Nagulandhaashi ufahdhaafa vanee kashi jahan, eythi kashi jahaane: MP Ibrahim Rasheed
image
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑާ)--
0 ކޮމެންޓް
 

ނަގުލަންދާށި އުފައްދާފައި ވަނީ ކަށި ޖަހަން، އޭތި ކަށި ޖަހާނެ: މެމްބަރު އިބްރާހިމް ރަޝީދު

ނަގުލަންދާށި އުފައްދާފައި ވަނީ ކަށި ޖަހަން ކަމަށާއި އޭތި ކަށި ޖަހާނެ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު، ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ބޮންޑާ ވިދާޅުވީ މިބިލް ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ އިހުލާސްތެރިކަމާއެކު ހުށަހަޅާފައިވާ ބިލެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ. އެބިލަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެވޭ މާލީ އެހީ ބޮޑު ކުރަން ހުށަހަޅާފައިވާ ބިލެއް ކަމަށާއި އެއީ ކޮން މަގްސަދެއްގައި ހުށަހަޅާފައިވާ ބިލެއްތޯ ސާފުވާން ޖެހޭ ކަމަށެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން ބޮންޑާ ވިދާޅުވީ ހަތެއް ފެބްރުއަރީ 2012 ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމުގައި އެންމެ އިސްކޮށް ހުންނަވައި "އެއްވެސް ޝަރުތެއް ނެތި އިސްތިއުފާ ދެއްވުމަށް" ގޮވާލެއްވި ބޭފުޅަކު، އަދި އެދުވަހާ ޖެހިގެން އައި ދުވަހު ދިވެހި އެތައް ރައްޔިތުންނަށް އަނިޔާދީ، ނުކުޅެދޭ ހާލަތަށް "ދުއްވާލި" މީހަކު، އިހުލާސްތެރިކަމާއެކު މިފަދަ ބިލެއް ހުށަހަޅުއްވާނެ ކަމަށް ގަބޫލު ކުރަން ދަތި ކަމަށެވެ.

"އަނެއްކާވެސް މިރޭވެނީ ބަގާވާތެއް. ފިތުނައެއް އުފައްދައިގެން، މީގެން ވެސް ކޮންމެވެސް އެއްޗެއް ނެރެވޭތޯ އެ މަސައްކަތް ކުރަނީ،" ބޮންޑާ ވިދާޅުވި އެވެ.

ބޮންޑާ ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މާލީ އިނާޔަތް ބޮޑު ކުރަން ނިމިދިޔަ މަޖިލީހަށް ކުރީގެ ސަރުކާރުގެ ދުވަސްވަރު ހުށަހެޅުމުން، ސަރުކާރުން ބޭނުން ގޮތަކަށް ގާނޫނުތައް ބަދަލުކޮށްގެން، އެ ބިލް ބޭރުކޮށްލި ކަމަށެވެ. އަދި ނިކަމެތިން އިތުރަށް ނިކަމެތިކޮށްލައި، މުޅި ދައުލަތް ވެސް ބަނގުރޫޓް ކޮށްލާފައިވާ ކަމަށެވެ.

"ކޯލިޝަން މަގާމު ހޯދަން ވީމަ. ކޯލިޝަން ލާރި އަނބުރާ ހޯދަންވީމަ. މިއީ ކޮން ކަހަލަ ކޯލިޝަނެއް ތޯ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިސްނަވާ، މީ ކޮން ވަތަރެއްގެ ކޯލިޝަނެއްތޯ. ހަމަ އެއްޗެއް ބޭނުންވާއިރަށް ކޯލިޝަން. ދެން ހަމަ ވެރިކަން ބަދަލުވީމާ އޭތި މީތި ހަދައިގެން، މުޅި ތަނުގައި ފިތުނަ ފަތުރައިގެން މިކަމެއް ނުކުރެވޭނެ. މިމީހުންނެއް ރަނގަޅެއް ނުވާނެ. ނަގުލަންދާށި އުފައްދާފައި ވަނީ ކަށިޖަހަން، އޭތި ޖަހާނެ ކަށި،" ބޮންޑާ ވިދާޅުވި އެވެ.

އެބިލާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން، ވިދާޅުވީ އެބިލަށް ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް މިފަދަ ދައުލަތުގެ މާލިއްޔާތަށް ބުރަ ބޮޑުވާ ހަރަދު ކުރަން ޖެހޭ ބިލްތައް މަޖިލީހަށް ހުށަހެޅެން ޖެހޭނީ ސަރުކާރުގެ ފަރާތުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެގޮތަށް މީގެ ކުރިން އަމަލު ކޮށްފައި، މިހާރު މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނެވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ބޮންޑާ ވިދާޅުވީ އެ ބިލްގައި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަތަކަށް ދޭ މާލީ އެހީގެ އަދަދު ޑަބަލް ބޮޑު ކުރަން އޭނާ ބޭނުންވާ ކަމަށެވެ. އަދި މި މަޖިލިހުގެ އެއްވެސް މެމްބަރަކު އެކަމަށް ދެކޮޅު ނުހައްދަވާނެކަން، އެނގޭ ކަމަށް ވެސް ބޮންޑާ ވިދާޅުވި އެވެ.

އެބިލަށް ބަހުސް ކުރެއްވި އެއްވެސް މެމްބަރަކު ހާއްސަ އެހީއަށް ބޭނުންވާ ފަތާތްތަކަށް ދެވޭ މާލީ އެހީ ބޮޑު ކުރުމާ ދެކޮޅެއް ނުހައްދަވަ އެވެ. ގިނަ މެމްބަރުން ވިދާޅުވީ ހަމައެކަނި މާލީ އެހީ ބޮޑުކޮށްގެން ފަރުޖެއްސެން ނެތް ކަމަށެވެ. އެ ފަރާތްތަކަށް ބޭނުންވާ ބޭހާއި ބޭސްފަރުވާގެ ކަންކަން ފުޅާކޮށް، އިތުރަށް ތަރައްގީކޮށް، އަތްފޯރާ ފަށަށް ގެންނަން ޖެހޭ ކަމަށް މެމްބަރުން ފާހަގަކުރެއްވި އެވެ. އަދި އެބިލްގައި ހުށަހަޅާފައިވާ 5،000 ރުފިޔާ އާއި 9،000 ރުފިޔާ ގެ އަދަދަކީ އެންމެ ބޮޑަށް އެހީ ބޭނުންވާ ފަރާތްތަކަށް އެއްވެސް އެއްޗެއް ނޫން ކަމަށެވެ.

"އަޅުގަނޑުގެ އެދުމަކީ އިހުލާސްތެރިކަމާއެކު ކޯލިޝަން ޕާޓްނަރުން ތިއްބަވައި، ފިތުނަ އުފައްދައިގެން އެއްޗެއް ނެރެގެން ބަގާވާތް ކުރަން ނުވިސްނަވާށެ ދެން،" ބޮންޑާ ވިދާޅުވި އެވެ.
ހިޔާލު