Magumatheegai ulhandhu dhuvaa meehunge aadheys!
image
މާލެ މަގެއްގައި ޓްރެފިކްގައި ޖެހިފައި --ފޮޓޯ:ސޯޝަލް މީޑިއާ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މަގުމަތީގައި އުޅަނދު ދުއްވާ މީހުންގެ އާދޭސް!

މާލެއަށް ކުރިމަތިވެފައިވާ މައްސަލަތައް އިންތިހާއަށް ގޯސްވެފައިވާއިރު އެންމެ ބޮޑު މައްސަލައަކަށް ވެފައިވަނީ މާލެއަށް ނުކަތާ ވަރަށް މީހުން ޖަމާކޮށްގެން މާލޭގައި ދިރިއުޅެން މަޖުބޫރުކުރުވުމެވެ. ނަތީޖާއަކަށް ވެފައިވަނީ ދުވަހުން ދުވަހަށް މާލެ ތޮއްޖެހި ތަފާތު މައްސަލަތައް ފެންމަތިވުމެވެ. އެގޮތުން މާލެއަށް ގިނަ އެއްގަމު އުޅަނދު ފަހަރު އެތެރެކުރުމަކީ އެކްސިޑެންޓުތަކާއި ޕާކިންގެ މައްސަލަތައް ޖެހުމުގެ ސަބަބޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.
ނުކަތާ ވަރަށް އުޅަނދު ފަހަރު އެތެރެ ކުރުން: ބޮޑު މައްސަލައެއް

ނެޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް އިން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ނިޔަލަށް ގާތްގަނޑަކަށް 90،000 ސައިކަލު ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ. ރަޖިސްޓްރީ ކޮށްފައިވާ 108،532 އުޅަނދުގެ ތެރެއިން 83 އިންސައްތަ އަކީ ސައިކަލެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ރަޖިސްޓްރީ ކުރި 108،532 އުޅަނދަކީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު 11 އިންސައްތައިގެ އިތުރުވުމެކެވެ. އެ އަހަރުގެ ނިޔަލަށް ރަޖިސްޓްރީ ކުރީ 97،213 އުޅަނދެވެ. މިދިޔަ އަހަރު އެކަނިވެސް މުޅިން އަލަށް 11،319 އުޅަނދު ރަސްޖިސްޓްރީ ކުރި އެވެ.

އެއްވެސް ހިފެހެއްޓުމެއް ނެތި އަހަރުން އަހަރަށް އުޅަނދުތަކުގެ އަދަދު އިތުރުވަމުންދާއިރު މިގޮތަށް ކުރިއަށްދާނަމަ، މާލޭގައި ދިރިއުޅުން ވެގެން ދާނީ މިހާރަށް ވުރެ ވެސް ބޮޑު ބުރައަކަށެވެ. ތޮއްޖެހުމުގެ އިތުރުން ޓްރެފިކް މައްސަލަތަކާއި އެކްސިޑެންޓުތައް އިތުރުވާނެ އެވެ. ނަމަވެސް ގިނަ ފަހަރު އެފަދަ މައްސަލަތައް ދިމާވުމުން އުޅަނދު ދުއްވާ މީހުންނާ ދިމާލަށް އެއްޗެހި ކިޔާ މީހުންވެސް މަދެއް ނޫނެވެ. އެގޮތުން އެކްސިޑެންޓުތައް އިތުރުވަނީ ފަރުވާ ކުޑަކޮށް ދުއްވުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި ޕާކު ކުރުމަށް ކަނޑައަޅާފައިވާ ޖާގައިގައި ޕާކު ނުކުރުމުގެ ސަބަބުން ސްޓިކާ ޖަހާނެ ކަމަށްވެސް ގިނަ ބަޔަކު ބުނެ އެވެ. ނަމަވެސް އުޅަނދު ދުއްވާ މީހުންގެ އަޑު އަހަނީ ކޮން ބައެއް ހެއްޔެވެ؟ އެމީހުން އެކަމާ ދޭތެރޭ ބުނަނީ ކީކޭ ހެއްޔެވެ؟ އެހެން މީހުންނޭ އެއްފަދައިން އުޅަނދު ދުއްވާ މީހުންގެ އާދޭސް ވެސް ވާނެ ކަން ޔަގީނެވެ.

މަގުތައް ހަދާފައި ހުރި ގޮތުން ވެސް އެކްސިޑެންޓު އިތުރުވޭ:

"ސައިކަލު ބާރަށް ދުއްވުން، އެކްސިޑެންޓުތައް އިތުރުވުން، ސައިކަލް ރަނގަޅަށް ޕާކު ނުކުރުން، އަބަދުވެސް މިހުރިހާ ކަމަކަށް ޒިންމާވާން ޖެހެނީ އަހަރުމެން، އަހަރުމެނެއް ނޫން ދޯ މަގުތައް ހެދީ، އަހަރުމެނެއް ނޫން ޕާކިން ޒޯންތައް ހަދަނީ" ސީއެންއެމް އަށް ވާހަކަދެއްކި މީހަކު ބުންޏެވެ.

"އެކްސިޑެންޓު އިތުރުވަނީ ހަމައެކަނި ދުއްވާ މީހާގެ ފަރުވާ ކުޑަކަމުގެ ސަބަބަކުން ނޫން، މަގުތައް ހަދާފައި ހުރިގޮތުން ވެސް ވޭ، "އިތުރު މީހަކު ބުންޏެވެ.

މަގުތަކުގެ ވާހަކަ އަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ނަމަވެސް މިއަދާ ހަމައަށް ހައްލެއް އައިސްފައި ނުވާ ކަމެއް ކަން ފާހަގަކޮށްލެވެ އެވެ. ނަމަވެސް ކުރިއަށް އޮތް އަހަރަކީ އެކަމަށް އޮތް ހައްލެއް ލިބިދާނެ އަހަރަކަށް ވެދާނެ އެވެ.

އަންނަ އަހަރަށް ސަރުކާރުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި މަގު ހެދުމުގެ އެންމެ ބޮޑު މަޝްރޫއު އޮތީ ވެރިރަށް މާލެ އަށެވެ. މުޅި މާލޭގެ މަގުތައް ހެދުމަށް 79 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ކަނޑައަޅާފަ އެވެ.

މިހަބަރަކީ އުޅަނދު ދުއްވާ މީހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަން ޔަގީނެވެ. ނަމަވެސް އެމީހުންގެ މޫނުމައްޗަށް އުފާވެރިކަން އަންނާނީ އެމަސައްކަތް ނިމި ލޮލަށް ހަގީގަތުގައި ފެނުމުންނެވެ.

ޕާކިންގެ މައްސަލަ:

"މިނިސްޓަރު ނަހުލާ ވިދާޅުވި ސްޓިކާ ޖަހަނީ ޕާކު ކުރާނެ ޖާގަ ދިނުމަށް ފަހުގައޭ، އެކަމަކު ޕާކް ކުރާނެ ސަރަހައްދުތައް ވަކި އިތުރެއް ނޫން، އެއަށް ވުރެ ގިނަ އުޅަނދުތައް، ދެން ބުނާނެ ޕާކު ކޮށްފަ ހުންނަނީ ގަވައިދާ ހިލާފަށޭ، މިއޮއްބޮޑު މާލޭގައި ޕާކު ކުރާނެ ތަނެއް ނެތިފަ ވެސް ބައެއް ފަހަރު ހުންނަން ޖެހޭ" އިތުރު މީހަކު ބުންޏެވެ.

ޕާކިންގެ މައްސަލަ އަކީ ވެސް އިންތިހާއަށް ބޮޑުވެފައިވާ މައްސަލަ އެކެވެ. ޕާކިން މައްސަލައަށް ހައްލެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތް ސީއެންއެމް އަށް ކިޔައިދެމުން ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވަނީ މާލޭގެ ޕާކިން މައްސަލަ ހައްލު ކުރާނެ ޖާގަ މާލޭގައި ނެތް ކަމަށް ވިދާޅުވެފަ އެވެ. ސަބަބަކީ މާލޭގެ 42 އިންސައްތައަކީ އުޅަނދު ފަހަރު ކަމަށްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލޭގެ ޕާކިން މައްސަލަ ހައްލުކުރަން މާލެއަކު ޖާގައެއް ނެތް. މި މައްސަލައަށް ލުޔެއް ލިބޭނީ ވެހިކަލް އެތެރެ ކުރެވޭ ވަރު ކޮންޓްރޯލު ކުރެވިގެން. އަޅުގަނޑުމެން މިހާރު ވާނީ އެކަމާއި ގުޅިގެން ކެބިނެޓާ ވެސް މަޝްވަރާ ކުރެވިފަ،" އެކަމާ މެދު އަދި ގޮތެއް ނިންމާފައި ނުވާކަން ފާހަގަކުރައްވާ ޝަމާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލްގެ ވިސްނުން ހުރީ ވެހިކަލް ކޮންޓްރޯލު ކުރުމަށްފަހު ޕަބްލިކް ޓްރާންސްޕޯޓް ތައާރަފު ކުރުމެވެ.

ޕާކިން މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލުން އަންނަނީ މާލޭގައި ހުސް ޖާގައެއް އޮތް ނަމަ އެތަނެއް ޕާކިން ޒޯނަކަށް ބަދަލު ކުރަމުންނެވެ.

ސައިކަލްތައް ވަގަށް ނެގުމައި ގެއްލުން ދިނުން:

ފުލުހުން ބުނީ ސައިކަލު ވަގަށް ނަގައިގެން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހެޅޭ މައްސަލަތައް އިތުރުވަމުންދާތީ، މިކަން ހައްލުކުރުމަށް ރައްޔިތުން ހޭލުންތެރިވެފައިވާ މިންވަރު ބެލުމަށް ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން ކުރި ސާވޭއަކުން ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި 401 ސައިކަލު ވަގަށް ނެގިކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މީގެތެރެއިން މިހާތަނަށް ފެނިފައިވަނީ 264 ސައިކަލު ކަމަށް ފުލުހުން ބުނެ އެވެ. ގެއްލިގެން ހުށަހަޅާފައިވާ ސައިކަލުތަކުގެ އަގަށް ބަލާއިރު ގާތްގަނޑަކަށް 21,796,400 (އެކާވިސް މިލިއަން ހަތް ސަތޭކަ ނުވަދިހަ ހަ ހާސް ހަތަރު ސަތޭކަ) ރުފިޔާ އަށް އަރާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

"ހަގީގަތުގައިވެސް މިއީ ދިވެހިންގެ އާބާދީގެ ނިސްބަތަށް ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. އެހެންކަމުން އުޅަނދުގެ ވެރިފަރާތުން ނުވަތަ އެ އުޅަނދެއް ދުއްވާ ފަރާތަކުން ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ." ފުލުހުން ބުންޏެވެ.

ސައިކަލްތަކަށް ގެއްލުން ދިނުމަކީވެސް މިހާރު ވަރަށް އާންމު ކަމެކެވެ. އެގޮތުން ސައިކަލްތައް ޕާކު ކޮށްފައި ހުންނައިރު ސައިކަލުގެ މަޑީގައި ކަޓަރުއަޅައި ލޯގަނޑުކޮޅު ހަލާކުކޮށްލުމަކީ ވެސް ވަރަށް އާންމު ކަމެކެވެ.

ފުލުހުން ބުނީ ސައިކަލުގެ ރައްކާތެރިކަމަށް ދޭންވާ އަހަންމިއްޔަތުކަން ގިނަ ބަޔަކު ދީފައި ނުވާކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

ފުލުހުން ބުނީ 90 އިންސައްތަ މީހުންގެ ސައިކަލްގައި އެލާމް ސިސްޓަމް ހަރުކޮށްފައި ނެތްކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. ހަމައެހެންމެ ސައިކަލު ޕާކު ކުރުމުގައި، ޕާކުކޮށްފައިވަނީ ރައްކާތެރި ތަނެއްގައިތޯއާއި، ސައިކަލުގެ ޝަޓާލޮކް ކުރެވިފައިވޭތޯ ބެލިބެލުމުން 35 އިންސައްތަ މީހުން އެކަންކަމަށް ސަމާލުކަން ދީފައިނުވާކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

އުޅަނދު ދުއްވާ މީހުން އާދޭސް ކިތަންމެހާވެސް ގިނަ އެވެ. ނަމަވެސް އަޑުއަހާނެ ބައެއް އެބަތިބި ހެއްޔެވެ؟ ސަރުކާރުން ވެސް ވީހާ އަވަހަށް އެމީހުންގެ ވާހަކަތައް އަޑުއަހާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަން އެބަޖެހެ އެވެ.
ހިޔާލު