REPORT: Cancer aa dhekolhah kuda kudhinge hanguraama, heyluntherikan varah muhimmu!
image
ކެންސަރަށް ފަރުވާ ކުރާ ދެކުދިން--
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

ކެންސަރާ ދެކޮޅަށް ކުޑަކުދިންގެ ހަނގުރާމަ، ހޭލުންތެރިކަން މުހިއްމު!

އިއްޔެ ހެނދުނު ހޭލައިގެން ހަބަރުތައް ބަލާލިއިރު ފެނުނީ ހިތްދަތިވި މަންޒަރެކެވެ. އުމުރުން އެންމެ 14 އަހަރުގެ ކުއްޖަކަށް ދިމާވެގެން އުޅޭ ސިއްހީ ބޮޑު ކަމެއްގެ ހަބަރެވެ. އެއީ ލޭގެ ކެންސަރުގެ ޝިކާރައަކަށް ވެފައިވާ ހއ. ބާރަށަށް އުފަން ރާސިހު މުހައްމަދެވެ.
"ޑޮކްޓަރަށް ދެއްކީމަ ބުނީ ބޭނުމޭ ލޭގެ ޓެސްޓެއް ހަދަން. ލޭގެ ޓެސްޓު ހަދާފަ ޑޮކްޓަރު ބުނީ ޑޮކްޓަރަށް ޔަގީނޭ 85 އިންސައްތަ އެއީ ކެންސަރު ކަމަށް،" ކުއްލިއަކަށް އަތަށް އެރި ތަދަކަށް ޕެއިންކިލާ ކެއުމުން ތުންފަތް ދުޅަވާން ފެށި ކަމަށް ކިޔައިދެމުން ރާސިހުގެ ބޭބެ އިބްރާހިމް ވާފިރު ސީއެންއެމް އަށް ބުންޏެވެ.


-- ރާސިހު މުހައްމަދު

ރާސިހަކީ ރާއްޖޭގައި ކެންސަރު ބަލީގެ ޝިކާރައަކަށް ވެފައިވާ ކުދިންގެ ތެރެއިން އެންމެ ކުއްޖެކެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި ކެންސަރު ބަލީގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން 15 އިންސައްތައަކީ ކުޑަކުދިންނެވެ. އެކަން ސާބިތު ވަނީ އާސަންދައިން ފަރުވާ ހޯދާ ކުދިންގެ އަދަދު އިތުރުވަމުން ދާތީ އެވެ.

ކެންސަރަކީ ކޮބާ؟

ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް އން ބުނީ ދުވަހުން ދުވަހަށް ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާ ކުދިން އިތުރުވަމުންދާކަން އާސަންދައިން ލިބެން ހުރި މައުލޫމާތަށް ބަލާއިރު ފާހަގަވާ ކަމަށެވެ. އޭގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކަށް ބަލާއިރު ކެންސަރު ބަލި ކުދިންނަށް ޖެހޭ މިންވަރު ރާއްޖޭގައި ގިނަ ކަމަށް ވެސް ފާހަގަވެ އެވެ.

ކެންސަރަކީ ހަށިގަނޑުގެ ތެރޭގެއި ސެލްތައް އުފެދޭ އުފެދުން ކޮންޓްރޯލުން ނެއްޓި އާދަޔާ ހިލާފަށް ގިނައިން ސެލް އުފެދުމުން ޖެހޭ ބަލިބަލީގެ ތެރޭގައި ހިމެނޭ ބައްޔެކެވެ. އެގޮތުން ކެންސަރުގެ 100 އެތައް ވައްތަރެއް މިހާތަނަށް ހޯދުންތަކުން ފެނިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކެންސަރު ސޮސައިޓީން ބުނާ ގޮތުގައި ކުޑަކުދިންނަށް އާންމު ގޮތުއްގައި ޖެހެނީ ލޭގެ ކެންސަރެވެ. ނަމަވެސް އަހަރެއްގެ މައްޗަށް ރާއްޖޭގައި ލޭގެ ކެންސަރު ޖެހެނީ ކިހާ އަދަދެއްގެ ކުދިންނަށް ކަމެއް އެ އެސޯސިއޭޝަނުން ހާމައެއް ނުކުރެ އެވެ.


-- ކެންސަރަށް ފަރުވާ ހޯދާ ކުދިންތަކެއް

"އޮފިޝަލީ ޕަބްލިޝްޑް ސްޓެޓިސްޓިކެއް ނުހުންނާނެ. ޑްރާފްޓު ކުރެވެމުން އެ ދަނީ ކެންސަރު ކޮންޓްރޯލް ޕްލޭން. ވަކި އަދަދެއް ދަންނަވާކަށް ނޭނގޭނެ. އަޅުގަނޑުމެންގެ ރިސޯސްތަކުން ދައްކާ ގޮތުގައި ކުޑަކުދިންގެ އެންމެ ގިނައީ ބްލަޑް ކެންސަރު،" އެ އެސޯސިއޭޝަނުން ބުންޏެވެ.

ކެންސަރު ބަލީގެ އެކި ބާވަތްތަކުގެ ތެރެއިން 30 ނުވަތަ 50 އިންސައްތައަކީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި ބާވަތްތަކެވެ. ކެންސަރަށް ނުރައްކާ ބޮޑުވާ ކަންކަމުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ސިއްހަތަށް ރަނގަޅު ނޫން ކާނާ ކެއުމާއި، ނުރައްކާތެރި ކެމިކަލަށް ހުށަހެޅުން ހިމެނެ އެވެ.

ދިރިއުޅުމުގެ އާދަތައް ބަދަލުކޮށްގެން ކެންސަރަށް އޮތް ނުރައްކާ ކުޑަ ކުރެވެ އެވެ. އެކަމަކު ބައެއް ހާލަތްތަކުގައި ކެންސަރު ޖެހެނީ ޖެނެޓިކްސްގެ ސަބަބުންނެވެ. "ހެރެޑިޓަރީ ކެންސާ ސިންޑްރޯމްސް" އަކީ އާއިލާތަކުގެ ތެރޭގައި އެ ބަލި ޖެހުމުގެ ފުރުސަތު ބޮޑުވުމެވެ. އެހެންކަމުން އެފަދަ އާއިލާތަކުގެ މީހުންގެ ސިއްހަތަށް ސަމާލުވެ، ގަވާއިދުން ސްކްރީން ކުރުން މުހިއްމެވެ.

ކެންސަރަށް އޮތީ ކޮން ފަރުވާއެއް؟

މިއީ ރާއްޖޭގައި ވަރަށް އާންމު ބައްޔެކެވެ. ހިތާމައަކީ މިބަލި ޖެހޭކަން ގިނަ ފަހަރު އެނގެނީ ފުރާނައަށް ނުރައްކާ ވާ ހިސާބުން ކަމަށް ވާތީ އެވެ. ކެންސަރުގެ ހަތަރު ސްޓޭޖެއް ހިމެނޭއިރު، އެންމެ ފަހު ސްޓޭޖަށް ދިޔުމުން ނުރައްކާ ބޮޑުވެ އެވެ. އެކަމަކު ކޮންމެ ސްޓޭޖެއްގައި ވެސް މެދުކެނޑުމެއް ނެތި ފަރުވާ ހޯދައިފި ނަމަ ސަލާމަތްވުމުގެ ފުރުސަތު އޮވެ އެވެ.



ރާއްޖޭގައި ވެސް ކެންސަރަށް ފަރުވާ ކުރެވެ އެވެ. ކެންސަރު ފެތުރިފައިވާ ހިސާބު އޮޕަރޭޝަންކޮށްގެން ނެގުމުގެ ފުރުސަތު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ލިބެ އެވެ. އެކަމަކު އެއަށްފަހު ދެން އަންނަނީ ރޭޑިއޭޝަނާއި ކީމޯތެރަޕީގެ ފަރުވާ އެވެ. މިއީ ހަށިގަނޑު ވަރަށް ބޮޑަށް ބަލިކޮށްލާ ފަރުވާ އެކެވެ.

ކެންސަރު ސޮސައިޓީން ބުނީ ސާޖަރީއަށް ފަހު ގިނަ ދިވެހިން އިތުރު ފަރުވާއަށް އާސަންދަ މެދުވެރިކޮށް ދަނީ ރާއްޖެއިން ބޭރަށް ކަމަށެވެ. އެގޮތުން އެންމެ ގިނަ މީހުން ދަނީ ކެންސަރުގެ ފަރުވާއަށް މަޝްހޫރު އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށެވެ. އެތަނުގައި ރޭޑިއޭޝަން ހެދުމަށް ގިނަ މަސްތަކެއް ހޭދަ ކުރަން ޖެހޭނެ އެވެ.

ރޭޑިއޭޝަން ތެރަޕީއަށް ފަހު ގިނަ މީހުން ބަދަލުވަނީ މާލެ އަށެވެ. އެއީ އިންޑިއާގައި ހުރުމުގެ ހަރަދު ބޮޑުވުމާއި، މާލޭގައި ވެސް ކީމޯ ތެރަޕީ ދެވޭތީ އެވެ. ހުޅުމާލޭ ހޮސްޕިޓަލުގެ އޮންކޮލޮޖީ ޑިޕާޓްމަންޓަށް އަމްރިތާ ހޮސްޕިޓަލުގެ ހާއްސަ ޑޮކްޓަރު ޒިޔާރަތް ކުރާއިރު، ކީމޯގެ ކަންކަން ކުރަނީ އެ ޑިޕާޓްމަންޓުގަ އެވެ.


-- ހުޅުމާލެ ހޮސްޕިޓަލުގެ އޮންކޮލޮޖީ ޑިޕާޓްމަންޓް-- ފޮޓޯ: މިހާރު

ކެންސަރަށް ހޭލުންތެރިވުން

ސެޕްޓެމްބަރު މަހަކީ ބައިނަލްއަގްވާމީ ފެންވަރުގައި ކުޑަކުދިންނަށް ޖެހޭ ކެންސަރާ ބެހޭ ގޮތުން ހޭލުންތެރި ކުރުވުމުގެ މަހުގެ ގޮތުގައި ފާހަގަކުރާ މަހެވެ. ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް އިން ވެސް ދަނީ ބޮޑެތި މީހުންނާއި ކުދިން ހޭލުންތެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

"މީހުން ހޭލުންތެރި ކުރުމަށް ސްކްރީނިން ޕްރޮގުރާމު ކޮންމެ މަހަކު އަތޮޅެއްގައި ކުރިއަށް ގެންދަން. މި ދާ ޕްރޮގުރާމުތަކުގައި ސުކޫލުތަކާއި ގުޅިގެން އެ ދާ ރަށެއްގެ ގްރޭޑް ފަހަކުން މަތި ކުދިންނަށް ނަގައިދެން އެވެއާނަސް ޕްރޮގުރާމް. އޭގެ އިތުރުން ސުކޫލުތަކުން ވެސް އަޅުގަނޑުމެންނަށް ރިކުއެސްޓު ކުރީމަ އެވެއާނަސް ސެޝަންތައް ނަގައިދެން. އަދި މިއަހަރު އަޅުގަނޑުމެން މިބަލަނީ ލައިވް ސްކްރީން ކޮށްގެން އެވެއާނަސް ކުރިއަށް ގެންދެވޭތޯ،" އެ އެސޯސިއޭޝަނުން ބުންޏެވެ.

އޭގެ އިތުރަށް ސޯޝަލްމީޑިއޯ ޕްލެޓްފޯމު މެދުވެރިކޮށް ވެސް މީހުން ހޭލުންތެރި ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެ ސޮސައިޓީން އިސްނަގައިގެން ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާއި ޓީޓީ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ކުޑަކުދިންނަށް ޖެހޭ ކެންސަރާއި ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ހާއްސަ ކެމްޕެއިނެއް މިމަހުގެ ފަސް ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.


-- ކެންސާ ސޮސައިޓީގެ ޕޯސްޓަރެއް

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކެންސަރު ބައްޔަކީ ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން މީހުން މަރުވާ ބައްޔެވެ. އެގޮތުން މިދިޔަ އަހަރު 9.6 މިލިއަން މީހުން ކެންސަރު ބަލީގެ ސަބަބުން މަރުވެފައި ވެއެވެ. ގިނަ ދިވެހިންތަކެއް ވެސް ކޮންމެ އަހަރަކު މި ބަލީގައި މަރުވެ ދެއެވެ.


-- ރާސިހު މުހައްމަދު

ރާއްޖޭގައި ކެންސަރު ޖެހޭ ކުދިންގެ ސީދާ އަދަދު ރަސްމީކޮށް ނޭނގުނު ނަމަވެސް، އެ ބައްޔަށް ފަރުވާ ކުރަން ޖެހޭ ކުދިންގެ އަދަދު އިތުރުވަމުންދާކަން އާސަންދައިން އެނގެ އެވެ. އެހެންކަމުން ރާސިހު ފަދަ ކުދިން މި ބައްޔަށް ހޭލުންތެރިކޮށް، ފުރަތަމަ ސްޓޭޖުތަކުގައި ބަލި ދެނެގަނެވޭނެ ގޮތް އެ ކުދިންނާއި މައިންބަފައިންނަށް އެނގިއްޖެ ނަމަ، މައުސޫމް ފުރާނަތަކެއް ސަލާމަތް ކުރެވޭނެކަން ޔަގީނެވެ.
ހިޔާލު

އަޙްމަދް

ވެކްސިން ޖެހުން ގިނަވާ ވަރަކަށް ކެންސަރު ޖެހުވެސް ގިނަވާނެ
“ރައްކާތެރި ކަމުގެ ތަހުލީލު ކޮއްފައި ނުވާ ވެކްސިން.”