Masveri kamuge bill ga pension nethee governance bill akah vaathee
image
ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

މަސްވެރިކަމުގެ ބިލުގައި ޕެންޝަން ހިމެނިފައި ނެތީ އެއީ ގަވަނަންސް ބިލަކަށް ވާތީ: ފިޝަރީޒް މިނިސްޓްރީ

މަސްވެރިކަމާ ބެހޭ ބިލުގައި މަސްވެރިންނަށް ލިބޭނެ ޕެންޝަނާއި އެހެނިހެން ފައިދާތައް ހިމަނާފައި ނުވަނީ އެ ބިލަކީ ގަވަނަންސް ނިޒާމާއި ބެހޭ ބިލެއް ކަމުގައިވާތީ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިއަދު ފިޝަރީޒް މިިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ޑިރެކްޓަރު އާދަމް ޒިޔާދު ވިދާޅުވީ އެ ބިލަކީ ގަވަނަންސް ބިލެއް ކަމަށާއި ބިލުގައި ކަނޑައަޅާފައި ވަނީ ހަމަތަކަކާއި އުސޫލްތަކެއް ކަމުގައެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މަސްވެރިކަމާ ބެހޭ ބިލެއް ހުށަހަޅާފައި ވާއިރު ގިނަ މަސްވެރީންގެ ޝަކުވާތައް އެ ބިލަށް ދަނީ އަމާޒުވަމުންނެވެ. ޕެންޝަނާއި މަސްވެރިންގެ ފައިދާއަށް އެއްވެސް ކަމެއް ހިމަނާފައިވާ ނުވާ ކަމަށް ބުނެ އެމީހުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އެ ކަންކަން ހިމަނާފައި ނެތް ނަމަވެސް، މަސްވެރިންގެ އަދި ސިނާއަތުގެ ބައެއް ފަރާތްތަކުގެ ވެސް ހައްގުތައް ރައްކާތެރި ކުރުމަށްޓަކައި، މަސްވެރިކަމާއި ގުޅުން ހުރި ގަވާއިދު ހެދުމުގައި އަދި ތަންފީޒު ކުރުމުގައި މިނިސްޓްރީގެ ފަރާތުން ބަލަންޖެހޭ އަދި ކުރަންޖެހޭ ކަންކަން އެ ބިލުގައި ފާހަގަކޮށްފައި ވާނެ ކަމަށް ޒިޔާދު ވިދާޅުވެފައި ވެއެވެ.

ހަމަ އެހެންމެ މަސްވެރިންނާއި ގުޅުންހުރި އެހެނިހެން އިޖްތިމާއީ ކަންތައްތަކަކީ ވެސް އެބިލުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ވެސް އެބޭފުޅާ ވިދާޅުވި އެވެ.

މަސްވެރިކަމުގެ ބިލަކީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު މަޖިލީހަށް ހުށަހަޅާފައިވާ ބިލެކެވެ. 72 މެމްބަރުންގެ އިއްތިފާގުން ބިލް މަޖިލީހަށް ބަލައިގެންފައި ވާއިރު އިގްތިސާދީ ކޮމިޓީން މިހާރު ދަނީ އެ ބިލް ދިރާސާ ކުރަމުންނެވެ.

މަސްވެރިކަމުގެ ބިލުގައި ޕެންޝަނުގެ ވާހަކަ ނެތުމުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް ވަނީ އިބްތިދާއީ ބަހުސް މަރުހަލާގައި އެކަން ފާހަގަކުރައްވާފަ އެވެ.
ހިޔާލު