Kandu mathin dhimaavaa tholheege biruverikan
image
ތޮޅިއެއް-- ފޮޓޯ: ޓްވިޓާ
ސާޔާ އަހްމަދު
1 ކޮމެންޓް
 

ކަނޑުމަތިން ދިމާވާ ތޮޅީގެ ބިރުވެރިކަން

ރާއްޖޭގެ 99 އިންސައްތައަކީ ކަނޑެވެ. އެހެންވެ ކަނޑު މަތީގެ ހާދިސާތައް އަބަދުވެސް ހިނގަ އެވެ. އޭގެ ތެރޭގައި ކަނޑުގައި އުޅޭ ދިރޭ ތަކެތީގެ ސަބަބުން ލިބޭ ބޮޑެތި ޒަހަމްތައް ހިމެނެ އެވެ. އެގޮތުން ތޮޅީގެ ހަމަލާތަކުގައި އެތައް ބަޔެއްގެ ފުރާނަ ވަނީ ގެއްލިގެން ގޮސްފަ އެވެ.
ޒަމާނަށް އައި ބަދަލާއެކު ސިއްހީ ނިޒާމަށް ވެސް ކުރިއެރުންތަކެއް ލިބިއްޖެ އެވެ. މިހާރު އޮތް އުފާވެރި ހަބަރަކީ ތޮޅީގެ ނުރައްކާތެރި ހަމަލާއަށް ފަހު، އަވަސް ފަރުވާ ދީގެން ފުރާނަ ސަލާމަތް ކުރެވިދާނެ ކަމުގެ ހަބަރެވެ. އަންގާރަ ދުވަހުގެ ރޭ ސަރުކާރުގެ ހޮސްޕިޓަލުން ވަނީ އެކަން ސާބިތުކޮށްދީފަ އެވެ.ތޮޅީގެ ނުރައްކާ

ތޮޅި އިންސާނުންނަށް ނުރައްކާ ވަނީ އޭގެ ވިހަގަދަ ކަމުންނެއް ނޫނެވެ. އެއާ ހިލާފަށް ތޮޅި ނުރައްކާ ވަނީ އެ މަހުގެ ބައްޓަމުގެ ސަބަބުންނެވެ. އެ މަހަކީ ހިމަކޮށް ދިގުކޮށް، ތުންކޮޅަށް ވަކިން ހާއްސަކޮށް ހިމަކޮށް ހުންނަ މަހެކެވެ. އެއަށް "ނީޑްލްފިޝް" އިނގިރޭސިން ކިޔަނީ އެ ބައްޓަމާއި ގުޅުވައިގެންނެވެ.

އެ މަހަކީ ކަނޑުގެ ފެންގަނޑުގެ މާ ފުނުގައި އުޅޭ މަހެއް ނޫނެވެ. އަދި އެ މަހަށް ކަނޑުގެ ފެންގަނޑުގެ މައްޗަށް ގަޑިއަކު 37 މޭލު ބާރު މިނުގައި ފުންމުމުގެ ގާބިލުކަން ލިބިފައި ވެއެވެ. އިންސާނުންނަށް އެ މަހުގެ ނުރައްކާ ޖެހެނީ އެ ހިސާބުންނެވެ. އެއްގަމުގައި ހުންނަ މީހެއްގެ ގަޔަށް މަހުގެ ތުންކޮޅު ހެރުމުގެ ފުރުސަތު އޮންނާތީ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އަންގާރަ ދުވަހުގެ ރޭގެ ހާދިސާގައި ވެސް ދިމާވީ އެގޮތަށެވެ. އެއްގަމުގައި މަސް ބާނަން ހުއްޓާ، ކަނޑުން ފުންމައިގެން ބާރު ސްޕީޑުގައި އެރި ތޮޅި ހެރުނީ އެމީހާގެ ކަރަށެވެ. ކަރުގެ ނާރަކަށް އޭގެ ތުންކޮޅި ނުހެރި އިނީ ހަމަ ކިރިޔާ އެވެ. ތުންކޮޅިގެ ހަ އިންޗި ކަރު ތެރެއަށް ވަދެފައި ވެއެވެ.ސަލާމަތް ކުރި ގޮތް

ތޮޅި ހެރުނު މީހާ ފަރުވާ އަށް ގެންދިޔައީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށެވެ. އައިޖީއެމްއެޗުން ބުނީ އެތަނުގައި އެމީހާއަށް އަވަސް ފަރުވާ ދިން ކަމަށެވެ. އެގޮތުން ކަރަށް ހެރިފައި އިން ތޮޅީގެ ތުންކޮޅު ނެގީ ކަރުންމަތީގެ ހާއްސަ ސާޖަނުން ކުރި އޮޕަރޭޝަނަށް ފަހު އެވެ.

އެ ހޮސްޕިޓަލުން ބުނީ ކަރުންމަތީގެ ހާއްސަ ސާޖަނުންނަށް އެހީވުމަށް ރޭޑިއޮލޮޖިކަލް ގައިޑަންސް ދިން ކަމަށެވެ. އެއީ ކަރުގެ އޮޕަރޭޝަން ކުރުމުގެ ކުރިން، އެތެރެއިން ނާރަކަށް ގެއްލުން ނުވާނެ ގޮތަކަށް އޮޕަރޭޝަން ކުރުމަށް ރޭޑިއޮލޮޖީ ބޭނުންކޮށްގެން ތޮޅީގެ ތުންކޮޅު ސީދާ އިންތަން ދެނެގަތުމަށެވެ."އޭތި (ތުންކޮޅު) ނަގާފައި ވަނީ ކަރުގެ ލޭ ނާރެއް ކައިރިން. އައިޖީއެމްއެޗުގެ އެނެސްތީޒިއާ ޓީމުން ހޭނެއްތުމުގެ ކަންކަން ކުރީ ވަރަށް ބޮޑަށް ސަމާލުކަން ދީގެން،" އެ ހޮސްޕިޓަލުން ބުންޏެވެ. އައިޖީއެމްއެޗުން ބުނީ އޮޕަރޭޝަން ކުރި މީހާގެ ހާލު ރަނގަޅު ކަމަށެވެ.

ކަރަށް ތޮޅި ހެރުމުގެ ސަބަބުން މީގެ ކުރިން ގިނަ ބަޔެއްގެ ފުރާނަ ގެއްލިފައި ވެއެވެ. އެގޮތުން މިދިޔަ އަހަރު ނ. މާޅެންދޫގެ ޒުވާނަކު މަރުވީ ތޮޅި ކަރަށް ހެރުމުން ލިބުނު ޒަހަމުތަކުގަ އެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން، ޖުލައި 22، 2018 ގައި މަރުވީ އުމުރުން 29 އަހަރުގެ ޒުވާނެކެވެ.

އެފަހަރު އޭނާ ގެންދިޔައީ އދ. މަހިބަދޫ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާގެ ހާލު ވަރަށް ސީރިއަސް އެވެ. އިތުރު ފަރުވާ އަށް މާލެ ގެނައި ނަމަވެސް، ފުރާނަ ސަލާމަތް ކުރެވޭ ގޮތެއް ނުވި އެވެ. އެފަހަރު ވެސް ކަރަށް ވަރަށް ފުންކޮށް ތޮޅީގެ ތުންކޮޅު ހެރިފައި އިނެވެ.

ރައްކާތެރިވާނީ ކިހިނެއް؟

ދިރާސާތަކުން ދައްކާ ގޮތުގައި ތޮޅި އަކީ މޫދުގެ ފެންގަނޑުގެ ވަރަށް މަތީގައި އުޅޭ މަހެކެވެ. އެހެންވެ ބަނދަރު ކައިރި އާއި ބޯޓު ފަހަރު ކައިރީގައި އެ މަސް ގިނައިން އުޅެ އެވެ. އަދި ރޭގަނޑުގެ ވަގުތު ޓޯޗު ނުވަތަ އެހެންވެސް އަލިކަމެއް އެ މަހަށް ސީދާ ދީފި ނަމަ، ފުންމައިގެން މައްޗަށް އެރުމުގެ ފުރުސަތު ބޮޑެވެ.

މަސްވެރިކަމުގެ ތަޖުރިބާކާރަކު މައުލޫމާތު ދިން ގޮތުގައި ތޮޅި ފުންމައިގެން އެރުމުގެ ނުރައްކާ ބޮޑަށް އޮންނަނީ މޫދަށް ޓޯޗުން އަލި ކުރުމަށް ފަހު ކުއްލި އަކަށް ނިއްވާލުމުންނެވެ. އެގޮތަށް ހަދައިފިނަމަ، އެ އަލި ދިއްކުރި ދިމާލަކަށް ތޮޅި ފުންމައިގެން އައުމުގެ ފުރުސަތު ބޮޑެވެ.

އެކަމަކު ބައެއް ފަހަރު ޓޯޗުން އަލި ކުރުމަށް ފަހު، މައްޗަށް ޓޯޗުގެ އަލި ދިއްކުރުމަށް ފަހު ނިއްވާލުމުން ވެސް ތޮޅި ފުންމައިގެން އާދެ އެވެ. ފާނައިގެ މަސްވެރިކަން ކުރާ މީހަކު ސީއެންއެމް އަށް ކިޔައިދިން ގޮތުގައި ތޮޅިއަކީ ގަސްތުގައި އިންސާނުންނަށް ހަމަލާދޭ މަހެއް ނޫނެވެ.

"އަސްލު ގަސްތުގައެއް ނޫން އޭތި ފުންމައިގެން އެ އަންނަނީ. ލައިޓު ވިޔަސް ޓޯޗު ވިޔަސް ދިއްލާފައި ނިއްވާލީމައި، އޭތި ސިހިސިހިގެން ދޯ ދާނީ. އެހެންވެ ސިއްސައިގެން ގޮސް ފުންފުންމައިގެން އެ އަންނަނީ. ދެން އަންނަ ބާރު މިނުގައި އައިސް ހެރެނީ،" އެ މަސްވެރިޔާ ބުންޏެވެ.

އޭނާ ބުނީ ތޮޅި ފުންމައިގެން އައުމަކީ މަހަށް އުޅޭ އިރު އާއްމުކޮށް ދިމާވާ ކަމެއް ނަމަވެސް، އޭގެ ނުރައްކާ ބޮޑުވަނީ މަދު ފަހަރެއްގައި ކަމަށެވެ. އެކަމަކު އޭނާ ދަންނަ ގިނަ މަސްވެރިންނަށް ވެސް ތޮޅީގެ ސަބަބުން އަނިޔާވެފައިވާ ކަމަށް ބުންޏެވެ.

"އެކަކު ތުންފަތް ވެސް ދެފަޅިވި. ހަމަވޭ އަނިޔާ. އެކަމަކު ގިނަ ފަހަރު ލިބެނީ ކުދިކުދި އަނިޔާ. ދެން އޭތި އެ އަންނަ މާރު މިނުގައި އައިސް، ދޯނި އެއްޗިސް ފޫއަޅުވާލާފައި އެބަ ދޭ ދެ ފޫޓާއި ހަމައަށް ވެސް،" އެމީހާ ބުންޏެވެ.

އެ މަސްވެރިޔާގެ ވާހަކަތަކަށް ބަލާއިރު ރޭގަނޑުގެ ވަގުތުގައި މަހަށް ނުވަތަ އެހެން ކަމަކަށް ވެސް ކަނޑު މައްޗަށް ގޮސް އުޅޭއިރު، އަތުގައި އޮންނަ ޓޯޗު ގަޔާ ކައިރިން ސީދާ މޫދަށް އަލި ނުކުރުން މުހިއްމެވެ. އޭގެ އިތުރުން ރޭގަނޑު މޫދަށް އެރި އުޅޭއިރު ވެސް އެކަމަށް ސަމާލުކަން ދިނުން މުހިއްމެވެ.ހާދިސާއެއް ދިމާވުމުން އަވަސް ފަރުވާ ދޭނެ ގޮތް އެނގިފައި ހުރުމަކީ މުހިއްމު ކަމެކެވެ. ލޭ އަންނަ ނަމަ އަމަލު ކުރާނެ ގޮތާއި، ކަރަށް އެއްޗެއް ހެރިފައިވާ ނަމަ އަމަލު ކުރާނެ ގޮތް އާއްމުކޮށް ކަނޑުމަތީގައި އުޅޭ ފަރާތްތަކުން ދަސް ކުރަން ވާނެ އެވެ. ރަނގަޅު ހޮސްޕިޓަލަކަށް އަނިޔާވި މީހާ ފޮނުވެންދެން، އެންމެ އާދައިގެ ފަރުވާ ދޭން ކައިރީގައި ތިބޭ މީހުންނަށް އެނގޭ ނަމަ ފުރާނަ ސަލާމަތް ކުރެވުމުގެ ފުރުސަތު ބޮޑުވާނެ އެވެ.
ހިޔާލު

ބަދަވި

ތި ހަބަރު ފުރިހަމައެއްނޫން ތިމީހާ ފުރަތަމަ ގެންދިޔައީ ކޮމަންޑޫ ހެލްތްސެންޓަރައް އެތާ ޑޮކްޓަރުބަލާފަ އެއްވެސް މައްސަލައެއް ނެއްކަމަށް ބުނެ ލޭމަނާކޮއްފަ ފަހާފަ ފޮނުވާލީ ދެން އެމީހުން އަމިއްލަޔައް އައީ އުނގޫފާރު ރީގަނަލް ހޮސްޕިޓަލައް އެތަނުން އެމްއާރުއި ނުހެދޭތީ އާސަންދައިން މާލެ ފޮނުވީ މިހާރި ސާފުވެއްޖެ ކަމައް ހީކުރަން