Riyaasee commission thakuge bill Majleehun faaskoffi
image
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--
0 ކޮމެންޓް
 

ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރުދޭ ބިލް މަޖިލީހުން ފާސްކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ގޮތް ނޭނގޭ މަރުތައް ބަލާ ރިޔާސީ ކޮމިޝަނާއި ދައުލަތުގެ ފައިސާ އަށް ހިޔާނާތްވެފައިވާ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުދޭ ރިޔާސީ ކޮމިޝަން ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ކޮމިޝަންގެ ބިލް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 79 މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ އެއް މެމްބަރަކު އިންނެވި އެވެ.

ރިޔާސީ ކޮމިޝަން ބިލަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެއް ފުއްދުވުމަށާއި ގޮތް ނޭނގޭ މަރުތަކާއި ދައުލަތުގެ ފައިސާ އަށް އިންތިހާ އަށް ހިޔާނާތްވެރިފައި ވާތީ އެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ދެ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށް އެމަނިކުފާނު މަޖިލީހަށް ފޮނުއްވާފައިވާ ބިލެކެވެ.

އެބިލަކީ ނިމިދިޔަ 18 ވަނަ މަޖިލީހަށް ހުށަހެޅި، ބަހުސް މަރުހަލާ ނިމި، އަދި ވޯޓަށް އެހުމަށް އެޖެންޑާ ކުރުމަށްފަހު، ވޯޓަށް ނާހައި، މަޖިލީހުގައި "ޕާކު" ކޮށްފައިވާ ބިލެކެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސް ނުކުރުމަށް ނިމިދިޔަ 18 ވަނަ މަޖިލީހުގެ ތެރެއިން މަސައްކަތް ކޮށްފައި ވަނީ، ސަރުކާރު ކޯލިޝަނުގައި އޮވެ، ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގުޅިގެންނެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމަށް ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން ބޭނުން ނުވާ ކަމަށް އޭރު ޖުމްހޫރީ ޕާޓީގެ އަދި ސަރުކާރު ކޯލިޝަނުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒު ވެސް ވަނީ ވިދާޅުވެފަ އެވެ.
ހިޔާލު