School thakah dhimaavaa massalathakah halleh annanee kon irakun?
image
މިލަންދޫ ކުލާސްރޫމެއްގެ ސީލިންގް ވެއްޓިފައި-- ފޮޓޯ: ސޯޝަލް މީޑިއާ
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

ސްކޫލުތަކަށް ދިމާވާ މައްސަލަތަކަށް ހައްލު ލިބޭނީ ކޮން އިރަކުން؟

ތައުލީމީ ދާއިރާއަކީ ގައުމުގެ ކުރިމަގު ބިނާކުރުމުގެ މައި ތަނބެވެ. އެހެންވެ އެ ދާއިރާއަކީ އަބަދުވެސް ބަދަލުތަކާއި ކުރިއެރުންތައް ގެންނަން ޖެހޭ ދާއިރާއެކެވެ. ރާއްޖޭގެ ތައުލީމީ ދާއިރާގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ ސްކޫލުތަކުގެ އިންފްރާސްޓްރަކްޗާގެ މައްސަލަ އެވެ.
ރާއްޖެ ތެރޭގެ ސްކޫލުތަކަށް އެ މައްސަލަ ތަކުރާރުކޮށް ދިމާވާއިރު، މާލޭގެ އާބާދީ ބޮޑުވުމުން މިހާރު މާލޭގެ ސްކޫލުތަކަށް ވެސް މިވަނީ ލޯޑު ބޮޑުވެފަ އެވެ. އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެފައި ވަނީ ސްކޫލުތަކުގެ ކެޕޭސިޓީއަށް ވުރެ ގިނައިން ދަރިވަރުން އުޅެމުންދާ ކަމަށެވެ.

މާލޭގެ ސްކޫލުތަކަށް ލޯޑު ބޮޑުވެފައި ވާއިރު، މާލެ ސަރަހައްދަށް އިތުރު ސްކޫލު ބޭނުންވާ ކަމަށް މިނިސްޓްރީން ކުރި ދިރާސާ އިން ވަނީ ދައްކާފަ އެވެ. އެއާއެކު އިތުރު އިންސާނީ ވަސީލަތާއި އިތުރު އިންފްރާސްޓްރަކްޗާ ބޭނުންވާނެ އެވެ. ރަށްރަށަށް ދިމާވެފައި ވަނީ މިހާރު ހުރި ސްކޫލުތަކުގެ ފެންވަރުގެ މައްސަލަ އެވެ.

އެގޮތުން ށ. މިލަންދޫ ސްކޫލަކީ އެތަނުގެ އިމާރާތަށް ގިނަ މައްސަލަތަކެއް ދިމާވެފައިވާ ސްކޫލެކެވެ. ސްކޫލުގައި ރަނގަޅަށް ހުރި އެންމެ ފާހާނާއެއްވެސް ނެތްއިރު، ކްލާސްތަކުގެ ތެރެއަށް ފެން ވަނުމާއި، ފުރާޅު ބަލިކަށިވުމުގެ މައްސަލަ ވެސް އެ ސްކޫލުގައި އެބަ އޮތެވެ.

"ސްކޫލުގަ އެބަހުރި ވަރަށް ގިނަ މައްސަލަ. ސުކޫލުގައި ނެތް އެންމެ ފާހަނަ އެއް ވެސް ބޭނުން ކުރެވޭ. އިމާރާތުގެ ބައެއް ކުލާސްރޫމްތައް އެބަހުރި އެއްވެސް ގޮތަކަށް ބޭނުން ނުކުރެވޭ ވަރަށް. ހުރިހާ ދޮރުތަކަކުން ފެންވަދޭ. މަތީ ފުރާޅު ބަނޑުވެފަ އޮންނަނީ. ވައި ގަދަވާއިރު ސީލިންގް ނެއްޓޭ،" މިލަންދޫ ކައުންސިލްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އެ މައްސަލަތައް އެޑިއުކޭޝަން މިނިސްޓްރީ އަށް ރިޕޯޓު ކުރި ނަމަވެސް މިއަދާ ހަމައަށް ވެސް އެކަމަށް ހައްލެއް އައިސްފައެއް ނުވެ އެވެ.

ލައިބްރަރީ އާއި 27 ކްލާސްރޫމާއި ލެބޯޓަރީ އާއި އޮފީސް އިމާރާތަކާއި އެކު 57 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ އެ ސުކޫލަކީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި އަޅާފައިވާ ސުކޫލެކެވެ.



މިލަންދޫ ސުކޫލުގެ އިތުރުން އިނގުރައިދޫ ސުކޫލުގައި ވެސް މައްސަލަތަކެއް ހުރި ކަމަށް އެރަށު ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ހަސަން ސީއެންއެމް އަށް ވިދާޅުވި އެވެ. އެގޮތުން އެރަށު ސުކޫލުގައި ހޯލެއް ނެތުމުގެ ދަތިކަމާއި ސުކޫލުގައި ނަމާދު ކުރާނެ ތަނެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މަލްޓިޕާޕަސް ހޯލެއް ނެތުމުގެ ދަތިކަން އެއީ ވަރަށް ބޮޑަށް އަބަދު ވެސް އަޅުގަނޑުމެނަށް މި ސަރުކާރުގައި ވެސް ނިމިދިޔަ ސަރުކާރުގައި ވެސް ވަރަށް އެދުނު ކަމެއް. ވިދާޅުވެފަ އޮތީ ހަމަޖެހޭނޭ. އަދި ހަމައެއް ނުޖެހޭ. އެއްވެސް ހަބަރެއް ނެތް. އަދި ނަމާދު ކުރާނެ ތަނެއް ނެތް، ސުކޫލަކީ ވަރަށް ގިނަ ޓީޗަރުންނާ މަސައްކަތު މީހުން އުޅޭ ތަނެއް. ނަމާދުކުރާނެ ތަނެއް ނެތުމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް. ހަމަ ވިދާޅުވަނީ ހަމަޖެހޭނެއޭ،" އަބްދުﷲ ހަސަން ވިދާޅުވި އެވެ.

ޖުމްލަ 312 ދަރިވަރުން ތައުލީމު ހާސިލް ކުރަމުންދާ އެ ސުކޫލުގެ މި ދަތިތަކަށް ވެސް އަދި ހައްލެއް ލިބިފައެއް ނުވެ އެވެ. މިއީ ރާއްޖޭގައި ހިންގާ އެތައް ސަތޭކަ ސްކޫލެއްގެ ތެރެއިން އެންމެ ދެ ސްކޫލުގެ ވާހަކަ އެވެ. ކޮންމެ ރަށެއްގެ ޝަކުވާގެ ލިސްޓުގެ އެންމެ ކުރީގައި ސްކޫލުގެ މައްސަލަ އުޅޭނެ އެވެ.

މިލަންދޫ މައްސަލާގައި މިނިސްޓްރީން އެ ރަށު ކައުންސިލަށް ވަކި އެއްޗެއް ނޭނގި ނަމަވެސް، އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު އިއްޔެ ވަނީ އެޑިއުކޭޝަން މިނިސްޓަރާ ބައްދަލުކުރައްވާފަ އެވެ. ސްކޫލުތަކަށް ދިމާވާ މައްސަލަތަކާ ބެހޭ ގޮތުން އެ މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ޓީޗާސް އެސޯސިއޭޝަންގެ ރައީސް އާތިފު އަބްދުލް ހަކީމް ވިދާޅުވީ އެފަދަ މައްސަލަތައް މީގެ ކުރިން ވެސް މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. ކުރީގެ ސަރުކާރުން އެވާހަކަތައް އަޑު އަހާފައި ނުވި ނަމަވެސް، މިހާރުގެ ސަރުކާރުން ކަންބޮޑުވުންތަކުގެ އަޑުއަހާ ކަމަށް އާތިފް ވިދާޅުވި އެވެ.

"އަދި ހަމަގައިމުވެސް ވަރަށް ރަނގަޅަށް އެހުންނަ ކަންކަމަށް އަޑުއައްސަވާފަ އިސްލާހުކުރެވޭތޯ މިނިސްޓްރީން މަސައްކަތްކުރާކަން ފާހަގަކުރެވޭ. އެހެން ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ތައުލީމީ ދާއިރާއެއްގައި ވާ އިހުމާލެއްގެ ސަބަބުން އެވަގުތުން ވަގުތަށް އޭގެ ހީނަރުކަން ނުވަތަ އަސަރު ނުފެނި ހިނގައިދާނެ. އެކަމަކު ދިގު މުއްދަތަކަށް ދާއިރު އޭގެ ހީނަރު އަސަރު ފެންނާނެ. އެގޮތަށް ބަލާއިރު ދިވެހި ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރޭގަ ވެސް އަދި ސުކޫލުތަކުގެ އިންފުރާސްޓްރަކްޗާގެ ވެސް މިވަނީ އިހުމާލުތަކުގެ ސަބަބުން ތައުލީމު އުނގެނުމަށް ޝާމިލުވާ ދަރިވަރުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފަ،" އާތިފު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެދޭ ކަންބޮޑުވުންތައް މިނިސްޓްރީން އެކަމަށް އެޓެންޑުވޭ. އެކަންކަން ހައްލުވެގެން ދާނެ ކަމަށް އުންމީދު މި ކުރަނީ ވީހާވެސް އަވަހަކަށް. މިދައްކަނީ އާދައިގެ ކުޑަކުޑަ ކަމެއްގެ ވާހަކައެއް ނޫން. އެކަންކަމަށް ނަގާނެ މުއްދަތު،" އާތިފު ފާހަގަކުރެއްވި އެވެ.
ހިޔާލު

ޜަސްގެފާނު

ކިހާދޫ ޢާޠިފް ކަލޭވެސް ބޮޑު މަޤާމެއް ބޭނުންވީ ދޯ