2018 kulli sihumeh: Simenthi Basthaa Vehti Kujjaku Niyaavun
image
ރައުޝަން ޖިއާން
0 ކޮމެންޓް
 

2018 ކުއްލި ސިހުމެއް: ސިމެންތި ބަސްތާ ވެއްޓި ކުއްޖަކު ނިޔާވުން

އެއީ މީގެ ދެ ހަފުތާ ކުރިއެވެ. މ. ނަލަހިޔާމަންޒިލުގެ ފަސް ވަނަ ފަންގިފިލާގައި މަސައްކަތް ކުރަމުން ދަނިކޮށް ވެއްޓުނު ސިމެންތި ބަސްތާއެއް ދަށުވެ އުމުރުން އެންމެ ނުވަ އަހަރުގެ ރައުޝަން ޖިއާން މަރުވި ހަބަރުވީ މުޅި ރާއްޖެއަށް ސިހުން ގެނުވި ހަބަރަކަށެވެ. muni
ބަންގުލަދޭޝަށް ނިސްބަތްވާ ރައުޝަން ޖިއާނަކީ ފ. އަތޮޅުގެ ރަށެއްގައި މަސައްކަތް ކުރި ޑޮކްޓަރެއްގެ ދަރިއެކެވެ. މައިންބަފައިންނާއެކު ޖިއާން މާލެ އައި ވިސާގެ ކަމެއް ގައެވެ. އެކަމަކު، އިމާރާތުގެ މަތިން ވެއްޓުނު ސިމެންތި ބަސްތާގެ ދަށުވެ އޭނާގެ ހަށިގަނޑަށް ލިބުނު އަނިޔާތަކުގައި ފަރުވާ ހޯދަމުން ދަނިކޮށް ޖިއާން މަރުވެފައި ވަނީ މިމަހުގެ 17 ވަނަ ދުވަހެވެ. ޖިއާންގެ ކުއްލި މަރާއެކު އޭނާގެ މައިންބަފައިން ވަނީ އިތުރަށް ރާއްޖޭގައި މަޑު ނުކޮށް ދަރިފުޅުގެ ހަށިގަނޑާއެކު ބަންގާޅަށް ފުރާފައެވެ.

ޖިއާންގެ މައިންބަފައިންނަށް ރާއްޖޭގައި ކުރެވުނު ހިތި ތަޖުރިބާއާއެކު ފުރައިގެން ބަންގާޅަށް ދިޔައިރު އެ މަރަކީ ދިވެހިން 'ހޭލައްވާލި' މަރެކެވެ. ކޮންސްޓްރަކްޝަން ދާއިރާގައި ދޯދިޔާކަން ސަރުކާރުގެ ސަމާލުކަމަށް އައި މަރެއް ވެސް މެއެވެ. ކުއްޖާގެ މަރާއެކު މާލޭގެ ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތީ ކަންކަން ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަމުރު ކުރެއްވިއެވެ. އަދި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވެސް ވަނީ އެކުއްޖާގެ މަރުގެ މައްސަލަ ބަލައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ވިދާޅުވެފައެވެ.

ފޭވްމަންޓް މަަތިން ހިނގާފައި ދަނިކޮށް ރައުޝަން ޖިއާންގެ ބޯމައްޗަށް ސިމެންތި ބަސްތާ ވެއްޓުނު ސައިޓުގައި މަސައްކަތް ކުރިއަށްދާކަން އަންގައިދޭ ބޯޑެއް ހަރުކުރެވިފައި ނުވާއިރު އެއީ މާލޭގެ ގިނަ ސައިޓުތަކުގެ ހާލަތު ހުރި ގޮތެވެ. އެފަދަ ކަންކަން އާދައިގެ ކަންކަމުގެ ގޮތުގައި ދޫކޮށްލެވުމުގެ ނަތީޖާއަކީ މަރުގެ އެތިފަހަރަކުން މީހުން ސަލާމަތް ވަނީ ހަމަ ކިރިޔާއެވެ.

އެ ހިތާމަވެރި ހާދިސާ ހިނގާފައި ވަނީ ވެސް އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތަށް ނުހަދާ އިމާރާތް ކުރުމުގެ ހުއްދަ ދީގެން އެމަސައްކަތް ކުރަމުން ދަނިކޮށެވެ. 2014 ވަނަ އަހަރު ވުޖޫދަށް އައި އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ޖުމްލަ 14 ގަވައިދެއް ހަދަން ޖެހެއެވެ. އެކަމަކު މިހާތަނަށް އެ ގަވައިދުތައް ހެދިފައެއް ނުވެއެވެ. އެ ސަބަބާއި ހުރެ މާލޭގައި އިމާރާތް ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ވަކީލުންތަކެއް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އަދި މާލޭގައި ވަގުތީ ގޮތުން އިމާރާތް ކުރުން މާލޭ ސިޓީ ކައުންސިލުން ހުއްޓުވި އެވެ.

ހުޅުމާލެ އާއި ވިލިމާލެ ހިމެނޭހެން މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރިއަށްދާ 473 ސައިޓެއް އެބަހުއްޓެވެ. މީގެ ދުވަސްތަކެއް ކުރިން އެތަންތަނުގެ ސަލާމަތީ ކަންކަން ހުރި ނެތް ގޮތް ބެލުމަށް ކަމާއި ގުޅުން ހުރި އިދާރާތަކުން ނުކުމެފައިވާއިރު އެތަންތަނަށް ކުރެވުނު ޒިޔާރާތަށް ފަހު 17 ސައިޓެއްގައި ސަލާމަތީ ފިޔަވަޅު އަޅާފައި ނުވާތީ އެތަން ތަނުގެ މަސައްކަތް ވަގުން ހުއްޓުވިއެވެ.

ސައިޓުތަކަށް ކުރެވުނު ޒިޔާރާތުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވުނު މައްސަލަ ތަކުގެ ތެރޭގައި މަގުމަތީގައި އެއްޗެހި ބަހައްޓާއިރު ބޯޑު ނުވަތަ ހުއްދަ ނުނަގާ އެމަސައްކަތް ކުރުން ހިމެނެއެވެ. އަދި ހިނގާ މީހުންނަށް ރައްކާތެރިކަމެއް ނެތް ފަދަ ގޮތަކަށް މަސައްކަތް ކުރި ތަންތަން ވެސް ފާހަގަކުރެވިފައިވާއިރު އެފަދަ ކަންކަން އިސްލާހު ކުރުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ ސައިޓުތަކަށް އިލްތިމާސްކޮށްފައެވެ.

ރައުޝަންގެ މަރާއެކު އާއްމުންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ބަންޑުންކޮށްލިއެވެ. ސަލާމަތީ ފިޔަވަޅު ނާޅާއި މަސައްކަތް ކުރާ ތަންތަނުގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ހިއްސާ ކުރަން ފެށުނެވެ. އެގޮތުން ދިހަ ބާރަ ބުރިއަށް އިމާރާތް ކުރަމުންދާ އިމާރާތްތަކުގައި ފުރާނަ އަތް މައްޗަށް ލައިގެން މަސައްކަތް ކުރަމުން ދިޔަ މަންޒަރު ފެންނަ ފޮޓޯތައް ހިމެނެއެވެ.

ސައިޓުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ފުރާނައެއް ދިއުމުން ނުވަތަ މީހަކަށް ބޮޑު އަނިޔާއެއް ލިބުން ކުރަން ޖެހޭ ކަމެއްގެ ބަދަލަގައި އެއީ ދާއިމީ ގޮތެއްގައި ކުރަން ވެއްޖެ ކަމެކެވެ. ހަމައެކަނި ކޮންސްޓްރަކްޝަން ސައިޓުތަކާއި ހަމައިން ވެސް މިއަދު މިކަން ނިންމާލެވެން ނެތެވެ. ގޭގޭގެ ބެލްކަނިތަކާއި ޓެރަހުގައި މަގުމައްޗަށް ވާހެން ބަހައްޓާފައި ހުންނަ ޕޮޓު ފަދަ ތަކެއްޗަކީ ވެސް ބޮޑު ނުރައްކަލެކެވެ. އަދި ބާވެ ދަނބަރަށް ޖަހާފައި ހުރި އެއާ ކޮންޑިޝަން ޔުނިޓުތަކަކީ ބޮޑު ނުރައްކަލަކެވެ.

މިކަންކަން ބެލެއްޓުމަށް ގަވައިދުތަކެއް ހެދިފައިވީނަމަވެސް އެފަދަ މައްސަލަތަކަށް އެކަށީގެންވާ ފިޔަވަޅެއް މިހާތަނަށް އަޅާފައެއް ނުވެއެވެ. ނަތީޖާއަކީ އެފަދަ އަމަލުތައް ކުރާ ފަރާތްތަކަށް އެއީ ބޮޑު ކަމަކަށް ނުވުމެވެ. ފުރާނައެއް ގެއްލުމުގެ ކުރިން އެފަދަ ކަންކަމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ފަށައިފިނަމަ އިހުމާލުވާ ފަރާތްތަކުން އެފަދަ އަމަލުތަކާއި ދުރުވުމުގެ ފުރުސަތު ބޮޑެވެ.
ހިޔާލު