Kaaroo baaroo bodu Male: Govan thayyaru vefa oiy bomeh!
image
އެހާރާއި މިހާރުގެ މާލެ--
3 ކޮމެންޓް
 

ކާރޫބާރޫ ބޮޑު މާލެ: ގޮވަން ތައްޔާރުވެފައި އޮތް ބޮމެއް!

މާލެއަކީ ކާރޫ ބާރު ބޮޑު، ތޮއްޖެހިފައިވާ ތަނެކެވެ. ކުޑަކުޑަ ބިންކޮޅެއްގައި އެތައް ހާސް ބަޔަކު އުޅޭއިރު، އެބިންކޮޅަށް ނުކަތާ ވަރަށް އިންޖީނުލީ ވެހިކަލްތައް ވެސް އޮވެ އެވެ. ދުވަހަކަށް ވުރެ ދުވަހެއް، އާބާދީ އާއި އުޅަނދު އަދިވެސް ދަނީ އިތުރުވަމުންނެވެ.
ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް އިން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ނިޔަލަށް ގާތްގަނޑަކަށް 90،000 ސައިކަލު ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ. ރަޖިސްޓްރީ ކޮށްފައިވާ 108،532 އުޅަނދުގެ ތެރެއިން 83 އިންސައްތަ އަކީ ސައިކަލެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ރަޖިސްޓްރީ ކުރި 108،532 އުޅަނދަކީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު 11 އިންސައްތައިގެ އިތުރުވުމެކެވެ. އެ އަހަރުގެ ނިޔަލަށް ރަޖިސްޓްރީ ކުރީ 97،213 އުޅަނދެވެ. މިދިޔަ އަހަރު އެކަނިވެސް މުޅިން އަލަށް 11،319 އުޅަނދު ރަސްޖިސްޓްރީ ކުރި އެވެ.

އެއްވެސް ހިފެހެއްޓުމެއް ނެތި އަހަރުން އަހަރަށް އުޅަނދުތަކުގެ އަދަދު އިތުރުވަމުންދާއިރު، މިގޮތަށް ކުރިއަށްދާ ނަމަ، މާލޭގައި ދިރިއުން ވެގެން ދާނީ މިހާރަށް ވުރެ ވެސް ބޮޑު ބުރައަކަށެވެ. ތޮއްޖެހުމުގެ އިތުރުން، ޓްރެފިކް މައްސަލަތަކާއި އެކްސިޑެންޓުތައް އިތުރުވާނެ އެވެ. އުޅަނދުތަކުން ބޭރު ކުރާ ދުމުން ސިއްހީ އެތައް މައްސަލައެއް ވެސް ދިމާވާނެ އެވެ.

މިއަހަރުގެ ބައިނަލްއަގްވާމީ ތިމާވެށީގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، އެކަމާއި މެދު ވިސްނާލުން މުހިއްމެވެ. މިއަދު ޝިއާރަކީ "ބީޓް އެއާ ޕޮލިއުޝަން" ނުވަތަ ވައި ތަގައްޔަރުވުން ހުއްޓުވުމެވެ. ރާއްޖޭގައި ވައި ތަގައްޔަރުވުން ހުއްޓުވުމަށް އެންމެ އަވަހަށް ކުރަން ޖެހިފައިވާ ކަމަކީ ވެހިކަލްތަކުގެ މައްސަލައަށް ހައްލު ގެނައުންކަމާ މެދު ޝައްކެއް ނެތެވެ.

ވެހިކަލް ލިމިޓް ކުރުމުގެ ވާހަކައަކީ ދޭތެރެ ދޭތެރެއިން ދައްކަމުންދާ ވާހަކަ އެކެވެ. އެ މައްސަލައާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުން އަދި މާލެ ސިޓީ ކައުންސިލުން ކުރާ މަޝްވަރާތަކުގައި ވެސް ވެހިކަލް ލިމިޓު ކުރުމުގެ ވާހަކަ ދެކެވިފައި ވެއެވެ.

އެކަމަކު ވެހިކަލް ލިމިޓް ކުރެވޭނީ ޕަބްލިކް ޓްރާންސްޕޯޓްގެ ނިޒާމު މިހާރަށް ވުރެ ވަރުގަދަކޮށްގެން ކަމަށް އެ ފަރާތްތަކުން ދެކެ އެވެ. މާލެ ސިޓީ ކައުންސިލުން ވެސް ބުނެފައި ވަނީ ވެހިކަލް ލިމިޓް ކުރުމަކީ ކުރާނެ ކަމެއް ކަމަށެވެ. އެކަމަކު އެކަން ކުރާނެ ގޮތެއް ކައުންސިލުން އަދި ހާމައެއް ނުކުރެ އެވެ.

"އެހެން ގިނަ ކަންކަމަށްވުރެ ބޮޑަށް ވައި ތަގައްޔަރުވުމުގެ ސަބަބުން މަރުވާ މީހުން އަދަދު ގިނަ. ވައި ތަގައްޔަރުވުމަކީ ހިމޭން ގާތިލެއް. މާލެ ކަހަލަ ތޮއްޖެހިފައިވާ ސިޓީތަކާއި ޓްރެފިކް ބޮޑު ސަރަހައްދުތަކަކީ ވައި ތަގައްޔަރުވުމުގެ މައި ދޮރާށި...،" ސިޓީ ކައުންސިލް ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވި އެވެ.


މާލެ ސިޓީ ކައުންސިލުން އިއްޔެގެ ހަވީރުގެ ވަގުތަކީ މާލޭގައި ހިނގާފައިި އުޅޭ ވަގުތެއްގެ ގޮތުގައި ހަމަޖެއްސި އެވެ. މޫސުން ގޯސް ކަމަށް ބުނެ، ބައެއް މީހުންގެ ފާޑުކިޔުން އެ ނިންމުމަށް އަމާޒުވި އެވެ. އެކަމަކު އެ ދެގަޑިއިރުގެ ތެރޭގައި މަގުމަތީގައި ވެހިކަލް ނުދުއްވުމުގެ ހެޔޮ ފައިދާ އެންމެންނަށް ވެސް ލިބުނެވެ.

ވެހިކަލް މަދުވުމުން ހުރިހާ އުމުރެއްގެ މީހުން ވެސް ބިރެއް ނެތި މަގުމަތީގައި ހިނގާފައި އުޅުނު މަންޒަރު ފެނުނެވެ. ހުރިހާ އެންމެން ހިނގާ އުޅުމަށް އެކަށޭނަ ޖާގަ ވެސް އޮތެވެ. އެއް ސައިކަލު ނެއްޓި، އަނެއް ސައިކަލުން ނެއްޓެން އުޅޭކަން، އަދި އެކަމާ ވިސްނާކަށް ވެސް ނުޖެހުނެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ އެފަދަ ދުވަސްތައް ގިނަގިނައިން ބާއްވަން ސިޓީ ކައުންސިލުން ވިސްނާ ކަމަށެވެ.


ރާއްޖޭގައި އެންމެ ފުރަތަމަ ހިނގާފައި އުޅޭ ދުވަހެއް ފާހަގަ ކުރީ 5 ޖޫން 1988 ގައެވެ. އޭރު މާލޭގެ ހާލަތު އޮތް ގޮތާ މިހާރު މާލެ ބަދަލުވެފައި އޮތް ގޮތް ވަރަށް ތަފާތެވެ. މިއަދު ކުރިމަތިލާން ޖެހޭ ހަގީގަތަކީ މާލޭގެ ޓްރެފިކް މައްސަލަ ހައްލު ކުރުމަށް އަވަސް ފިޔަވަޅު ނާޅާ ނަމަ، އަވަސް މުސްތަގްބަލެއްގައި މި ސިޓީގެ ކަންކަން އަތްނުފޯރާ ފަށަށް ހިނގައިދާނެ ކަމެވެ.

ހިޔާލު

އަހުމަމު

މި ޤައުމުގައި އެތެރެކުރާއެއްވެސް އުޅދެއްބލެއްނުވޭ ނައްތައެއްނުލެވޭ އަމިއްލައަށް ފަނާވެދަންދެން އެ އެއެޗެއް ހުންނަނީ. ވިމާ ވަކި އުމުރެއްދީފަ. ނައްތާލަބަަލަ.

އިންދިރާސް

ދުނިޔޭގަ ބަޔަކު އެއްޗެކޭ ކިޔަންފަށާއިރަށް އެގޮވެލިފަތި ގޮވަންފަށާނެ މިމީހުން. ވައި ތަގައްޔަރުވެގެން މައްސަލައަކަށް ވެގެން އުޅެނީ ދުނިޔޭގެ ބޮޑެތި ބޯޓުދެލި އަންދާ އެތައްހާސް ބޮޑެތި ފެކްޓަރީތައް ހިންގާ، އެތައްމިލިއަން އުޅަނދު ދުއްވާ މާސިންގާ ބޮޑެތި ސިޓީތައް. މިތަނަކީ ކިލޯމީޓަރެެއް ހަމަނުވާތަނެއް، ދުންއަރާކަހަލަ އެއްވެސް މަސައްކަތެއް ކުރާތަނެއްނޫން، ކަނޑުމަތިން 40 މޭލުގަ އަންނަ ވައިރޯޅި އެއްކޮޅުން ވަދެގެން އަނެއްކޮޅުން ގޮސްގޮސް ހުންނަ ތަނެއް. ދެން ކޮން ވައި ތަގައްޔަރެއްތަ.

ޖައުފަރުބެ

ގޮވަންތައްޔާރުވެފަ އޮތް ބޮކަސް، އަޑިއަށްދާ ކައިރިވެފަ އޮތް ދޯންޏަކަސް މާލޭގެ ތޮއްޖެއްސުމަށް ނިމުނެއްނެތެވެ. މާލޭގަ އުޅޭ މަހުޖަނުންގެ ވިޔަފާރި ދައްވެލާފާނެތީ ހަމަ ގަސްތުގައި ރާއްޖޭގެ އެހެންތަނެއް ތަރައްޤީވިޔަ ނުދެނީ ހުރިހާ ސަރުކާރަކުންވެސް. ޢެހެންވެ މާލެފުރުނީމަ މޮޅުނަންނަމުގަ ބޮޑެތި ލޯނުނަގާގެން، ވިލިމާލެއަކާ ހުޅުމާލެއަކާ، ގުޅިމާލެއެއް ހިއްކައިގެންވެސް ރާއްޖެތެރޭމީހުން އަޅުވެތިކުރެވޭތޯ ހިންގާ ބޮޑު ޖަރީމާއެއްމީ.