Supplementary budget aa eku 4.9 billion Rufiyaa ge deficit eh
image
ފިނޭންސް މިނިސްޓްރީ-- ފޮޓޯ: މިހާރު
0 ކޮމެންޓް
 

ސަޕްލިމެންޓަރީ ބަޖެޓާއެކި 4.9 ބިލިއަން ރުފިޔާއަށް ބަޖެޓު ޑެފިސިޓު އިތުރުވާނެ

މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓަށް ވުރެ އިތުރަށް ފައިސާ ހޭދަވާނެ ކަމަށް ބެލެވޭތީ ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓާއެކި 4.9 ބިލިއަން ރުފިޔާއަށް ބަޖެޓު ޑެފިސިޓް އިތުރުވާނެ އެވެ.
މިއަހަރަށް ފާސްކުރި ދައުލަތުގެ ޖުމްލަ ބަޖެޓުގައި ހިމެނެނީ 30.3 ބިލިއަން ރުފިޔާ އެވެ. އިތުރު 1.7 މިލިއަންގެ ސަޕްލިމެންޓަރީ ބަޖެޓާއެކު ޖުމްލަ އަދަދު 31.9 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.

އެއާއެކު ބަޖެޓުގެ ޑެފިސިޓު ވެސް އިތުރުވާނެ އެވެ. އެގޮތުން ހަތަރު ބިލިއަން ރުފިޔާއިން 4.9 ބިލިއަން ރުފިޔާއަށް ޑެފިސިޓު އިތުރުވާނެ އެވެ. މިދިޔަ އަހަރު ބަޖެޓު ޑެފިސިޓް ހުރީ 4.5 ބިލިއަން ރުފިޔާގަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހުނީ، މިއަހަރަށް ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް ހޭދަވާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

އެގޮތުން ކޯޓުތަކުބން ކުރާ ހުކުމްތަކާއި، އެހެނިހެން ގޮތް ގޮތުން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ފައިސާގެ ބޮޑެތި އަދަދުތަކެއް ދޭން ޖެހުމުން އެކަމަށް ބަޖެޓުން ޖާގަ ހޯދަން ޖެހެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރަށް ފާސްކުރި ބަޖެޓުން މިހާތަނަށް 14.7 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު، ހޭދަތަކަށް ކަނޑައަޅާފައި ވަނީ 27.3 ބިލިއަން ރުފިޔާ އެވެ.

އަދު ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 23.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ. އެގޮތުން 14.5 ބިލިއަން ރުފިޔާ މިހާރު ވަނީ އާމްދަނީގެ ގޮތުގައި ލިބިފަ އެވެ.

ސަޕްލިމެންޓަރީ ބަޖެޓުގެ މަސައްކަތް ކުރަމުން ދާނީ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އެކުވެގެން އުފައްދާ ކޮމިޓީއަކުންނެވެ.

އެ ކޮމިޓީގެ މަސައްކަތް މިރޭ ނިންމާ، މާދަމާ ކޮމިޓީ ރިޕޯޓާ މެދު ތަޅުމުގައު ބަހުސްކޮށް އިސްލާހު ހުށަހަޅައިގެން، މާދަމާ ރޭ ސަޕްލިމެންޓަރީ ބަޖެޓް ފާސް ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ހިޔާލު