Maru ge inzaaru dheythee fiyavalhu elhumah MDN in govaalaifi
image
އެމްޑީއެންއިން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --
0 ކޮމެންޓް
 

މަރުގެ އިންޒާރު ދޭތީ ފިޔަވަޅު އެޅުމަށް އެމްޑީއެއިން ގޮވާލައިފި

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓުގެ ސަބަބުން އެ ޖަމިއްޔާގެ މުވައްޒަފުންނާއި މެމްބަރުންނަށް މަރުގެ އިންޒާރު ދެމުން ގެންދާ ކަމަށާއި އެކަމަށް އަވަސް ފިޔަވަޅެއް އަޅައި ދިނުމަށް އެދި އެޖަމިއްޔާއިން ގޮވާލައިފިއެވެ.
އެ ޖަމިއްޔާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދީނީ ގޮތުން ހަރުކަށި ފިކުރު އޮތް ކަމާއި ޓެރަރިޒަމްގެ ހަރަކާތްތައް ހިންގާ ކަމާއި އެކަމުގައި ޒުވާނުން ޝާމިލި ކުރަމުން ގެންދާކަމީ އެ ޖަމިއްޔާއިން 2016ވަނަ ނެރުނު ދިރާސާއިން ފެންނަން އޮތް ނުރައްކާތެރި ކަންތައްތަކެއް ކަމަށެވެ. އަދި އެއީ ދިވެހި ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ސަމާލުވެ ހުއްޓުވަން ޖެހޭ މައްސަލައެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނީ އެކަންކަން ފޮރުވަން މަސައްކަތްކޮށް، އިދާރާތަކުން ހިންގާ ތަހުގީގުގެ ފޯކަސް ގެއްލުވާލައި، ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް އެމްޑީއެންއަކުން ނުބުނެއެވެ.

އެޖަމިއްޔާއިން އިސްލާމްދީނާއި ރަސޫލާއަށް ބަދުބަސް ބުނެ ނެރުނު ރިޕޯޓާއި ގުޅިގެން މީގެކުރިންވެސް ވަނީ މައާފަށް އެދި، އެ ރިޕޯޓު އިސްލާހު ކުރުމަށް ކަމަށްބުނެ އަނބުރާ ގެންގޮސްފައެވެ. މިރޭގެ ރިޕޯޓުގައިވެސް އެކަން ވަނީ ތަކުރާރު ކޮށްފައެވެ. އަދި ބުނީ އެކަމުގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އެ ޖަމިއްޔާއިން އެއްބާރުލުން ދޭނެ ކަމަށެވެ.

އެހެންނަމަވެސް އެ ޖަމިއްޔާގެ މުވައްޒަފުންނާއި މެންބަރުންނަށް ފުރައްސާރަކޮށް މަރުގެ އިންޒާރު ދެމުން ގެންދާ ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދާ، ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާއަކަށް ގޮވާލައި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެމްޑީއެންއިން މިފަދައިން ބުނެފައިވާއިރު އެ ޖަމިއްޔާއާ ދެކޮޅަށް މިހާރުވެސް ގިނަބަޔަކު އަންނަނީ އަޑު އުފުލަމުންނެވެ. އަދި ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިން މި މައްސަލާގައި އެ ޖަމިއްޔާ އުވާލަން ވެސް އަންނަނީ ގޮވާލަމުންނެވެ.

އެމްޑީއޭގެ ބަޔާނުގައި ބުނީ މަދަނީ ޖަމިއްޔާތަކުން ރާއްޖޭގައި ހަރަކާތްތެރިވާނެ ޖާގަ އިތުރަށް ހަނި ކުރުމުގެ ފުރުސަތު ނުދިނުމަށް އެންމެހާ މުއައްސަސާތަކަށް ގޮވާލައި ކަމަށެވެ.

އެމްޑީއެންގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ. އަދި އެ މައްސަލާގައި ދީނީ އިލްމުވެރިން އިސްލާމިކް މިނިސްޓަރާއި ބައްދަލު ކުރެއްވިއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ވެސް ވަނީ ބައްދަލު ކުރައްވާފައެވެ. ރައީސް ސޯލިހު ވެސް ވަނީ އެކަން ބައްލަވާ ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.



އެމްޑީއެން
ހިޔާލު