Muvazzafunge serious kanboduvun thakeh minister ge samaalu kamah!
image
ހައުސިން މިނިސްޓަރާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަޖިލީހުގައި -- ފޮޓޯ: މަޖިލިސް
2 ކޮމެންޓް
 

މުވައްޒަފުންގެ ސީރިއަސް ކަންބޮޑުވުންތަކެއް މިނިސްޓަރުގެ ސަމާލު ކަމަށް!

ހައުސިން މިނިސްޓްރީގައި ސިވިލް ސާވިސް މުވައްޒަފުންނަށް ދިމާވެފައި ހުރި ގިނަ މައްސަލަތައް ފާހަގަކޮށް ހައުސިން މިނިސްޓަރު އައިމިނަތު އާތިފާގެ ސަމާލު ކަމަށް އެމައްސަލަތައް ގެނެސްފި އެވެ.
ސިވިލް ސާވިސް މުވައްޒަފުން މިނިސްޓަރަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ހައުސިން މިނިސްޓްރީގެ ސިޔާސީ ބޭފުޅުންނާއި ސިވިލް ސާވިސް މުވައްޒަފުންނަކީ ދެ ގުރޫޕެއްގެ ގޮތުގައި ދެއްކުމުގެ ގޮތުން ކަންތައްތަކެއް ކުރެވެމުންދާ ކަމަށެވެ.

ހައުސިން މިނިސްޓްރީގެ ސިޔާސީ ބޭފުޅުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ބަދުބަސް ބުނެ ކަރާމަތާއި އަބުރު ގެއްލޭ ގޮތަށް މުހާތަބު ކުރަމުންދާ ކަމަށެވެ. އަދި މުވައްޒަފުންނަށް ޒާތީ ގޮތުން ޖެއްސުން ގާނޫނުތަކާއި ގަވައިދުތަކާ ޚިލާފަށް އަމަލުކުރުމަށް އަންގަމުންދާ ކަމަށެވެ.

ހައުސިން މިނިސްޓްރީގެ ސިޔާސީ ބޭފުޅުންގެ މިފަދަ މައްސަލަތަކާ ގުޅިގެން މަސައްކަތް ކުރުމަށް އެކަށީގެންވާ މާހައުލެއް ނެތް ކަން ވެސް މިސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ. މުވައްޒަފުންގެ މައްސަލަތަކަށް ހައްލު ނުލިބޭނަމަ ތަނުގައި ތިބޭ ރަނގަޅު މުވައްޒަފުން ވަރަށް އަވަހަށް މިނިސްޓްރީ ދޫކޮށް ހިނގައިދާނެ ކަމަށްވެސް ބުނެފައިވެ އެވެ. އެހެންކަމުން މުވައްޒަފުންގެ މައްސަލަތައް ބަލައި އަވަހަށް ހައްލުކޮށްދިނުމަށް މިނިސްޓަރަށް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

މިސިޓީއާއި ގުޅިގެން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ މިސިޓީ އެމިނިސްޓްރީއަށް ލިބިފައިވީ ނަމަވެސް އެއީ ހައުސިން މިނިސްޓްރީގެ މުވައްޒަފުންގެ ސިޓީއެއް ނޫން ކަމަށް މުވައްޒަފުން ބުނާ ކަމަށެވެ.

ޝާމިން ވިދާޅުވީ ސިޓީގައި ޖަހާފައިވާ ފޯން ނަންބަރަށް ގުޅަން މިނިސްޓްރީން މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް އެ ނަންބަރަށް ނުގުޅޭ ކަމަށެވެ. އަދި ސިޓީގައި ބުނާ ފަދަ މައްސަލަތަކެއް މިނިސްޓްރީގެ ތެރޭގައި ހުރިކަން ފާހަގަކުރެވިފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

"އެކަމަކު ވެސް ސިޓީއެއްގައި މި މިނިސްޓްރީއާ ގުޅޭ ވާހަކަތަކެއް ހުރީމާ އެކަންކަން ބަލައި މައްސަލަތަކެއް އުޅޭނަމަ އެކަމެއް ރަނގަޅުކުރުމަށް މިނިސްޓްރީން މަސައްކަތް ކުރާނެ،" ޝާމިން ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފުންނާއި ސިޔާސީ ބޭފުޅުންނާ ދެމެދު މައްސަލަތަކެއް އުފެދިފައިވާއިރު ޓްރާންސްޕޯޓް މިނިސްޓްރީގައި ވެސް ވަނީ މިފަދަ މައްސަލަތަކެއް އުފެދިފަ އެވެ.
ހިޔާލު

ގަލަން

މިވެސް އަދުރޭ ސުޓަންޓުގެ ބޮޅެއް.

ޖަޒީރާ ފިނިއަށި

ވަރަށް ރަނގަޅު ވާހަކައެއް ތިއީ، ތިކަމެއް ހިނގަނީ ހަމައެކަނި، ތިޔަ މިނިސްޓްރީގައި އެކަންޏެއް ނޫން. ވަރަށް ގިނަ މިނިސްޓްރީ ތަކުގައި ތިކަން ދަނީ ހިނގަމުން. ހުޅު ފަޅައިގެންދާ ހިސާބުގައި ބައެއް މިނިސްޓްރިތައް އެބަހުރި، ބައެއް ތަންތަން ހަލާކު ކުރަނީ އެތަނުގެ ޕާމަނަންޓް ސެކްރެޓަރީން. މިއީ ވަރަށް ގިނަ މީހުންނަށް އެނގޭ ކަމެއް.