Russia ge jet thakakah inzaaruge hamalaa thakeh dhekunu Korea in dheefi
image
ރަޝިއާގެ އޭ-50 ޖެޓެއް--ފޮޓޯ:ސީއެންއެން
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ރަޝިއާގެ ޖެޓް ތަކަކަށް އިންޒާރުގެ ހަމަލަ ދިން ކަމަށް ދެކުނު ކޮރެއާއިން ބުނެފި

ދެކުނު ކޮރެއާގެ ވައިގެ ސަރަހައްދަށް ގަވާއިދާއި ހިލާފަށް ވަދެއުޅުނު ރަޝިއާގެ ސަވައިލެންސް ޖެޓްތަކަކަށް އިންޒާރުގެ ހަމާލަތަކެއް ދީފައިވާކަމަށް ދެކުނު ކޮރެއާއިން ބުނެފި އެވެ.
ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓްރީ ބުނި ގޮތުގައި އިންޒާރުގެ ހަމަލާދީފައިވަނީ ލިއަންކޯޓް ރޮކްސް ނަމަކަށް ކިޔާ ރަށް ކައިރިން ވައިގެ ސަރަހައްދަށް ވަން ޖެޓް ތަކަކަށެވެ.

އެ ޖެޓްތައް ވަނީ ދެފަހަރެއްގެ މަތިން އެސަރަހައްދަށް ވަދެފައި ކަމަށާއި އިންޒާރެއްގެ ގޮތުން މެޝިން ބަޑީގެ 360 ބުރުގެ ހަމަލާދިންކަމަށް އެގައުމުން ބުނެއެވެ.

ދެކުނު ކޮރެއާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަޝިޔާގެ އޭ 50 ޖެޓްތަކެއް އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަދެފައިވަނީ އަންގާރަ ދުވަހު ހެނދުނު ކަމަށެވެ.

ދެކުނު ކޮރެއާއިން ބުނި ގޮތުގައި ކޮރެއާ އެއާ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯން އަށް ގަވާއިދާއި ހިލާފަށް ވަދެފައިވަނީ ރަޝިއާގެ އޭ 50 ތިން ޖެޓާއި ޗައިނާގެ އެޗް 6 ދެ އަސްކަރީ ޖެޓެވެ.

ޖެޓްތައް ކޮރެއާގެ ވައިގެ ސަރަހައްދަށް ވަނުމުގެ ރައްދެއްގެ ގޮތުގައި ދެކުނު ކޮރެއާގެ އެފް15-އެފް އަދި ކޭއެފް-16 ވަނީ 20 އެމްއެމް ވަޒަނުގެ ބަޑިތަކުން 360 ހަމަލާދީފައެވެ.

ފުރަތަމަ ފަހަރު 10 ފްލެއާ އަދި 80 ހަމަލާ ދިނެވެ. ދެވަނަ ފަހަރު ޖެޓްތައް ވަނުމުން 10 ފްލެއާގެ އިތުރުން 280 ހަމަލާ ދިނެވެ.

ދެވަނަ ފަހަރު ދިން އިންޒާރުގެ ހަމަލާތަކަށް ފަހު ޖެޓް ތައް ވަނީ އެސަރަހައްދު ދޫކޮށް ގޮސްފަ އެވެ.

މި ހާދިސާ އާ ގުޅޭގޮތުން ރަޝިއާ އިން ބުނި ގަވާއިދާއި ހިލާފަށް ކޮރެއާ ވައިގެ ސަރަހައްދަށް ނުވަންނަކަމަށާއި އެގައުމުގެ ޖެޓްތައް އުޅުނީ "ނިއުޓްރަލް" ސަރަހައްދުގައި ކަމަށެވެ.

އަދި ދެކުނު ކޮރެއާއިން އިންޒާރުގެ ހަމަލާދިންކަންވެސް އެގައުމުންވަނީ ދޮގުކޮށްފައެވެ.

މިއީ ރަޝިއާ އާއި ދެކުނު ކޮރެއާ ދެމެދު ގައި މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެވެ.
ހިޔާލު