High Court in Raees Yameen minivan kohfi
image
0 ކޮމެންޓް
 

ހައިކޯޓުން ރައީސް ޔާމީން މިނިވަންކޮށްފި

ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ދެންމެ ބާތިލް ކޮށްފި އެވެ.
މަނީލޯންޑްރިންގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް ޔާމީން ޖަލަށް ލާފައިވަނީ އެ މައްސަލާގެ ހެކިންނަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭތީ ކްރިމިނަލް ކޯޓުންކުރި އަމުރަކާއި ގުޅިގެން މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ ޖިނާއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ)ގެ އެއް ވަނަ ނަންބަރާއި ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ 13 ވަނަ މާއްދާގެ (ހ)ގެ ދެ ވަނަ ނަންބަރުގެ ދަށުން ކަމަށް ވުމުން އެ ދެ މާއްދާގެ ދަށުން މީހަކު ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 30 ދުވަސް ކަމަށް ހައިކޯޓުން ބުނެ އެވެ. އެގޮތުން އެ މުއްދަތު މި މަހުގެ 18 ވަނަ ދުވަހަށް ހަމަވެފައިވުމުން ރައީސް ޔާމީން މިނިވަން ކުރަން ހައިކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.

ހައިކޯޓުން ރައީސް ޔާމީން މިނިވަން ކުރަން ހުކުމް ކުރި އިރު، މިއަދު އެ މައްސަލަ ބެލީ ފަނޑިޔާރުންގެ ބެންޗް ބަދަލުކޮށްގެންނެވެ. އެގޮތުން އެ މައްސަލަ ކުރިން ބެލީ ގާޒީ ހަސަން އަލީ ރިޔާސަތުގައި އިންނަވައިގެން، ގާޒީ ހުސެން ޝަހީދު އާއި އަބްދުއްރައޫފު އިބްރާހިމް އެވެ. ނަމަވެސް ރައޫފުގެ ބަދަލުގައި މިއަދު ބެންޗުގައި އިންނެވީ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އެދުމަށް ރައީސް ޔާމީން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމުން އެމަނިކުފާނު ކުރިން ހުންނެވީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގަ އެވެ. އަދި ޖަލުގައި ހުންނެވި އިރު ދެ ފަހަރެއްގެ މަތިން އައިޖީއެމްއެޗުގައި ފަރުވާ ހޯއްދެއްވި އެވެ.

އެގޮތުން އެންމެ ފަހުން އައިޖީއެމްއެޗުގައި ފަރުވާ ދެއްވުމަށް، މި މަހުގެ 13 ވަނަ ދުވަހަށް ފަހު ރައީސް ޔާމީން ހުންނެވީ ގޭބަންދުގަ އެވެ. ނަމަވެސް ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރެއްވީ ކީއްވެގެން ކަމެއް އަދި އެމަނިކުފާނަށް އައިޖީއެމްއެޗުގައި ފަރުވާ ދެއްވީ ކީއްވެގެން ކަމެއް ވެސް ރަސްމީކޮށް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ.

ހައި ކޯޓުން ރައީސް ޔާމީން މިނިވަން ކުރަން އަމުރު ކުރި، އިރު ފެބްރުއަރީ 13 ވަނަ ދުވަހު އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލި ނަމަވެސް އަޑުއެހުންތައް ނުބާއްވާތީ، ޕީޕީއެމް އާއި ޕީއެންސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ހިޔާލު