Primary in balivumun vaadhanukurevey mahsalaige shareeai maadhamaa
image
ޖާބިރު ހުށަހެޅުއްވި މައްސަލަ ބައްލަވާނީ ފުލް ބެންޗުން.-- ފައިލް ފޮޓޯ
0 ކޮމެންޓް
 

ޕްރައިމަރީން ބަލިވުމުން ވާދަނުކުރެވޭ މައްސަލައިގެ ޝަރީއަތް މާދަމާ

ޕްރައިމަރީ ބަލިވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިސް އިންތިހާބު ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮތް މާއްދާ ބާތިލުކުރަން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބު އަބްދުﷲ ޖާބިރު ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތް މާދަމަ އަށް ޝެޑިއުލް ކޮށްފި އެވެ.
އެ މައްސަލަ ހުށަހެޅުއްވި ދުވަހު ޖާބިރު "ސީއެންއެމް" އަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުގައި ގާނޫނުގައި ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލީހަށް ވާދަނުކުރެވޭ ގޮތަށް އޮންނަ އޮތުމަކީ ގާނޫނު އަސާސީއާ ހިލާފަށް އެ ގާނޫނަށް އިތުރުކޮށްފައިވާ މާއްދާއެއް ކަމަށެވެ.

"ގާނޫނު އަސާސީގައި އެބަ އޮވޭ މަޖިލިސް މެމްބަރުޔންގެ ޝަރުތަކާއި، ކުރިމަތި ލެއްވޭނެ ގޮތްތައް. މިކަންކަން ގާނޫނަކުން ހަނި ނުކުރެވޭނެ. އަޅުގަނޑު މަސައްކަތް މި ކުރަނީ ޑިމޮކްރާސީ ފުރިހަމަ ކުރުމަށް،" ޖާބިރު ވިދާޅުވި އެވެ.

އެ މައްސަލާގެ ފުރަަތަމަ އަޑުއެހުން މާދަމާ ހެނދުނު 10:45 ގައި ފެށުމަށް ސްޕްރީމް ކޯޓުން ޝެޑިއުލް ކުރި އިރު، އެ މައްސަލަ ބައްލަވާނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް، ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ރައްޔިތުންގެ ހާއްސަ މަޖިލީހުގައިވެސް މަސައްކަތް ކުރެއްވި ޖާބިރު އެމްޑިޕީ ޕްރައިމަރީގައި ވާދަ ކުރެއްވީ ކާށިދޫ ދާއިރާއަށެވެ. އެދާއިރާގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން އެދާއިރާގެ ކުރީގެ މެމްބަރު ޖާބިރަށް ލިބިވަޑައިގަތީ 203 ވޯޓެވެ. އެހެން ނަމަވެސް އެ ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވި އަބްދުﷲ ރިފްއަތަށް 426 ވޯޓް ލިބިލެއްވިއެވެ.

ޕްރައިމަރީ ނާކާމިޔާބުވުމާ އެކު ޖާބިރު ވަނީ އަމިއްލަ ގޮތުން ވާދަ ކުރައްވަން ނިންމާފަ އެވެ. އަދި އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާނެ ކަން އިއުލާނުކުރީ ވެސް އަމިއްލަ ގޮތުން ވާދަކުރަން ނިންމިކަން އިއުލާނު ކުރައްވަމުންނެވެ.
ހިޔާލު