Nukulhedhuntheri faraaiythakah dhey therapy hidhumaiy mulhi Raajje ah fulhaa kurumah mashvaraa koffi
image
މަޝްވަރާ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ ތެރަޕީ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް މަޝްވަރާކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ފަށާފައިވާ ތެރަޕީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ އިސް ފަރާތްތަކާއެކު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާބައްދަލުވުން ބާއްވަވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދު ބޭއްވެވި މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ފެށިގެންދާއިރު އެސަރަހައްދުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރެޕީގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމުގެ މުހިންމުކަން ފާހަގަކުރެއްވާފަ އެވެ.

މީގެ އިތުރުން ތަޢުލީމީ ދާއިރާގައިވެސް ތެރެޕީގެ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ބެހޭގޮތުންނާއި، މާބަނޑު ދުވަސްވަރުން ފެށިގެން ކުއްޖާގެ އުމުރުން ފަސް އަހަރު ވަންދެން ކުދިންގެ ހެދިބޮޑުވުމުގެ ކަންކަން ހަރުދަނާގޮތެއްގައި މޮނިޓަ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރާއި ޖެންޑަ އެންޑް ސޯޝަލް ސަވިސަސް މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރާއި އިންކްލޫސިވް އެޑިއުކޭޝަން ޑިޕާޓްމަންޓްގެ އިތުރުން އެންސްޕާއާއި އާސަންދައިގެ ފަރާތުން އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހިޔާލު