Moonugai bihi nagaathee kanboduveytha?
image
ފޮޓޯ: ސޯޝަލް މީޑިއާ
ފާތުމަތު ރިފާޢަތު
1 ކޮމެންޓް
 

މޫނުގައި ބިހި ނަގާތީ ކަންބޮޑުވޭތަ؟

ގައިގެ އެކި ހިސާބުތަކުގައި ވަކިން ޚާއްޞަކޮށް މޫނުގައި ބިހިނެގުމަކީ، ފުރާވަރުގެވަރަށް ގިނަ ޒުވާނުންނަށް ކުރިމަތިވާ ކަމެކެވެ. ފުރާވަރު އުމުރަށް ވުރެ ޢުމުރުން 20 އަހަރާއި 30 އަހަރާއި ދެމެދުގެ މީހުންނަށްވެސް މިކަމާއި ކުރިމަތިލާންޖެހެނީ މަދެއްކޮށެއް ނޫނެވެ.
ބައެއްފަހަރަށް މޫނުގައި ނުވަތަ ގައިގައި ބިހިނެގުމަކީ ވަކިޢުމުރަކަށް އެޅީމަ ކޮންމެހެން ދިމާވާން ޖެހޭކަމެއް ކަމަށް ހީކޮށް އެކަމަށް ފަރުވާނުކޮށް ދޫކޮށްލެވޭތަން އާދެއެވެ. މިކަމުގެ ނަތީޖާއަކަށްވަނީ ބަލިފަސޭހަނުވެ ، މޫނުގައި ވަޅުގަނޑު ހެދި ތިމާގެ ސޫރައަށްވެސް އެކަމުން އަސަރުކުރުމެވެ.

މިފަދަ ޞިއްޙީ ކޮންމެ ކަމެއްގައިވެސް އޮތް އެއްމެ ބުއްދިވެރި ގޮތަކީ، ކަމާއި ގުޅޭ ޑޮކްޓަރަކަށް ދައްކައިގެން އޭނާގެ ލަފާގެ މަތިން ވީހާވެސް އަވަހަކަށް ފަރުވާ ހޯދުމެވެ. މި ލިޔުމުގައި އަޅުގަނޑު މި ބަލާލަނީ މޫނުގައި ބިހި ނެގުމަށް މެދުވެރިވާ ސަބަބާ އަދި މިކަމުން ރައްކާތެރިވުމަށްޓަކައި ކެވިދާނެ ބައެއް ކާނާގެ ބާވަތްތަކަށެވެ. އެގޮތުން ފުރަތަމަ މި ބަލާލަނީ މޫނުގައި ބިހި ނަގާ ސަބަބު:

1- ފުރާވަރަށް އަރަމުން އަންނަ ދުވަސްވަރުގައި ހަށިގަނޑުގެ ހޯރމޯންގެ މިންވަރު އިތުރުވުމުގެ ސަބަބުން ހަމުގައި ހުންނަ ތެޔޮ އުފައްދާ ގްލޭންޑްތަކުގެ ސައިޒާއި މަސައްކަތް އިތުރުކުރެއެވެ.

2- ތެޔޮ އުފައްދާ ގްލޭންޑްތަކުން ބޭރުކުރާ ތެޔޮ ހަމުގެ ފަށަލައާއި ހަމައަށް ގެނެސްދޭ ކެނަލްތައް ހަމުގަ ހުންނަ ޕްރޮޓިން މާއްދާއެއްކަމުގައިވާ ކެރަޓިން އިން ބެދުމުގެ ސަބަބުންވެސް މޫނުގައި ބިހި ނަގާ މިންވަރު އިތުރުވެއެވެ.

3- ގްލޭންޑްތަކުގެ މަސައްކަތް އިތުރުވެ، ކެނަލްތައް ބެދުމުގެ ސަބަބުން ހަމުގައާއި ތެލުގައި އުޅޭ ބެކްޓީރިއާ އިތުރުވުމުގެ ސަބަބުން ހަމުގައި އިންފްލެމޭޝަން އުފެދުން ހިމެނެއެވެ.

ބައެެއް ފަހަރަށް އަހަރެމެންގެ ބައެއް ކަހަލަ އާދަކާދަތަކަށްވެސް ސަމާލުކަންދޭން ޖެހެއެވެ. އެގޮތުން ބޮލުގައި ޤަވާޢިދުން ޝޭމްޕުލުމަކީވެސް އޮށަޅައަށް ފަރުވާކުރުމުގައި ވިސްނަންޖެހޭ ވަރަށް މުހިންމު ކަމެކެވެ. އިސްތަށިގަނޑު ބޮޑަށް ތެޔޮވިވަރަކަށް ، ދޮންނަންޖެހޭ މިންވަރު އިތުރުކުރަންޖެހޭނެއެވެ. އަދި މޫނަށް ތެޔޮ ފޭބިޔަނުދިނުމަށްޓަކައި، އިސްތަށިގަނޑު މޫނުމައްޗަށް ނުވެއްޓޭގޮތަށް ފުނާއެޅުންވެސް ރަނގަޅުވާނެއެވެ.

އަބަދުވެސް ބޭނުންކުރާ ކޮސްމެޓިކްސްއަކީ ވޯޓަރ ބޭސްޑް ނުވަތަ ފެނުން ހެދިފައިވާ ތަކެއްޗަށް ހެދުމަކީވެސް ކުރެވިދާނެ ކަމެކެވެ.

އަދި ބައެއް މީހުންނަކީ މޫނުގައި ވަރަށް ގިނައިން ކެމިކަލްގެ މާއްދާތައް އެކުލެވޭ ބްރޭންޑްތައްވެސް ބޭނުން ކުރާ ބައެކެވެ. ނަމަވެސް ކެމިކަލުން މޫނުގެ ހަމަށް ލިބޭ ގެއްލުމާ މެދު ވިސްނާލަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯ؟ ބައެއް މީހުންނަކީ މޫނުގައި ނަގާ ބިހި މަދު ކުރުމަށްޓަކައި ގުދުރަތީ މާއްދާ އެކުލެވޭ ތަކެތި ބޭނުން ކޮށް އުޅޭ މީހުންނެވެ. އަދި ބައެއް މީހުންނަކީ މޫނުގައި ވެސްލިންއާ، ކޮކޯ ބަޓަރއާ، ކޯލްޑް ކްރީމްއާ، ވިޓަމިން އީ ތެޔޮ ފަދަ ގްރީސް ހިމެނިފައިވާ ތަކެތި ބޭނުންކުރާ މީހުންނެވެ. ނަމަވެސް އެއީ ރަނގަޅުކަމެއްނޫނެވެ.

ހިރުވާތީ ނުވަތަ އެނޫންވެސް ސަބަބުތަކާއި ހުރެ ބައެއްމީހުން، މޫހުގައި ހުންނަ ބިހިފަޅާ ، ކޮށްޓާހަދައެވެ. އެކަމަކު، މިހެންކަންތައްކުރުމުން، އިންފެކްޝަން އިތުރަށްފެތުރި، މޫނުގައި އިތުރު ހިސާބުތަކުގައިވެސް ބިހިނަގަންފަށައެވެ. ބިހި ކޮށްޓާ ހެދުމަކީ ރަނގަޅުކަމެއް ނޫނެވެ. އެއީ ލަކުނު ލުމުގެ ފުރުސަތު ބޮޑުވީމައެވެ.

ކާނާ: އާދައިގެ ބެލެންސް ޑައެޓަކާއިއެކު، ޕިއްޒާއާ، ފްރައިޑް ފުޑްސްއާ، ޗޮކޮލެޓްއާ، ޕޮޓޭޓޯ ޗިޕްސްއާ، ލުއި ބުއިންތައް ބޭނުންކުރުމަކުން މޫނުގައި ބިހިނެގުން އިތުރުވާ ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. ކޯލާފަދަ ބުއިމާއި ދަޅުގައި ބަންދު ކުރެވިފައިވާ ކާނާއިން މޫނުގައި ބިހި ނެގުމަށް މެދުވެރިވާ ކާނާގެ ތެރޭގައި ހިމެނޭ ކަމަށްވެސް ދިރާސާތަކުން ދައްކައެވެ.

އެންމެ ބުއްދިވެރި ގޮަތަކީ ތާޒާ މޭވާއި، ތަރުކާރީ ކެމުގައި ބޭނުން ކުރުމެވެ. އެއީ ގުދުރަތީ ކާނާއިން ލިބޭ ފާއިދާތައް ތައްޔާރީ ކާނާއިން ނުލިބޭތީއެވެ.


މި ފޮޓޯއިން ފެނިގެން ދަނީ މޫނުގައި ނަގާ ބިހި މަދު ކުރުމަށް ކެވިދާނެ ބައެއް ބާވަތްތަކުގެ ކާނާއެވެ.

ބިހިނެގުމުން މަދު ކުރުމަށްޓަކައި ނިދުމުގެ ކުރިން މޭކަޕް ދޮންނަން އާދަކުރަން ވާނެއެވެ. އަދި މޫނު ފޮހެން ގެންގުޅޭ ތުވާލިކޮޅަކީ މަޑު ތުވާލިކޮޅަކަށްވެސް ހެދިދާނެއެވެ. މޫނުގައި މާ ބޮޑަށް ލަކުނުގެ އަސަރު ފެންނަ ނަމަ ގިނަ ޒުވާނުންނަކީ ލަދުގަންނަ ބައެކެވެ. އަދި މިކަމުން ޑިޕްރެޝަނަކަށް ދިޔުންވެސް ގާތެވެ. ނަމަވެސް މިމަކަމަށްވެސް ދިރާސާތަކުން ދައްކާގޮތުން ނަމަ ހައްލުތަކެއްވެއެވެ. އެގޮތުން ލޭޒާ ކުރުމާއި ފޭސް ކްލީން ހެއްދުމަކީވެސް ކުރެވިދާނެ ކަންކަމެވެ.
ހިޔާލު

އިހުސާނާ

ވަރަށް ފައްކާ އާޓިކަލެކޭ ބުނެވޭނީ!