Doctorun hoadhumah Cuba ge ehee hoadhanee
image
ސްވިޒަލޭންޑްގެ ޖެނީވާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ކިއުބާގެ ޕަބްލިކް ހެލްތު މިނިސްޓަރު ރ. ހޯޒޭ އެންޖަލް ޕޯޓަލް މިރަންޑާ އެއްބަސްވުމުގައި ސޮއިކުރައްވި ހަފްލާގެ ތެރެއިން -- ފޮޓޯ: ހެލްތު މިނިސްޓްރީ
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ޑޮކްޓަރުން ހޯދުމަށް ކިއުބާއާއެކު ހެލްތު މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޑޮކްޓަރުން ރެކްރޫޓް ކުރުމާއި އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ އިތުރުން ބޭހާއި ކާބޯތަކެތި ޓެސްޓް ކުރުމަށް ހެލްތު މިނިސްޓްރީން ކިއުބާގެ ޕަބްލިކް ހެލްތާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ "ވޯލްޑް ހެލްތު އެސެމްބްލީ" ގެ ދެ ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ކިއުބާގެ ޕަބްލިކް ހެލްތު މިނިސްޓަރު ރ. ހޯޒޭ އެންޖަލް ޕޯޓަލް މިރަންޑާ އެވެ.

އެއްބަސްވުމުގެ ދަށުން މައިކްރޯ ބަޔޮލޮޖިކަލް ޓެސްޓްތަކާއި ކެމިކަލް އަދި އެންވަޔަރަމެންޓަލް ލެބޯޓަރީ ޓެސްޓްތަކުގެ ހިދުމަތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެއްބަސްވެފައިވެއެވެ.

އެ ބައްދަލުކުރެއްވުމުގެ ތެރެއިން މިނިސްޓަރު އަމީން ވަނީ ރާއްޖޭގެ ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އިތުރު ޓްރެއިނިންގެ ފުރުސަތުތައް ހޯދައިދެއްވުމަށް ކިއުބާގެ ޕަބްލިކް ހެލްތު މިނިސްޓަރުގެ ކިބައިން އެދިވަޑައިގެންފައެވެ.

އޭގެ އިތުރުން އެ ބައްދަލުކުރެއްވުމުގައި ޑޮކްޓަރުންނާއި ނަރުހުންނަށް ސްޕެޝަލައިޒޭޝަން ތަމްރީން ޕްރޮގްރާމްތަކުގެ ފުރުސަތު ހޯދައިދިނުމާއި ގުޅިގެން ވެސް މަޝްވަރާކުރި އެވެ.

ހެލްތު މިނިސްޓަރުގެ އިތުރުން އެ ބައްދަލުކުރެއްވުމުގައި ވަނީ ޖެނީވާގައި ހުންނަވާ ރާއްޖޭގެ މިޝަންގެ ދާއިމީ މަންދޫބު ޑރ. ހާލާ ހަމީދާއި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން ޖެނީވާ މިޝަންގެ އިސް މުވައްޒަފުން ނެވެ.
ހިޔާލު