1.5 million vana fathuruveriyaa mi mahu Raajje annaane: MMPRC
image
ރާއްޖޭގެ ރިސޯޓެއްގައި ފަތުރުވެރިންތަކެއް ޗުއްޓީ ހޭދަކުރަނީ -- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
0 ކޮމެންޓް
 

1.5 މިލިއަން ވަނަ ފަތުރުވެރިޔާ މިމަހު ރާއްޖެ އަންނާނެ: އެމްއެމްޕީއާރްސީ

ސަރުކާރުން މިއަހަރަށް އަމާޒުކުރީ 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ކަމަށާއި މިމަސް ނިމުމުގެ ކުރިން އެ އަމާޒަށް ވާސިލްވާނެ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެފި އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މިއަހަރު ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކަނޑައެޅި އަމާޒަށް ވާސިލްވާނެ ކަމަށް ބެލެވެނީ މިހިނގާ ނޮވެމްބަރު މަހުގެ ފަހު ހަފްތާގެ ތެރޭގައި ކަމަށެވެ.

އަހަރު ނުނިމެނީސް ސަރުކާރުން ކަނޑައެޅި އަމާޒަށް ވަސިލްވާނެ ކަމަށް ބެލެވޭތީ ކުލަގަދަ ގޮތެއްގައި މިކާމިޔާބީ ފާހަގަކުރާނެ ކަމަށްވެސް ތޮއްޔިބް ވަނީ މައުލޫމާތު ދެއްވާފަ އެވެ.

ތޮއްޔިބު އިތުރަށް ވިދާޅުވީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާތީ މިއަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް 16 އިންސައްތަ ކުރިއަރާނެ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރްސީން މިއަހަރުގެ ތެރޭގައި ވަނީ ދުނިޔޭގެ 33 ސިޓީއެއްގައި ކުރިއަށް ދިޔަ ރޯޑް ޝޯތަކުގައި ބައިވެރިވެ، 23 ފެއާއެއްގައި ރާއްޖެ އިޝްތިހާރުކޮށްފަ އެވެ.

މީގެއިތުރުން ބައެއް ގައުމުތަކުގެ މީޑިއާގައި މަސައްކަތް ކުރާ ނޫސްވެރިންގެ ޓީމުތައް ރާއްޖެ ގެނެސްގެންނާއި ބައެއް އެއާލައިންތަކާ ގުޅިގެންވެސް އެމްއެމްޕީއާރްސީން ވަނީ ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތްތަކެއް ކޮށްފަ އެވެ.

އެމްއެމްޕީއާރްސީން ވަނީ ރާއްޖެ އިޝްތިހާރު ކުރުމަށް މިއަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބައެއް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ.

މީގެތެރޭގައި ބައެއް ގައުމުތަކުގެ ރޯޑް ޝޯ ތަކުގައި ބައިވެރިވުމާއި، ފަސް މީޑިއާ ގުރޫޕް ރާއްޖެއަށް ގެނައުމާއި، ޔޫއޭއީގައި ވިޒިބިލިޓީ ކެމްޕެއިންތަކެއް އެއް މަސްދުވަހަށް ކުރިއަށް ގެންދިއުމާއި، ނެޝަނަލް ޖިއޯގްރެފިކް ޓްރެވަލް މެގަޒިންއާ އެކު މަސައްކަތްތަކެއް ފެށުން ހިމެނެ އެވެ.
ހިޔާލު