Magu matheega nikamethi vefa inn muskulhi anehenaku hoadhanee
image
ފޮޓޯ: ސޯޝަލް މީޑިއާ
1 ކޮމެންޓް
 

މަގުމަތީގައި ނިކަމެތިވެފައި އިން މުސްކުޅި އަންހެނަކު ހޯދަން ޖެންޑާ މިނިސްޓްރީން އެހީތެރިކަމަށް އެދިއްޖެ

ނިކަމެތި ހާލުގައި ގޯޅިގަނޑެއްގައި އިން އުމުރުން ދުވަސްވީ އަންހެން މީހެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު އެމީހާ ހޯދުމަށް ޖެންޑާ މިނިސްޓްރީން މަސައްކަތް ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި ފެންނަނީ "ޒިރްކޯން" ނަމަކަށް ކިޔާ ގެއަކާ ޖެހިގެން ހުންނަ ގޯޅިގަނޑެއްގެ ތެރޭގައި، މަގުމައްޗަށް ވާ ގޮތަށް ފާރުގައި ލެނގިލައިގެން އިންނަ އަންހެނެކެވެ.

އަނގަމަތީގައި އަތް އަޅައިގެން ކަހަލަ ގޮތަކަށް އިންނަ އެ މީހާގެ މޫނުމަތިން ކަންބޮޑުވެފައިވާ ކަމުގެ އަލާމާތްތަކެއް ފެނެ އެވެ. ފެންނަ ފެނުމަށް އެއީ އުމުރުން ދުވަސްވީ މީހެކެވެ.

އެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުކުރި މީހަކު ބުނެފައި ވަނީ އެ އުމުރުގެ މީހަކަށް އަޅާލާނެ މީހަކު ނެތި، މަގުމަތީގައި އިންނަން ޖެހުމަކީ އޭގެ ސަބަބު ބަލާ، ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށެވެ.

އެ ޕޯސްޓަށް ޖަވާބުދެމުން ޖެންޑާ މިނިސްޓްރީން ވަނީ އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން ޝުކުރު އަދާކޮށްފަ އެވެ. އަދި މައުލޫމާތު ލިބުމާއެކު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓާ ގުޅިގެން އެ ފޮޓޯއިން ފެންނަ ސަރަހައްދު ބަލާފައިވާ ކަމަށް ބުނެފައި ވެއެވެ.

އެކަމަކު އެމީހާ ފެނިފައި ނުވާ ކަމަށާއި، އެމީހާ ހޯދުމަށް އެހީތެރިކަމަށް އެދޭ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުނެފައި ވެއެވެ. އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބިފައިވާ ނަމަ 1412 އަށް ގުޅައި އެކަން ހިއްސާ ކުރުމަށް މިނިސްޓްރީން އެދެ އެވެ.



ހިޔާލު

ޚައްޖަ

ވަރަށް ދެރަ. ގިނަމީހުން މައިން ބަފައިން ނަށް އިޚުމާލު ވުމުގެ ސަބަބުން ވާ ކަންކަން މިފެންނަނީ