Sarukaaruge faraathun majileelah hushahelhumah 4 bill eh
image
ރައީސް އޮފީސް-- ފޮޓޯ: ވީނިއުސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ހަތަރު ބިލެއް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ތައުލީމުގެ ބިލަކާއި، މަތީ ތައުލީމުގެ ބިލަކާއި، ނަފްސާނީ ސިއްހަތުގެ ބިލަކާއި، އެއްމެދު އިމާރާތުގެ ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާ ތައުލީމުގެ ބިލަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ގާއިމުކުރަން ޖެހޭ ގާނޫނީ އޮނިގަނޑު ގާއިމުކޮށް، ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސްތައް އެކުލަވާލި ބިލެކެވެ.

އޭގެ އިތުރުން އުނގެނުމާ ގުޅޭ ގޮތުން ދަރިވަރުންނަށް ލިބިދޭ ހައްގުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާތައް ކަނޑައަޅައި، ދިވެހިރާއްޖޭގައި ތައުލީމު ދިނުމާ ގުޅޭ އެ ނޫން ވެސް އާންމު ހަމަތަކާއި އުސޫލުތައް ބަޔާންކުރުމަށްޓަކައި އެކުލަވާލި ބިލެކެވެ.

މަތީ ތައުލީމުގެ ބިލަކީ، ދިވެހިރާއްޖޭގައި މަތީ ތައުލީމު ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި، މަތީ ތައުލީމުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާއި، އެ މަރުކަޒުތައް ހިންގާނެ އުސޫލުތައް ކަނޑައަޅައި، މަތީ ތަޢުލީމުގެ ކަންކަން ވިލަރެސް ކުރުމަށާއި، އެފަދަ ތައުލީމުދޭ މަރުކަޒުތައް މޮނިޓާކޮށް، އެ މަރުކަޒުތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ސަރުކާރުގެ އިދާރާއެއް ގާއިމުކޮށް، އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައަޅައި، ދިވެހިރާއްޖޭގައި މަސައްކަތުގެ ތައުލީމާއި ތަމްރީނު ދިނުމުގެ ހަރުދަނާ ނިޒާމެއް ރާވައި ހިންގުމާބެހޭ އުސޫލުތައް ބަޔާންކޮށްދޭ ބިލެކެވެ.

ނަފްސާނީ ސިއްހަތުގެ ބިލަކީ، ދިވެހިރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވައި، ނަފްސާނީ ބަލިތަކަށް މުޖުތަމައު އަހުލުވެރިކޮށް، އެފަދަ ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ދިވެހި ދައުލަތުގެ ހަރަދުގައި ފަރުވާދިނުމުގެ ނިޒާމެއް ގާއިމުކޮށް، އެފަދަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް ޙިމާޔަތްކުރުމާއި އެފަދަ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަމާގުޅޭ އުސޫލުތައް ބަޔާންކުރުމާއެކު، ނަފްސާނީ ބަލީގެ ފަރުވާ އާއި އެފަދަ ފަރުވާއާގުޅޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ ހަމަތަކާއި އުސޫލުތައް ބަޔާންކުރުމުގެ ބިލެކެވެ.

އޭގެ އިތުރުން އިމާރާތުގެ ބިލަކީ، ދިވެހިރާއްޖޭގައި ބިނާކުރާ އިމާރާތްތައް، އެއްމެދު އިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުމަށާއި، އެއްމެދު އިމާރާތެއްގައި ހިމެނޭ ވަކިވަކި ޔުނިޓުތައް، ވަކިވަކި ފަރުދުންނަށް ނުވަތަ ފަރާތްތަކަށް މިލްކުކުރެވޭނެ ގޮތާއި އެތަންތަން ގަނެވިއްކައި، ކުއްޔަށްދީ، އަދި އެނޫންވެސް މުއާމަލާތްތައް ކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމަށާއި، އެއްމެދު އިމާރާތެއް ގޮތުގައި ރަޖިސްޓަރީކުރާ ބިމާއި އިމާރާތުގެ އާންމު ސަރަޙައްދުތައް ބަލަހައްޓައި، ބޭނުންކުރާނެ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ތައާރުފުކުރުމަށް އެކުލަވާލާފައިވާ ބިލެކެވެ.
ރައީސް އޮފީސް
ހިޔާލު