Breaking: Council thakuge umuru 5 aharah badhalu kuranee
image
0 ކޮމެންޓް
 

ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލުކުރަނީ

ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލު ކުރާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ނިންމައިފިއެވެ.
އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިއަދު ބުނީ ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ލޯކަލް ކައުންސިލުތައް ބާރުވެރިކުރުވުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެކުލަވާލާފައިވާ ދެ ބިލު، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަނީ ފޮނުވާފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އިސްލާހުކުރުމުގެ ބޭނުމަކީ، ލޯކަލް ކައުންސިލްތަކަށް ގާނޫނުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވޭތުވެދިޔަ މުއްދަތުގައި އެ ކައުންސިލުތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިޢާދަކޮށްދިނުމާއެކު، ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާއެކު ކައުންސިލުތަކުގެ ކަންކަން ހިންގޭނެ މަގުފަހިކޮށްދީ، ކައުންސިލްތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް، ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުން ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ގާނޫނު އަސާސީއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހު:

* ކައުންސިލްތަކުގެ އުމުރު، 3 އަހަރުން 5 އަހަރަށް ބަދަލުކުރުން.
* ހުރިހާ ރަށެއް ފުރިހަމައަށް އަތޮޅު ކައުންސިލްގައި ތަމްސީލްކުރެވި ހުރިހާ ރަށެއްގެ ބައިވެރިވުން އޮންނަ ގޮތަށް އަތޮޅު ކައުންސިލްތައް އެކުލަވާލުމަށްޓަކައި، އަތޮޅު ކައުންސިލުތަކުގެ މެންބަރުން ކަމުގައިވާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސުން ކަމުގައި ކަނޑައެޅުން.
* އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލްތަކުގެ ރައީސުންނާއި ނައިބުރައީސުން އިންތިހާބުކުރާނީ، ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމުގައި ކަނޑައެޅުން.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެންނަ އިސްލާހު:

* ކައުންސިލުތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިއާދަކޮށްދީ، ކައުންސިލުތަކުގެ ބާރުތަކާއި މަސްއޫލިއްޔަތުތަކަކީ ސަރުކާރުން ކަނޑައަޅާ ދާއިރާއެއްގެ ތެރޭގައި ލިބިދެވޭ ބާރުތަކަކާއި މަސްއޫލިއްޔަތުތަކެއް ކަމުގައި އޮތުމުގެ ބަދަލުގައި، ގާނޫނުން އެ ކަންކަން ކަނޑައެޅުން.
* ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދު ކަނޑައަޅާނެ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާންކޮށް، ކައުންސިލްތަކުގެ އިހްތިސޯސްގައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދާ ކައުންސިލްތަކުގެ މިލްކުވެރިކަމަށް ބަދަލުވެގެންދާނެ ގޮތަށް ހަމަޖެއްސުން.
* ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމުގެ ގޮތުން، ދައުލަތުގެ އާމްދަނީގެ %5 (ފަހެއް އިންސައްތަ) އަށްވާ އަދަދުގެ ފައިސާ ކައުންސިލްތަކަށް ދިނުމާއި، ކައުންސިލްތަކުގެ އިހްތިސޯސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުލީގެ %40 (ސާޅީސް އިންސައްތަ) އަށްވާ އަދަދުގެ ފައިސާ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން ހުރިހާ ކައުންސިލަކަށް ބެހިގެންދާގޮތަށް ހަމަޖެއްސުމާއި، ކައުންސިލްތަކުން ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް ދިނުން.
* ރަށެއް ނުވަތަ ސިޓީއެއްގައި ހިންގާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން، އެ މަޝްރޫޢެއްގެ އަގު 5 މިލިއަނަށްވުރެ ކުޑަ މަޝްރޫޢުތައް، އެ ކައުންސިލަކުން ހިންގާ ގޮތަށް ހަމަޖެއްސުން.
* ކައުންސިލުތަކުން ވިޔަފާރިކުރުމަށްޓަކައި، ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ ދަށުން ކުންފުނި އުފައްދައި ހިންގޭނެ މަގުފަހިކޮށްދިނުން.
* ކައުންސިލުތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށްޓަކައި، ކައުންސިލްތަކަށް އިންތިހާބުކުރެވޭ މެންބަރުންގެ %33 (ތިރީސް ތިނެއް އިންސައްތަ) ޚާއްޞަކުރެވޭނީ އަންހެނުންނަށް ކަމުގައި ކަނޑައެޅުން. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުވުމުގެ ގޮތުން އެ ކޮމިޓީތަކުގެ މެންބަރުންނަށް އުޖޫރަ ދިނުމަށް ކަނޑައަޅައި، އެ ކޮމިޓީތަކަށް ވަކި ބަޖެޓެއް ދޭގޮތަށް ހަމަޖެއްސުމަށާއި އޮފީސް ހިންގާނެ ތަން ހަމަޖައްސައިދިނުން ފަދަ އިންތިޒާމުތައް، ކައުންސިލުތަކުން ފޯރުކޮށްދޭންވާނެ ކަމަށް ކަނޑައެޅުން.
* ރަށު ކައުންސިލުތަކެކޭ އެއްފަދައިން ސިޓީތަކުގައިވެސް އާބާދީއަށް ނިސްބަތްކޮށް މެންބަރުން އިންތިހާބުކުރެވޭ ގޮތަށް ހަމަޖެއްސުމަށްޓަކައި ސިޓީ ކައުންސިލްތަކަށް މެންބަރުން އިންތިހާބުކުރާ ގޮތް ބަދަލުކުރުން.
* ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް ފަދަ އާންމު ހިދުމަތްތައް ކައުންސިލްތަކުން އަމިއްލައަށް ފޯރުކޮށްދިނުމާގުޅޭ އުސޫލުތަކާއި، ތިންވަނަ ފަރާތެއް މެދުވެރިކޮށް އެ ހިދުމަތް ފޯރުކޮށްދޭނަމަ، އެ ކަމާބެހޭ އެއްބަސްވުމެއް އޮންނަންވާނެ ކަމަށް ކަނޑައެޅުމާއި، އެފަދަ ތިންވަނަ ފަރާތަކުން ހިދުމަތް ފޯރުކޮށްދޭ ހާލަތުގައިވެސް، އެ ހިދުމަތަކާ ގުޅޭގޮތުން އާންމުންނަށް ދިމާވާ އެކިއެކި މައްސަލަތަކާ ގުޅޭގޮތުން ޖަވާބުދާރީވާންޖެހޭ ގޮތަށް ހަމަޖެއްސުން.
* ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ބޯޑުގައި ކައުންސިލަރުން ތަމްސީލުވާނެ ގޮތަށް ހަމަޖައްސައި، ބޯޑު އެކުލެވިގެންވާ ގޮތް ބަދަލުކުރުން.
* ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުންނާއި، ހިންގުމުގައި ނިންމާ މުހިންމު ނިންމުންތައް ނިންމުމުގައި ވީ ވަރަކުން ކައުންސިލުތަކުން ރަށެއްގެ ނުވަތަ ސިޓީއެއްގެ ރައްޔިތުންނާ މަޝްވަރާކުރަން ޖެހޭނެ ކަމަށް ކަނޑައެޅުން.
* ކައުންސިލުގެ ޒިންމާދާރު ވެރިޔާ އައްޔަންކުރުމުގައި ކައުންސިލްގެ ދައުރެއް އޮންނަ ގޮތަށް ހަމަޖެއްސުން.
ހިޔާލު