމަށް ރިޔާތްކޮށް، ގާޒީ އަދި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ވަނީ ފާހަގަ ކުރި ނުކުތާތަކުގައި އެ ދައުވާ ކުރިއަށް ނުގެންދެވެންވީ ސަބަބެއް ނެތްކަމަށް ނިންމައި ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ.

އެގޮތުން ދައުލަތުން ދައުވާ ހުށަހެޅުމާއި ދައުވާ ސާބިތު ކުރުމަށް ހުށަހަޅާ ހެކި ގަރީނާތައް ހުށަހެޅުމަށް ފުރުސަތު ދެއްވުމުން ދައުލަތުން ވަނީ އެ ދައުވާ ސާބިތު ކުރުމަށް ޝަފަވީ ހެއްކާއި ކިތާބީ ހެކި ހުށަހަޅުއްވާފަ އެވެ.

ޝަފައީ ހެކީގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އޭސީސީގެ ކުރީގެ ރައީސް ހުސަން ލުތުފީއާއި، އޭސީސީގެ އޭރުގެ ނައިބު ރައީސް އަދި މިހާރު ރައީސް މުއައްވިޒު ރަޝީދާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި، މުހައްމަދު ވަސީމާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ބީއެމްއެލްގެ ބޯޑް މެމްބަރުން ކަމަށްވާ މުހައްމަދު ލުވައިޒް އާއި މުހައްމަދު ޝަރީފު ހެކީންގެ ގޮތުގައި ދައުލަތުން ވަނީ ހުށަހަޅާފަ އެވެ.

ކިތާބީ ހެކީގެ ގޮތުގައި އޭސީސީއިން ހެދި އެކްސްކްރޯ އެކައުންޓް އެއްބަސްވުމާއި، އޭސީސީގެ ތަހުގީގު ރިޕޯޓާއި، އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓާއި، ރައީސް ޔާމީން އޭސީސީއަށް ދިން ބަޔާނާއި، މައްސަލައާއި ގުޅޭ ފައިސާގެ މުއާމަލާތްތަކުގެ ލިޔެކިޔުންތައް ވެސް ދައުލަތުގެ ފަރާތުން ވަނީ ހުށަހަޅާފަ އެވެ.

މީގެއިތުރުން ކުރިން ކޯޓަށް ހުށަހަޅާފައިނުވާ ނަމަވެސް މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އިތުރު ދެ ހެއްކެއް ހުށަހަޅާފަ އެވެ. އެއީ އެފްއޯއެފްގެ ވެރިޔާ މުހައްމަދު އައްލާމް ލަތީފާއި އެމްއެމްޕީއާރުސީގެ ފައިސާގެ މުއާމަލާތްތައް ހިންގިކަމުގެ ތުހުމަތު ކުރެވޭ އަހުމަދު އިސްފާހުގެ ނަންވެސް ހުށަހަޅާފަ އެވެ.

ނަމަވެސް ގާޒީ ހައިލަމް ވަނީ އެ ދެ ހެކީން ބަލައި ނުގަނެވޭނެ ކަމަށް ނިންމާފަ އެވެ.

ޔާމީންގެ ފަރާތުން ދިފާއީ ހެކި ހުށަހެޅުމަށް ފުރުސަތު ދިނުމުން ގާނޫނީ ވަކީލުން ވިދާޅުވީ އިތުރު ފުރުސަތެއް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. ގާޒީ ހައިލަމް ވަނީ ދިފާއީ ހެކި ހުށަހެޅުމަށް ފަސް ދުވަސް ދެއްވާފަ އެވެ. އަދި އަންނަ އޮގަސްޓްމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވޭ ޝަރީއަތުގެ އަޑުއެހުމުގައި ހެކީންގެ ހެކިބަސް ނެގޭނެ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.
ހިޔާލު

ސަވާދު

ފޮޓޯއިން ފެންނަނީ އަނގޮޓިއަށް ގޮތެއްހަދައި ހާމުދުރު ބުނި އެއްޗެއް ކިޔާލާ މަންޒަރު ދޯ.
ޔާމީނަށްވެސް ކޮޓުތައް ފެނިއްޖެ ދޯ. އޭނާ ހައްޔަރު ކުށޮ ޖަލަށްލީ މީހުންތައްވެސް ހަމަ ބަރީއަވީޫ އެގާޒީގެ ކުރިމަތީގައި އެ ގޮނޑިތަކުގަ، އެކަމަކު ޔާމީން ދާނީ ޖަލަށްކަން ޔަގީން.