Hong kong muzaaharaa: Railway stationgai varugadha kurimathilumeh
image
ރޭގެ މުޒާހަރާގައި ފުލުހުން ކަރުނަ ގޭސް ބޭނުންކުރަނީ-- ފޮޓޯ: ފެލިކްސް ވޮން
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ހޮންކޮން މުޒާހަރާގައި ރެއިލްވޭ ސްޓޭޝަނެއްގައި ވަރުގަދަ ކުރިމަތިލުމެއް ހިނގައިފި

ހޮންކޮންގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދުގައި ކުރިމަތިލުމެއް ހިނގާ، ގިނަ އަދަދެއްގެ މީހުންނަށް ގެއްލުން ލިބިއްޖެއެވެ.
އާދީއްތަ ދުވަހުގެ ރޭ ކުރިއަށް ދިޔަ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްފައެވެ. އެގޮތުން ބަންދުކޮށްފައިވާ ރެއިލްވޭސްޓޭޝަނަކަށް މުޒާހަރާގެ ބައިވެރިން ވަދެ ތިއްބާ ވެސް ފުލުހުން ވަނީ ކަރުނަ ގޭސް ޖަހައިފައެވެ.

ކުރިމަތިލުންތަކުގައި ފުލުހުން މުގުރުބުރިން މީހުންނަށް ހަމަލާދިން އިރު މުޒާހަރާގެ ބައިވެރިން ވަނީ ޕެޓްރޯލް ބޮމާ ގާފަދަ ތަކެތި ފުލުހުންނާއި ދިމާލަށް އުކައިފައެވެ. މި ހާދިސާގައި ގިނަ އަދަދެއްގެ މީހުންނަށް ގެއްލުންވި އިރު އޭގެތެރޭގައި ފުލުސް އޮފިސަރަކު ވެސް ހިމެނެއެވެ.

ރޭގެ މުޒާހަރާގެ ތެރެއިން، ރެއިލްވޭ ސްޓޭޝަންގައި ތިބި މީހުންނާ ދިމާލަށް ވަރަށް ކައިރިން ފުލުހުން ރަބަރު އުންޑަ ޖަހާ މަންޒަރާއި މުގުރި ބުރިން އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފައެވެ.

އާދިއްތަ ދުވަހުގެ މެންދުރު ވިކްޓޯރިއާ ޕާކް ގައި ކުރިއަށް ދިޔަ މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވީ، މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް މައިމަގުތައް މައްޗަށް ނުކުތުމުންނެވެ. މަނާ ސަރަހައްދެއްގައި މުޒާހަރާ ކުރާނަމަ އެކަން ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.

ހޮންކޮންގެ ޕްރޯ ޑިމަކްރެސީ އެކްޓިވިސްޓުން މުޒާހަރާ ކުރަން ފަށާފައިވަނީ، ހޮންކޮންގެ ކުށްވެރިން ޗައިނާއަށް ފޮނުވާލެވޭ އެކްސްޓްރެޑިޝަން ބިލް އެއް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމުންނެވެ. ހޮންކޮން ސަރުކާރުން މިވަގުތަށް ބިލްގެ މަސައްކަތް މަޑުޖައްސަލާފައި ވިޔަސް، ބިލް އެއްކޮށް ހުއްޓާލާފައެއް ނުވެއެވެ.

ދެ މަހެއްހާ ދުވަހަށް މުޒާހަރާތައް ކުރިއަށް ގޮސްފައިވާ އިރު، މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ އެކްސްޓްރެޑިޝަން ބިލްގެ މަސައްކަތް އެއްކޮށް ހުއްޓާލުމަށެވެ. އަދި ހޮންކޮންގެ ލީޑަރު ކެރީ ލަމް އިސްތިއުފާ ދިނުމަށާއި މުޒާހަރާގެ ބައިވރިންނަށް ފުލުހުން ކުރަމުންދާ އަނިޔާ ތަހުގީގު ކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލައެވެ.
ހިޔާލު