Sheikh Rasheed ah inaayai dheyn hushahelhi bill Majleehun beyrukollaifi
image
ކުރީގެ އުއްތަމަ ފަނޑިޔާރު ޝެއިހު މުހައްމަދު ރަޝީދު އިބްރާހީމް-- ފޮޓޯ: ޕީއެސްއެމް ނިއުސް
0 ކޮމެންޓް
 

ޝެއިހް ރަޝީދަށް އިނާޔަތް ދޭން ހުށަހެޅި ބިލް ބާތިލްކޮށް، މަޖިލީހުން ބޭރުކޮށްލައިފި

ޝެއިހު މުހައްމަދު ރަޝީދު އިބްރާހީމަށް އިނާޔަތާއި އިމްތިޔާޒުތައް ލިބިދޭ ގޮތަށް، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް ބާތިލްކޮށް، މަޖިލީހުން ބޭރުކޮށްލައިފި އެވެ.
އެބިލް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބާތިލްކޮށް، މަޖިލީހުން ބޭރުކޮށްލާފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 77 މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ވަކި ގޮތަކަށް ވޯޓް ދެއްވަން ބޭނުން ނުވާ ދެ މެމްބަރަކު އިންނެވި އެވެ.

އެބިލަކީ ނިމިދިޔަ 18 ވަނަ މަޖިލިސް ނިމެން ކުޑަ ދުވަސް ކޮޅަކަށްވެފައި ވަނިކޮށް، މަޖިލީހަށް ހުށަހެޅި ބިލެކެވެ. އެ މަޖިލީހުން އެބިލް އަވަސް އަރުވާލައިގެން ފާސްކޮށް، އެބިލް ތަސްދީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވުމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އަލުން އެބިލާ މެދު ވިސްނުމަށް، އަނބުރާ މަޖިލީހަށް ފޮނުވާލައްވާފަ އެވެ.

އެބިލް އަނބުރާ މަޖިލީހަށް ފޮނުވާލައްވަމުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާން، އިބްރާހިމް ހޫދު ވިދާޅުވެފައި ވަނީ، ފަނޑިޔާރުންނަށް އިނާޔަތް ދިނުމާ ބެހޭ ބިލް އަނބުރާ ފޮނުވާލައްވާފައިވަ ނީ އެބިލް ގާނޫނު އަސާސީއާ ފުށުއަރާތީ، އެބިލާ މެދު އަލުން ވިސްނެވުމަށެވެ.

ދައުލަތަށް މާލީ ބުރަ އުފުލަން ޖެހޭ ގޮތަށް އޮތް އެ ބިލް ފޮނުވާލީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމަށް ރައީސް ދެކެވަޑައިގަންނަވާތީ ކަމަށް ހޫދު ވިދާޅުވެފައި އެވެ.

ޝެއިހު މުހައްމަދު ރަޝީދު އިބްރާހީމަށް އިނާޔަތާއި އިމްތިޔާޒުތައް ލިބިދޭ ބިލް ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖލީހުން ފާސްކޮށްފައި ވަނީ، ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 25 މެމްބަރުންގެ އަގްލަބިއްޔަތުންނެވެ. އެބިލަށް ނުފެންނަ ކަމަށް 20 މެމްބަރަކު ވޯޓް ދެއްވި އިރު، ވަކި ގޮތަށް ވޯޓް ދެއްވަން ބޭނުން ނުވާ ދެ މެމްބަރުން ތިއްބެވި އެވެ.

ސަރުކާރު ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީން އެ ބިލު ފާސްކުރުމާ އޭރުވެސް ދެކޮޅު ހަމަދުން ދިޔަ އެވެ.

މިހާރު އަމަލު ކުރަމުންދާ އާ ގާނޫނު އަސާސީ އަށް އަމަލު ކުރުމުގެ ކުރިން، އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި ޝެއިހު މުހައްމަދު ރަޝީދު އިބްރާހީމަށް އިނާޔަތާއި އިމްތިޔާޒުތައް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގަނެ، އެބިލް ދިރާސާ ކުރުމަށް ވަގުތީ ކޮމިޓީއަކަށް ފޮނުވާފައި ވަނީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެ ޖަލްސާގަ އެވެ. ރައީސް މައުމޫނުގެ ސަރުކާރުން ގާއިމުކޮށްފައިވާ، އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖީލީހުގެ ރައީސްގެ މަގާމުގައި ވެސް ހުންނެވީ ޝެއިހު މުހައްމަދު ރަޝީދު އިބްރާހީމް އެވެ.

އެ ޖަލްސާއަށް ފަހު، ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީގެ ބައްދަލުވުމެއް އެންމެ 10 މިނެޓަށް ބޭއްވުމަށްފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، ހުށަހަޅާފައިވާ ގޮތަށް ވަގުތީ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ އެބިލް ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު އަދި ދާދި ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ރިޔާޒު ރަޝީދު އެވެ.

ފަނޑިޔާރުންގެ ގާނޫނަށް ރިޔާޒު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ކޮންމެ މީހަކަށާއި، އަދި ގާނޫނު އަސާސީގެ 285 ވަނަ މާއްދާގެ (ހ)ގެ ދަށުން އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަށް ހާއްސަ އިނާޔަތާއި އިމްތިޔާޒުތައް ދައުލަތުން ދޭން ޖެހޭނެ ކަމަށެވެ.

ޝެއިހު މުހައްމަދު ރަޝީދު އިބްރާހިމަކީ އާ ގާނޫނު އަސާސީ އަށް އަމަލު ކުރަން ފެށުމާއެކު ޝަރަފުވެރިކަމާއެކު އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ.
ހިޔާލު