Viheythaa 7 mas, Shiura dharifulhaa eku qaumee hidhumathugai!
image
އަންހެން ބާސްކެޓް ޓީމު ކުޅުދުއްފުއްޓަށް ފުރުމުގެ ކުރިން--
0 ކޮމެންޓް
 

ވިހޭތާ ހަތް މަސް، ޝިއުރާ ދަރިފުޅާއެކު ގައުމީ ހިދުމަތުގައި!

އައިމިނަތު ޝިއުރާއަކީ ކުޅިވަރުގެ ދާއިރާއިން ރާއްޖޭގައި ނަން މަޝްހޫރު ތަރިއެކެވެ.
ބާސްކެޓާއި ނެޓްބޯޅައިން ވިދާލި ޝިއުރާ ވަނީ 2017 ވަނަ އަހަރުގެ ތެރޭގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަސަދުﷲ އަބްދުﷲ އާ ކައިވެނިކޮށްފައެވެ. އެ ކައިވެންޏަށް މިހާރު ވަނީ ދަރިއަކު ވެސް ލިބިފަ އެވެ.

އެ ކުއްޖާ ލިބުނުތާ އަދި އެންމެ ހަތް މަސް ދުވަސްވީ ނަމަވެސް ޝިއުރާ މިވަނީ ދަރިފުޅު ގޮވައިގެން ގައުމީ ބާސްކެޓްބޯޅަ ޓީމާއެކު މަސައްކަތަށް ފުރާފަ އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ކުރި ފޭސްބުކް ޕޯސްޓެއްގައި ވަނީ ހަތް މަހުގެ ދަރިފުޅާއެކު ޝިއުރާ ގައުމީ ހިދުމަތުގައި ހުރި ކަމަށް ބުނެ ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށް ހދ. ކުޅުދުއްފުށީގައި ކުރިއަށް ގެންދާ އެ ކޭމްޕަށް ފުރުމުގެ ކުރިން ޓީމު ނަގާފައިވާ ފޮޓޯތަކެއް ވެސް ހިއްސާކުރި އެވެ.

އެ ފޮޓޯތަކުން ވެސް، ވިހެއުމަށް ފަހު، އަވަހަށް ފިޓުވުމަށްޓަކައި އޭނާ ކުރި މަސައްކަތް ވެސް ފެނެ އެވެ.

އެ ކޭމްޕަކީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ނޭޕާލުގައި ބާއްވަން ނިންމާފައިވާ ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ކޭމްޕެކެވެ.

ޝިއުރާ ވަނީ ރާއްޖޭގެ އެންމެ މޮޅު އަންހެން ކުޅިވަރު ކުޅުންތެރިޔާގެ މަގާމާއި ބާސްކެޓާއި ނެޓްބޯޅައިން ވެސް އަންހެން ބައިން އެވޯޑުތައް ހޯދާފަ އެވެ.

މީގެ ކުރިން ކައިވެންޏެއްކޮށް ޝިއުރާގެ ދަރިއަކު ވެސް ހުރެ އެވެ. އެކަމަކު މިއީ އައްސަދުﷲ ގެ ފުރަތަމަ ކައިވެންޏެވެ.
ކުޅިވަރު
ހިޔާލު