Libunu hamaekani dharifulhu niyaavee Quran hithu dhas kuranikoh
image
އަންޖުމް ނިޔާވުމަށް މެދުވެރިވި އެކްސިޑެންޓު ހިނގި ސަރަހައްދު -- ފޮޓޯ: ސަން
4 ކޮމެންޓް
 

ލިބުނު ހަމައެކަނި ދަރިފުޅު ނިޔާވީ ޤުރުއާން ހިތުދަސް ކުރަނިކޮށް

ހުޅުމާލޭގައި ދިރިއުޅޭ އާއިލާގެ މެމްބަރުންތަކަކާ ބައްދަލުކުރުމަށް ފަހު އައިމިނަތު އަހްމަދު އޭނާގެ 13 އަހަރުގެ އަންހެން ދަރިފުޅު ގޮވައިގެން މާލެއަށް ދިއުމަށް ސައިކަލް ދަތުރުފެށީ މިއީ އޭނާގެ ދަރިފުޅުގެ އެންމެ ފަހު ދަތުރުކަމަށް ބަލައިގެނެއް ނޫނެވެ. އައިމިނަތުގެ ދަރިފުޅު، ފާތިމަތު އަންޖުމް ޝަފީގަކީ ކައިވެންޏަށް އެތައް އަހަރެއް ފަހުން ލިބުނު ހަމައެކަނި ދަރިފުޅެވެ. އެހެންކަމުން އަންޖުމް އަކީ އައިމިނަތުގެ އަމިއްލަ ނަފްސަށް ސަމާލުވާ ފަދައިން ސަމާލްވާ ކުއްޖެކެވެ. އަންޖުމް އަކީ އައިމިނަތުގެ ފުރާނަ ކަމަށް އޭނާ ގަބޫލުކުރެ އެވެ.
ހުޅުމާލެއިން ހައިވޭއާ ގުޅިފައިވާ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި ހަބަރު ލިބިގެން ދިޔައީ ރޭ 11:10 ހާއިރު އެވެ. އައިމިނަތު އާއި އަންޖުމް ސައިކަލެއްގައި ދަނިކޮށް ފަހަތުން އައި އެމްޓީސީސީގެ ބަހަކުން މި ދެމައިން ދަތުރުކުރަމުން ދިޔަ ސައިކަލްގައި ޖެހުމާ އެކު އަންޖުމް ވަރަށް ދުރަށް ވިއްސައިގެން ދިޔަ އެވެ. ރައްކާތެރިކަމަށްޓަކައި ބޮލުގައި އަޅާފައި އޮތް ހެލްމެޓު ވެސް ހަލާކުވެ އެ ވެސް އޮތީ އެ މީހުން ވެއްޓިފައި އޮތް ސަރަހައްދާ މާދުރުގަ އެވެ.

މިއެކްސިޑެންޓް ހިނގިތާ މާގިނައިރުތަކެއް ނުވަނީސް އަންޖުމްއަށް ފަރުވާ ދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް އެކުއްޖާ އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ބުނެ އެވެ.

އައިމިނަތަށް އެވަގުތު ފަރުވާ ދެމުން ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލްގަ އެވެ. ނަމަވެސް އޭނާއަށް ޖިސްމާނީ ގޮތުން ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ. އެކަމަކު އުމުރުން 40 އަހަރަށް ވުރެ ދުވަސްވީ ފަހުން އައިމިނަތަށް ލިބުނު ހަމައެކަނި ދަރިފުޅު ނިޔާވި ހަބަރާ އެކު އޭނާއަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑެތި އަސަރުތަކެއް ކޮށްފަ އެވެ.

އެކްސިޑެންޓުގެ މަންޒަރު ދުށް ބައެއް މީހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ބަހުގައި ޖެހި ބަޔަކު އެކްސިޑެންޓުވިކަން ބަސް ދުއްވި ޑްރައިވަރަކަށް ނޭނގެ އެވެ. އެހެންވެ ބަސް ނުހުއްޓާ ދުއްވާފައި ދަނިކޮށް ފުލުހުން ގޮސް ބަސް ހިފެހެއްޓީ އެކްސިޑެންޓް ހިނގި ސަރަހައްދާ 100 ވަރަކަށް ފޫޓު ދުރުންނެވެ. އެކަމަކު ބައެއް މީހުން ބުނާ ގޮތުގައި ބަހުގައި ވެހިކަލެއް ޖެހޭއިރު ބަސް ދުއްވަން އިން ޑްރައިވަރަށް އެއަޑު އިވޭނެ އެވެ. އެހެންކަމުން މިއީ ބަސް ދުއްވަން އިން މީހާ، އެކްސިޑެންޓުވުމާއެކު ފިލަން މަސައްކަތްކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށްވެސް ބައެެއް މީހުން ބުނެ އެވެ. އެކަމަކު ޑްރައިވަރާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގެ ހަގީގަތް އެނގޭނީ އޭނާ ނުވަތަ ކަމާގުޅޭ އިދާރާތަކުން އެ މައުލޫމާތު ހާމަކުރުމުންނެވެ.

ގދ. ނަޑެއްލާއަށް ނިސްބަތްވާ އައިމިނަތު، ކ. ތުލުސްދޫ މީހަކާ ކައިވެނިކޮށްގެން ލިބިފައިވާ ހަމައެކަނި ދަރިފުޅު އަންޖުމްއަކީ ކީރިތި ޤުރުއާން ހިތު ދަސްކޮށްފައިވާ އަހްލާގު ރަނގަޅު ކުއްޖަކަށް ހެދުމަކީ މިދެމަފިރިންގެ އެންމެ ބޮޑު ހުވަފެނެވެ. މައިންބަފައިންގެ ހުވަފެން ހަގީގަތަށް ހެދުމަށްޓަކައި އަންޖުމް އައީ ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އާއިލާގެ ބައެއް މީހުން ބުނާ ގޮތުގައި އަންޖުމް ނިޔާވިއިރު އޭނާ ވަނީ ޤުރުއާނުގެ ބޮޑު ބައެއް ހިތުދަސްކޮށްފަ އެވެ.

ޖަމާލުއްދީން ސްކޫލުގެ ގްރޭޑު ހަތެއްގައި ކިޔަވަމުން ދިޔަ އަންޖުމްއަކީ ކިޔެވުމަށް ވަރަށް މޮޅު ކުއްޖެކެވެ. އަންޖުމްގެ މަންމަގެ އުފަން ރަށް، ނަޑެއްލާއަށް އޭނާ އެންމެ ފަހުން ދިޔައީ މީގެ ދެއަހަރެއްހާ ދުވަސްކުރިން ޗުއްޓީއެއްގަ އެވެ. ލޯބިވާ އާއިލާ އާއި މާމަ ދެކިލުމަށް މަންމާއެކު އަންޖުމް އެ ދަތުރުކުރިއިރު އޭނާ މަރުވި ހަބަރާއެކު މުޅި އާއިލާ އޮތީ ފުން ހިތާމައެއްގަ އެވެ. ދެރައީ އޭނާގެ މޫނު އެންމެ ފަހު ފަހަރަށް ބަލާލުމުގެ ފުރުސަތު ވެސް ރަށުގައި ތިބި މާމަ އާއި އާއިލާ މެމްބަރުންނަށް ލިބިފައި ނުވުމެވެ.

މިހާރު އަންޖުމްގެ މޫނު ދެއްކުމުގެ ކަންތައްތައް ކުރިއަށްދާއިރު އޭނާގެ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލޭ ވަގުތީ މިސްކިތުގަ އެވެ. އާއިލާގެ ހިތަމައިގައި ބައިވެރިވެ ކުއްޖާގެ ކަށުނަމާދުގައި ބައިވެރިވުމަކީ އާއިލާގެ ބޮޑު އުދުމެކެވެ.
މަރު އެކްސިޑެންޓް
ހިޔާލު

މާމެންދޫ ރަ އްޔިތުން

އާމިނަތު ދީދީ އަކީ މިރަށާ އިވެސް ވަރަށް ގުޅުންހުރި ވަރަށް ގިނަދުވަހު މިރަށުގައި އުޅުނު ވަރަށް ގާތް އުޚުތެކެވެ.
އާމިނަދީ އަށް ލިބުނު ތަހަ އްމަލުކުރަން ދަތި ބޮޑު ހިތާމައިގައި މިރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވަމެވެ. އަދި މައުސޫމް ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި....

ސސ

* إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
* اَللَّهُمَّ اغْفِرْ لَه وَارْحَمْهُ
* اَللَّهُمَّ ثَبِّتْهُ عِنْدَ السُّؤَالِ فِي الْقَبْرِ وَيَوْمِ الْقِيَامَةِ
* آمين

ނަބީލް

ކުއްޖާގެ އާއިލާ އަށް ކެއްތެރިކަން ދެއްވާންދޭވެ. ޢަދި ކުއްޖާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވާންދޭވެ. އާމީން

މޯލްޑިވިޔަން ޕެޓްރޮއިޓް

ހިތް ފަޅައިގެން ހިގައްޖެ މި ހަބަރު ކިޔުމުން. ﷲ އޭނާއަށް ސުވަރުގޭގެ މަތިވެރި ނުއުމަތްދެއްވާންދޭ. ފުލުހުންނަށް ބުނެލަން އޮތީ މަގުތަށް ޓެރަރައިޒް ކުރަމުން ދާފަރާތްތަކާދެތެރޭ ފިޔަވަޅުނޭޅި ދަނީ ކީވެބާ؟ އަހަރެން ތިޔަ ބުރިޖަށްނާރަން އަހަރެންގެ ދަރިގޮވައިގެން. ކީއްވޭ؟ އެއީ އެމަގުތަކުގައި ރަސްކަންކުރަނީ ބާރަށްދުއްވާ ޓެރެރިސްޓުންނަށްވީމައި.