Ekaniveri mainnaai bafainnah dhey inaayai 10,000 rufiyaa ah
image
މިއަދު ބޭއްވި ވަޒީރުން މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ / ރައީސް އޮފީސް
0 ކޮމެންޓް
 

އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އިނާޔަތް 10،000 ރުފިޔާއަށް

އެކަނިވެރި މަންމައިންނާއި އެކަނިވެރި ބައްޕައިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމް އިސްލާހުކޮށް ކޮންމެ އެކަނިވެރި މައަކާއި ބަފައަކަށް ގިނަ ވެގެން 10،000 ރުފިޔާގެ ފައިސާގެ އިނާޔަތް ދޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.
މީގެކުރިން އެހީގެ މިންވަރު ކަނޑައަޅާފައި ވަނީ ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ހިސާބު ކުރުމަށްފަހު މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން 3000 ރުފިޔާ ލިބޭގޮތަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން މި ކަރުދާސް ހުށަހަޅުއްވާފައި ވަނީ، އެކަނި ކުދިން ބަލަހައްޓާ މަންމައިން އަދި ބައްޕައިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމް މިހާރު ހިނގަމުންދާގޮތުން އެހީ ޙައްޤުވާ ބައެއް ފަރާތްތައް އިސްތިސްނާ ވަމުންދާތީ އެކަން އިޞްލާހުކޮށް މުރާޖަޢާކުރުމާމެދު ވަޒީރުންގެ މަޖިލީހުގެ ލަފާފުޅެއް ހޯއްދެވުމުގެ ގޮތުންނެވެ. 2016 ވަނަ އަހަރު މި އެހީ ދެވޭ އުސޫލަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ވަރަށް ގިނަ ފަރާތްތައް މި އެހީން ވަނީ މަޙްރޫމްވެފައެވެ.

އެހެންކަމުން މި ގެނެވޭ އިސްލާޙްތަކާއެކު މިހާރު އެހީ ޙައްޤުވާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ލިބިގެންދާނެއެވެ. މިގޮތުން މިއަދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ގެންނަވަން ނިންމެވި ބަދަލުތަކުގެ ތެރޭގައި، ފަގީރުކަމުގެ ޙާލަތު ކަނޑައެޅުމުގައި މިހާރު ބޭނުންކުރާ މިނިމަމް ޔުނިޓަކީ، "ގޭބިސީ" (އެއްތަނެއްގައި ކައްކައި ކައިބޮއި ނިދައި އުޅޭ އެންމެން) ކަމަށް ބެލުމުގެ ބަދަލުގައި، ފަގީރުކަމުގެ ޙާލަތު ކަނޑައެޅުމުގައި ބަލާ މިނިމަމް ޔުނިޓަކީ، އެކަނި ކުދިން ބަލަހައްޓާ މަންމަ ނުވަތަ ބައްޕަގެ ޢާއިލާ ކަމުގައި ކަނޑައެޅުމަށް ނިންމެވުން ހިމެނެއެވެ.

މީގެ އިތުރުން މިހާރުގެ ޙާލަތަށް ބައްލަވައި "އިންކަމް ތްރެޝްހޯލްޑް" ކަނޑައަޅުއްވާނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިންކަމުގައި ވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ، އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިންނަށް ލިބެމުން ދިޔަނަމަވެސް އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިނަށް ދެވޭ އެލަވަންސްވެސް އެފަދަ މަންމައިންނާއި ބައްޕައިންނަށް ލިބޭގޮތަށް ހަމަޖެއްސެވުން ވެސް މި ނިންމުންތަކުގެ ތެރޭގައި ހިމެނެއެވެ.
ހިޔާލު