Yaameen Rasheedh maraali massala dhigulaigen dhanee vakeelun haaziru nuvegen
image
ޔާމީން ރަޝީދު--
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ޔާމީން ރަޝީދު މަރާލި މައްސަލަ ދިގުލައިގެންދަނީ ވަކީލުން ހާޒިރުނުވެގެން ކަމަށް ގާޒީ ވިދާޅުވެއްޖެ

2017 ވަނަ އަހަރު ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގެ ޝަރީއަތް ދިގުލައިގެން ދަނީ ދީފާއީ ވަކީލުން އެކި ސަބަބުތަކާއި ހުރެ ކޯޓަށް ހާޒިރު ނުވާތީ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެ އެވެ.
އެއަހަރުގެ އޭޕްރީލް މަހު ރަހުމުކުޑަގޮތަކަށް ޔާމީން ރަޝީދު މަރާލި ކަމުގެ ތުހުއްމަތުގައި ދައުލަތުން ވަނީ ހަ މީހެއްގެ މައްޗަށް އުފުލައިފަ އެވެ.

އެއީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދު، މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލް، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާން، މ. ކުދެހިގޭ ހަސަން ޝިފާޒް، މ. ތާއިފް އިސްމާއިލް ރަޝީދް އަދި މ. ކޮޅުފުށީ އީސްޓް ހަސަން ޒިޔާދުގެ މައްޗަށެވެ.

އެ ހަ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

އެ މައްސަލާގައި މިއަދު މެންދުރު ބާއްވަން އުޅުނީ ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުމުގެ އަޑުއެހެކެވެ.

ނަމަވެސް ދައުވާ ލިބޭ މީހުންގެ ތެރެއިން ހައިޝަމްގެ ވަކީލް ކޯޓަށް ހާޒިރު ނުވެވޭނެ ކަން އަންގައިފަ ވާތީ ހެކިބަސް ނެގުން އެހެން އަޑުއެހުމެއްގައި ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ހައިޝަމްގެ ވަކީލް އަހުމަދު ޔާމީނަށް ކޯޓަށް ހާޒިރުވެވެންނެތީ ބަލިހާލަތު ހުރި ގޮތުން ކަމަށް ކޯޓަށް އަންގާފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ނަމަވެސް ވަކީލުންގެ އިލްތިމާސްއާ އެކީ ޝަރީއަތް ކެންސަލް ނުކޮށް ބޭއްވީ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ވަނީ ޝަރީއަތް ދިގުލައިގެން ދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ގާޒީ ވިދާޅުވީ އެކަމުގެ ސަބަބަކީ ދިފާއީ ވަކީލުން އެކި ސަބަބުތަކާ ހެދި ކޯޓަށް ހާޒިރު ނުވުމުން އަޑުއެހުންތައް ފަސްކުރަން ޖެހުމުން ކަމަށެވެ.

ދައުވާ ލިބޭ ކޮންމެ މީހަކަށް ވަކި ވަކީލުންތަކެއް ހަމަޖައްސާފައިވާއިރު، އެންމެ ވަކީލަކު ހާޒިރު ނުވިޔަސް އަޑުއެހުން ފަސްކުރަން ޖެހޭ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ ޝަރީއަތަށް ހާޒިރުވުނެވޭނަމަ ބަދަަލުގައި އެހެން ވަކީލެއް ހަމަޖައްސައި މައްސަލަ ކުރިއަށް ގެންދެވޭނެގޮތް ހަދަންޖެހޭ ކަމަށެވެ.

އަދި މަގުބޫލު އުޒުރެއްނެތި ވަކީލުން ހާޒިރުނުވާނަމަ ބާ ކައުންސިލަށް މައްސަލަ ހުށަހެޅޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ދައުވާ ލިބޭ އިސްމާއިލް ރަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު ޝަފީގް ވިދާޅުވީ ގިނަ މައްސަލަތަކެއްގައި ވަކީލުން ކޯޓުތަކަށް ހާޒިރުވާން ޖެހޭއިރު އަޑުއެހުމަކަށް ހާޒިރު ނުވެވޭ ފަދަ ކަމެއް ދިމާވުމަކީ ވެދާނެ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ދިގު މުއްދަތެއްވަންދެން މި މައްސަލާއާ ހަވާލުވެގެން ތިއްބެވި ވަކީލުން ހާޒިރުނުވޭނަމަ ބަދަލުގައި އެހެން ވަކީލެއް ފޮނުވައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަކީ އެންމެ އެދެވޭ ގޮތް ނޫން ކަމަށެވެ.

ވަކީލުގެ ވާހަކައަކަށް ގާޒީ ދެއްވި ރައްދަކީ މިހާރުވެސް މައްސަލަ ލަސްވެފައިވާ ކަމަށާއި ކޮންމެ މީހެއްގެ ދެ ވަކީލަކު އެބަ ތިބި ކަމަށެވެ. އެހެންކަމުން އެއް ބޭފުޅަކަށް ވަޑައިނުގެންނެވުނަސް، ދެވަނަ ވަކީލަށް ވަޑައިގެންނެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ ޝަރީއަތް އަވަހަށް ނިންމަން މަސައްކަތްކޮށްދޭންޖެހޭ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ހެކިބަސް ނެގޭ ގޮތް ނުވުމުން ދައުލަތުން އެދުނީ މި ހަފުތާގައި އިތުރު އަޑުއެހުމެއް ބާއްވައި، ހެކިބަސް ނެގުމަށެވެ. ނަމަވެސް ދިފާއީ ވަކީލުން ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ.

އެއް ވަކީލަކު ވިދާޅުވީ އަޑުއެހުންތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ދުރާލާ ކޯޓުން އެކުލަވާލާފައި އޮތުމުން، އެ ތާވަލާ ހިލާފަށް އަޑުއެހުންތައް ބާއްވާ ނަމަ ހާޒިރުވާން ދަތިވާނެ ކަމަށެވެ.

ގާޒީ އަލީ ރަޝީދު ނިންމެވީ ތާވަލްގައި އޮތް ގޮތަށް، އަންނަ ހަފުތާގައި ބުދަ ދުވަހު އަޑުއެހުމެއް ބާއްވަވާށެވެ. އެ އަޑުއެހުމުގައި މިއަދު ހެކިބަސް ނަގަން ނިންމާފައިވާ ދެ ހެކިވެރިންގެ ހެކިބަސް ނެގުން އޮންނާނެ އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހަ މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު ދައުލަތުން ގިނަ އަދަދެއްގެ ހެއްކާއި ގަރީނާ ޝަރީއަތަށް ހުށަހަޅާފައި ވެއެވެ.
ހިޔާލު