BREAKING NEWS: Fandiyaaru Abdulla Didi aa medhu ehves fiyavalheh neylhumah amuru kohfi
image
ސްޕްރީމް ކޯޓުގެ ފަނޑިޔާރުން.-- ފޮޓޯ: ސްޕްރީމް ކޯޓް
6 ކޮމެންޓް
 

ދީދީގެ ސަސްޕެންޝަން ފަސްކޮށް، އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރު ކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ބޭއްވި ބައްދަލުވުމުގައި، ރިޝްވަތުގެ ތުހުމަތު ކުރެވިފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމި ނިންމުން ފަސްކުރުމަށް ދާދި ދެންމެއަކު ސްޕްރީމް ކޯޓުން އަމުރު ކޮށްފި އެވެ.
ސްޕްރީމް ކޯޓުން މީގެ އިރުކޮޅެއް ކުރިން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ، އިއްޔެ އިން ފެށިގެން ފަނޑިޔާރު ދީދީ މަގާމުގެ މައްސޫލިއްޔަތު ތަކާއި ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި އަދި ވަޒީފާ އަށް ނުނިކުމެ މަޑުކުރަން އެންގުމަށް ޖޭއެސްސީން ފާސްކުރި ނަމަވެސް އެ ނިންމުން ތަންފީޒު ކުރުމާއި އެ މައްސަލަ އާ ގުޅިގެން، ސްޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ޖޭއެސްސީން އެއްވެސް އިޖުރާއަތެއް އެއްވެސް ސިފައެއްގައި ކުރިއަށް ނުގެންދިއުމަށް އަންގާ އަމުރު ކުރާ ކަމަށެވެ.

އޭގެ އިތުރުން ޖޭއެސްސީން ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ނިންމާފައިވާ ނިންމުމާއި ގުޅިގެން އެ ފަނޑިޔާރުގެ މައްޗަށް އިތުރު އެއްވެސް ފިޔަވަޅެއް، ސްޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ނޭޅުމަށް ޖޭއެސްސީ އާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް ވެސް ސްޕްރީމް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.

ސްޕްރީމް ކޯޓުން އެ އަމުރު ނެރުނީ ޖޭއެސްސީގެ ނިންމުމާއި ގުޅިގެން ފަނޑިޔާރު ދީދީ އެ ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ބަލައިގަތުމަށް ނިންމުމަށް ފަހު އެވެ. ޖޭއެސްސީން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރުމާއި ގުޅިގެން، އެ ކޯޓަށް ފަނޑިޔާރު ދީދީ ހުށަހެޅި ދުސްތޫރީ މައްސަލާގައި ބުނެފައިވަނީ، އޭނާ އާ ދެކޮޅަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީ އަށް ހުށަހަޅާފައިވާ މައްސަލަ އަކީ ފަނޑިޔާރުންގެ ގާނޫނާއި، ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ އިތުރުން އާންމު ގާނޫނީ އުސޫލުތަކާ ހިލާފަށް ހުށަހެޅި މައްސަލައެއް ކަމަށެވެ.

އޭގެ އިތުރުން އެ މައްސަލަ ހުށަހަޅާފައިވަނީ ގާނޫނު އަސާސީގެ އަށް ވަނަ މާއްދާ އާއި 17 ވަނަ މާއްދާގެ (ހ) އާއި 20، 42 އަދި 43 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ)ގެ އިތުރުން 51 ވަނަ މާއްދާގެ (އ) އާ ހިލާފަށް، ގާނޫނު އަސާސީން ގަރާރުކޮށްފައިވާ ދުސްތޫރީ މަބްދައުތަކާއި އުސޫލުތަކުގެ ބޭރުން ޣައިރު ދުސްތޫރީ އިޖުރާއަތުތަކެއްގެ ދަށުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ވެސް ފަނޑިޔާރު ދީދީ ހުށަހެޅި މައްސަލާގައި ބުނެފައި ވެއެވެ.

އެހެންކަމުން ޖޭއެސްސީން އިއްޔެ ނިންމި ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމުގެ އިތުރުން އެ މައްސަލަ އަކީ އެ ހުށަހަޅާފައިވާ ގޮތަށް ޖޭއެސްސީ އަށް ބައިގަނެ، އެ ކޮމިޝަނުން ބަލައި، އޭގެ މައްޗަށް ގޮތް ނިންމައި، ފިޔަވަޅު އެޅޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް ވެސް ސްޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ އެ ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވެއެވެ.


ޖޭއެސްސީން އިއްޔެ ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެގެން ހުންނެވި ހަސަން ޒަހީން ވިދާޅުވެފައިވަނީ، ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރީ ރައީސް މުހައްމަދު ނަޝީދު އެ ކޮމިޝަނަށް ހުށަހެޅުއްވި މަސައްލައާ ގުޅިގެން ކަމަށެވެ.

ޒަހީން ވިދާޅުވީ ފަނޑުޔާރު ދީދީ ސަސްޕެންޑް ކުރި އިރު، އެ މައްސަލަ ފުލުހުން ވެސް ބަލަމުން އަންނަ ކަމަށެވެ. ފަނޑުޔާރު ދީދީ އާ ގުޅޭ ޖިނާއީ މައްސަލައެއް ފުލުހުން ބަލަމުން އަންނަ އިރު، އެފަދަ މައްސަލައެއް ޖޭއެސްސީ އަށް ހުށަހަޅައިފިނަމަ 48 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް އެ ކޮމިޝަނުގެ ގާނޫނުގައި ބުނާ ކަމަށް ވެސް ޒަހީން ވިދާޅުވި އެވެ.

"[ފަނޑުޔާރު ދީދީ ސަސްޕެންޑް ކުރަން ނިންމީ] މޯލްޑިވްސް ޕޮލިސް ސާވިސްގައި މިހާރު ބަލަމުންދާ ޖިނާއީ މައްސަލައަކާއި ގުޅިގެން، އެކަމާއި ގުޅިގެން ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން. އެއީ ކޮމިޝަނުގެ ގާނޫނުގަ އެބަ ބުނޭ 48 ގަޑިއިރުގެ ތެރޭގައި ކޮމިޝަނުން ވާނޭ، ތަހުގީގީ އެއްވެސް އިދާރާ އަކުން މައްސަލައެއް ބަލަމުންދާ ކަމުގައި ވަންޏާ އެކަމާއި މެދު ގޮތެއް ނިންމަން،" އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަހީން ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު ޖޭއެސްސީ އަށް ހުށަހެޅީ، ފަނޑިޔާރު ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރުގެ ނަމުގައި ނަމުގައި މެލޭޝިޔާގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް، ފަނޑިޔާރު ދީދީ އަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ފައިސާ ޖަމާކޮށްފައިވަނީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ދުވަސްވަރު އެވެ. ނަޝީދަށް ޖަލު ހުކުމް އިއްވެވި ފަނޑިޔާރުންގެ ބެންޗުގައި އަބްދުﷲ ދީދީ އިންނެވި އެވެ.

އެކަމަކު ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ އެއީ ދޮގު ވާހަކައެއް ކަމަށާއި، ޖިނާއީ ތުހުމަތެއް ކުރެވޭނީ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ކަމަށް ބުނެ، ބަޔާނެއް ނެރެފަ އެވެ.
ހިޔާލު

ގާއްޓެ

ރައްޔިތުން ނިކުމެ ތި ކޯޓް ތަޅާނުލަނީސް މައިތިރޭ

Falaah

ތިސުޕްރީމް ކޯޓަކީ ކިހާވަރެއްގެ ބައެއްތިބި ތަނެއްކަން މިޤައުމުގެ އެންމެ ކުޑަކުއްޖާއަށްވެސް މިހާރު އެބައިނގޭ. އެމީހުންގެ އަތުންލިޔެ އަމިއްލައަށް ސޮއިކޮށްފަނެރުނު އަމުރެއް ދެތިންދުވަސްފަހުން ދެފަނޑިޔާރަކު ވަގައްނެގުމުން އަނެއް ތިންފަނޑިޔާރުން ހަމައެޙުކުމް އެމީހުންގެ އަތުންވަކިބައިތަކެއް ބާތިލްކުރިބައެއް. މިވަރުގެ ބަޔަކަށް ސްޕްރީމް ކޯޓްގެ ފަނޑިޔާރުންނޭކިޔަން ލަދުގަނޭ، މަޤާމްގެ ދަހިވެތިކަމުގައި ޤައުމްގެ އަދުލްއިންސާފް ވެއްްޔާމޮޑެލަނީ

ކަޅު ހަސަނު

ބަރާބަރު. ގާތިލުއާއި ގާޒީ އަކީ ހަމަަައަހުރެން

ޢަލީ12

ދެން މުޅި ބެންޗް ދުއްވާލުންދޯ އޮތީ... ރައީސް ނަޝީދަކީ ސްޕްރީމް ކޯޓްދެކެ ޒާތީ ލޯބިވާ ފަރާތެއްކަމުގައި ބެލެވޭ...
ޢެމަނިކުފާނުގެ ވެރިކަމުގައިވެސް، ސްޕްރީމް ކޯޓުގަ ތަޅު އަޅުވަންވެސް ނިންމި....
ޕަވަރއެއް ހަމަ ލިބުމާއިއެކު ސްޕްރީމް ކޯޓާއި ޖެހިގަތީ....

ކަންކަން އިޞްލާޙު ކުރެވޭނީ އިޚްލާޞްތެރިކަން ހުރިނަމަ.. މިހާރު ތިޢަމަލުކުރައްވަނީ އިޚްލާޞްތެރިކަމާއި އިދިކޮޅަށް... މސޖިލީހުގެ ބޮޑު އަޣްލަބިއްޔަތެއް ލިބުމަކީ ފަނޑިޔާރުން ހަވަރަށް ދިނުމަށް ލިބުނު ލައިސަންސެއްނޫން...

މަޑުމައިތިރިކަމާއި އޯގާތރިކަން ބަހުން އެކަނި ދެއްކީމަ ވާގޮތުގެ ތަޖުރިބާ އޮތީ ވަޒަން ކުރެވިފައި ނޫންތޯ...؟

ލަތީފު

މީދެންކިހާދެރަކަމެއް މިގޮތައްއަމުރުތައްނެރޭތިނޫން މިކަންތަކުންއަރާނުގަނެވިގެން މިއުޅެނީ

ޢަލްކަބޯ

ތި އަމުރުގެ މުރާދަކީ ދިވެހިރާއްޖޭގައި ކޮރަޕްޝަން ހުއްދައޭތޯ!! ސުޕްރީމް ކޯޓްގައި ތިބޭ ގާޒީންނަކީ މަތިން ފައިބެފަ ތިބި ބައެއްތަ އަޅެ..! ގޯސް ކަމެއް ކުރީމަ އެ ތަހްގީގް ކޮށް ފިޔަވަޅު އެޅެން ވާނެ ގާޒީ އެއް ކަމުގައި ވިޔަސް. މުޅި ގައުމު ފަސާދަ ކޮށްފި ތި ސްޕްރީމް ކޯޓްގައި ތިބޭ ގާޒީން ..