Olhuvaalaigen Musaara Negi Mahsalaaga Ihumaaluvegen Mussab Vazeefaa in vakikohfi!
image
އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމުން ވަކިކުރި މުސްއަބު.-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
0 ކޮމެންޓް
 

އޮޅުވާލައިގެން މުސާރަ ނެގި މައްސަލާގައި އިހުމާލުވެގެން މުސްއަބު ވަކިކޮށްފި

އުސޫލުތަކުގެ ބޭރުން އިސްލާމިކް މިނިސްޓްރީ އަށް މުވައްޒަފަކު ވައްދައި، މުސާރައިގެ ގޮތުގައި ބޮޑު އަދަދެއް ނެގި މައްސަލާގައި އިހުމާލުވެފައިވާތީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ ވަޒީފާ އިން ވަކިކޮށްފި އެވެ.
"ސީއެންއެމް" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މުސްއަބު ވަޒީފާ އިން ވަކިކޮށް އޭނާ އަށް އެކަން އަންގާފައި ވަނީ އިއްޔެ އެވެ. އަދި އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވެސް ވަނީ މުސްއަބު ވަޒީފާ އިން ވަކިކުރިކަން ކަށަވަރުކޮށްދީފަ އެވެ.

މުސްއަބު އިއްޔެ މަގާމުން ވަކި ކުރި އިރު، މެއި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ސީއެސްސީން ހުރީ އޭނާ ސަސްޕެންޑް ކޮށްފަ އެވެ. އަދި އެ މައްސަލަ ބަލަމުން ދިޔަ އިރު، އޭނާގެ ސަސްޕެންޝަން ވަނީ ފަސް ފަހަރަށް އިތުރުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ސީއެސްސީން އެ މައްސަލަ ބެލުމަށް ފަހު ނިންމާފައިވަނީ 160،000ރ.ގެ ހިޔާނާތުގެ މައްސަލާގައި މުސްއަބު އިހުމާލުވުން އޮތުމުން އޭނާ ސިވިލް ސާވިސްގެ ވަޒީފާ އިން ވަކިކުރުމަށެވެ. އޭގެ އިތުރުން މުސްއަބާ ދެކޮޅަށް އެހެން ބައެއް މައްސަލަތައް ވެސް ހުށަހެޅިފައި ހުރި ކަމަށް ވެއެވެ. އެކަމަކު އެ މައްސަލަތަކުގެ ތަފްސީލެއް ނުލިބެ އެވެ.

އެގޮތުން އެ މައްސަލާގައި މުސްއަބުގެ އިހުމާލުވުން އޮތުމުން އޭނާ ވަޒީފާ އިން ވަކިކުރީ ސިވިލް ސާވިސްގެ ގާނޫނުގެ 57 ވަނަ މާއްދާގެ (ނ)ގެ ދެ ވަނަ ނަންބަރުގެ ދަށުންނެވެ. ސިވިލް ސާވިސްގެ ގާނޫނުގެ 57 މާއްދާ އަކީ ޕާމަނަންޓް ސެކްރެޓަރީން ވަޒީފާއިން ވަކުކުރުމާއި ގުޅޭ މާއްދާ އެވެ. އެ މާއްދާގެ (ނ)ގެ ދެ ވަނަ ނަންބަރުގައި ބުނެފައިވަނީ، އެ ގާނޫނާއި، ސިވިލް ސާވިސްގެ ގަވާއިދާއި އަދި ސިވިލް ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވިކަން ސީއެސްސީ އަށް ސާބިތުވުމުން ވަޒީފާ އިން ވަކިކުރެވޭނެ ކަމަށެވެ.

މުސްއަބާއި ދެކޮޅަށް މި މައްސަލަ ސީއެސްސީ އަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ. އެގޮތުން އެ މިނިސްޓްރީން ވަނީ މުސްއަބާއި ގުޅޭ ގިނަ ޝަކުވާތަކެއް ސީއެސްސީގެ އަށް ހުށަހަޅާފަ އެވެ. އޭގެތެރޭގައި ފައިސާ އާއި މުވައްޒަފުންގެ މުސާރައާ ގުޅުންހުރި ކަންކަމުގައި އިހުމާލުވުމުގެ ހަތަރު ކަމެއް މިނިސްޓްރީން ސީއެސްސީ އަށް ހުށަހެޅި އެވެ.

އޭގެ އިތުރުން ވަޒީފާ އާ ގުޅުންހުރި ކަންކަމުގައި އިހުމާލުވުމާއި، ނުފޫޒު ބޭނުންކުރުމުގެ ތިން ކަމެއް އިސްލާމިކް މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ. އޭގެ ތެރޭގައި މިނިސްޓަރު އަންގާ ކަންކަން ތަންފީޒުކުރުމަށް އިހުމާލުވުން ފަދަ ކަންކަން ހިމެނެ އެވެ.
ހިޔާލު