Areef retire kurehvumun supreme court ge hingun Azmiralda aai havaalu kohfi
image
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު
0 ކޮމެންޓް
 

އަރީފް ރިޓަޔާ ކުރެއްވުމުން ސުޕްރީމް ކޯޓުގެ ހިންގުން އަޒްމިރާލްދާއާ ހަވާލުކޮށްފި

ސުޕްރީމް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު އަބްދުﷲ އަރީފް ރިޓަޔާ ކުރެއްވުމާ ގުޅިގެން ސުޕްރީމް ކޯޓު ހިންގުން އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ ހަވާލުކޮށްފި އެވެ.
އަރީފް ރިޓަޔާކުރައްވާފައި މިވަނީ އޭނާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީ ބަލަމުން ދަނިކޮށެވެ.

އަލްއުސްތާޒު އަބްދުﷲ އަރީފް އުފަންވެވަޑައިގެންނެވީ 20 އޮކްޓޯބަރ 1968 ގައި އއ. ތޮއްޑޫ އަށެވެ. އަދި އޭނާ 1997 ވަނަ އަހަރު ފުރަތަމަ ޑިގްރީ ހާސިލްކުރެއްވީ ޝަރީއާގެ ދާއިރާއިން މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ. އަރީފް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެވުނީ 18 ސެޕްޓެންބަރު 2008 ގައެވެ. އަދި 10 ޖުލައި 2017 އިން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އަރީފް ވަނީ ޖޭއެެސްސީގެ ރައީސް ކަންވެސް ކުރައްވާފަ އެވެ. އަރީފް ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި 2010 އިން 2014 އަށް ސުޕްރީމް ކޯޓުގެ ޗެމްބަރ ފަނޑިޔަރުކަމާއި، 2005 އިން 2008 އަށް ޖިނާއީ ކޯޓުގެ އިސް ގާޒީގެ މަގާމާއި 1998 އިން 2005 އަށް ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމު ހިމެނިވަޑައިގަންނަވަ އެވެ.

ސުޕްރީމް ކޯޓު ހިންގުން މިމަހުގެ 13 ވަނަ ދުވަހު އަރީފާ ހަވާލުކުރެއްވީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ފަނޑިޔާރު ކަމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާ، އޭނާ ފަނޑިޔާރު ކަމުގެ މަގާމުން ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ. ޑރ. އަހްމަދު އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ވެސް މިމަހުގެ 18 ވަނަ ދުވަހު ވަނީ ފާސްކޮށްފަ އެވެ.

އަރީފް ރިޓާޔާ ކުރެއްވުމުން ސުޕްރީމް ކޯޓު ހިންގުމާ މިރޭ ހަވާލުވެވަޑައިގެންނެވި ޑރ. އަޒްމިރާލްދާ ޒާހިރު އުފަންވެ ވަޑައިގެންނެވީ 19 ޖުލައި 1979 ގައި މާލެ އަށެވެ. ޑރ. އަޒްމިރާލްދާ ވަނީ ޔުނިވަސިޓީ އޮފް ކާޑިފް (ޔޫކޭ) އިން، އެލްއެލްބީ އޮނާސް އާއި، ޔުނިވަސިޓީ އޮފް ޕޯޓްސްމައުތު (ޔޫކޭ) އިން، އެލްއެލްއެމް ޑިގްރީ ހާސިލް ކުރައްވާފަ އެވެ. އެއަށްފަހު ޑރ. އަޒްމިރާލްދާ ވަނީ ބައިނަލްއަގްވާމީ ފިކުރީ މުދަލާއި ބެހޭ ގާނޫނުގެ ދާއިރާއިން ޔުނިވަސިޓީ އޮފް އެގްޒެޓަރ (ޔޫކޭ) އިން ޕީއެޗްޑީ ހާސިލްކުރައްވާފަ އެވެ.

ޑރ. އަޒްމިރާލްދާ ޒާހިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރެވުނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ޑރ. އަޒްމިރާލްދާ ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަންވެސް ކުރައްވާފަ އެވެ. ޑރ. އަޒްމިރާލްދާ އަކީ ހައިކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވި ފުރަތަމަ އަންހެން ބޭފުޅާ އެވެ.
ހިޔާލު